Roadha Mihaaru
ލިޔެކިއުންތައް ނައްތައެއް ނުލަން: ފެނަކަ

ލިޔެކިއުންތައް ނައްތައެއް ނުލަން: ފެނަކަ

30 ސެޕްޓެމްބަރ 2018

ކޮރަޕްޝަންގެ ހެކި ފޮރުވަން އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލާ ކަމަށް ކުރާ ތުހުމަތުތައް ފެނަކަ ކޯޕަރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮރަޕްޝަންގެ ހެކި ފޮރުވަން އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލާ ކަމަށް ކުރާ ތުހުމަތުތައް ފެނަކަ ކޯޕަރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.

ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު ފެނަކައިން ޑޮކިއުމެންޓްތަކެއް ނައްތާލާކަމަށް ފަތުރާ ވާހަކަތަކަށް ރައްދުދެއްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ފެނަކައިން ނައްތާލާނެ ޑޮކިއުމެންޓެއް ނުހުންނާނެ. މި ކުންފުނިން އެފަދަ ކަމެއް ނުކުރާނެ،" ސުވާލު ކުރުމުގެ ފުރުސަތު ނުދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްއާން ވިދާޅުވި އެވެ.

ފެނަކައިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5:00 ޖެހުމާ އެކު އޮފީސް ބަންދުވާނެކަން އަންގާފަ އެވެ. އޭގެ ފަހުން ވަކި ހުއްދައެއްގެ ދަށުން ނޫނީ އޮފީހަށް ވަނުން މަނަ އެވެ. މީގެ ކުރިން މުވައްޒަފުންނަށް ކޮންމެ ވަގުތެއްގައި ވެސް އޮފީހަށް ވަދެވެ އެވެ.

އެ ބަދަލު ގެނައީ އެ ކުންފުނީގެ ޓެންޑާ ޑިޕާޓްމަންޓުން ލިޔެކިއުންތަކެއް ނައްތާލަން ކަމަށް ކުންފުނީގެ ބައެއް މުވައްޒަފުން ތުހުމަތުކުރެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ކުންފުނިން ތަފާތު ހަރަދުތައް ކޮށްފައިވާ ކަމަށާއި އެ ހެކިތައް ނައްތާލަން މަސައްކަތް ކުރާ ކަމަށް ވެސް ބައެއް މުވައްޒަފުން ބުނެ އެވެ.

ލަމްއާން ވިދާޅުވީ ކަރަންޓާއި ފެނުގެ އިތުރުން ނަރުދަމާގެ ހިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އިލްތިމާސް ކުރެއްވީ ކުންފުނީގެ މުވައްޒަފުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުމަށެވެ.

ފެނަކައިގެ ޗީފް ސާވިސް އޮފިސާ ޝަހުމީދު އަބްދުﷲ ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް އެކުންފުނިން ދެމުން އަންނަ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށެވެ. އަދި އާ ސަރުކާރަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.