Roadha Mihaaru
ލީޑަރުން މިނިވަންކުރި ގޮތަށް ހުރިހާ ގައިދީން ދޫކޮށްލާ!

ލީޑަރުން މިނިވަން ކުރުމުން ޕީޕީއެމްގެ ފާޑުކިއުން: "ހުރިހާ ގައިދީން ވެސް ދޫކޮށްލާ!"

01 އޮކްޓޯބަރ 2018

ޖިނާއީ ކުށްތަކުގައި ޖަލަށް ލާފައި ތިބި ސިޔާސީ އިސް ލީޑަރުންތަކެއް ކަފާލާތުގެ ދަށުން މިނިވަންކުރި ގޮތަށް، ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ވެސް ދޫކޮށްލުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފެށުމަށް ޕީޕީއެމުން ރޭ ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިނާއީ ކުށްތަކުގައި ޖަލަށް ލާފައި ތިބި ސިޔާސީ އިސް ލީޑަރުންތަކެއް ކަފާލާތުގެ ދަށުން މިނިވަންކުރި ގޮތަށް، ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ވެސް ދޫކޮށްލުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފެށުމަށް ޕީޕީއެމުން ރޭ ގޮވާލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ހައި ކޯޓުން ރޭ ވަނީ މިނިވަންކޮށްފަ އެވެ. އަދި، ރިޝްވަތުގެ ތުހުމަތުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

އެކި ކުށްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންތަކެއް ދޫކުރަނީ، ގާނޫނާ ޚިލާފަށް ކަމަށް ބުނެ ޕީޕީއެމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ ޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަނީ އެންމެ މީހެއް، ދެ މީހެއް ނޫން ކަމަށެވެ. އޭގެތެރެއިން، ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ކޮން ބައެއް ކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން، ސިޔާސީ ތިން ބޭފުޅަކު ދޫކޮށްލީ، ގޯސްކޮށް ކަން ސާބިތުކޮށްދެއްވަން ޖިނާއީ އިޖުރާއަތުގެ 63 ވަނަ މާއްދާ ނިހާން ވިދާޅުވެ ދެއްވި އެވެ. އެއް ބަޔަކު ޖަލުގައި ތިބެފައި، އަނެއް ބަޔަކު ޖަލުން ދޫވުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވެ ދެއްވި މާއްދާ ޓުވީޓް ކުރައްވާފައި.

"ޖަލުތަކުގައި ތިބި ވަކި ބަޔަކު ހޮވާފައި، ވަކި އަދަދެއްގެ ފައިސާކޮޅެއް ބަހައްޓާފައި ގެންދެވޭ ގޮތް ވެއްޖެ ނަމަ މުޅި ގައުމުގެ އިންސާފުން އެއްކިބާވެވޭނެ ޖާގަތަކެއް މިހިރަ ފެންނަނީ،" ނިހާން ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަފާލާތުގެ ދަށުން ދޫކޮށެއް ނުލެވޭނެ އެވެ.

"މިއަދު ދޫކޮށްލެވުނު ތިން ބޭފުޅުން [މައުމޫނާއި ގާސިމާއި ފާރިސް އަކީ] މި ދެންނެވި ތުހުމަތުގައި ބަންދުކުރެވިފައި ތިބި މީހުން. މިއޮތީ، ގާނޫނާ ޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ދޫކޮށްލާފައި،" ނިހާން ވިދާޅުވި އެވެ.

"މިއަށް ވުރެ މާ ނިކަމެތި، މާ އާދައިގެ ވަރަށް ދެރަވަރު، ގަހަކުން ވެއްޓިފައި އޮންނަ ބަނބުކޭލެއް ވަގަށް ނެގުމުގެ ސަބަބުން ހުކުމް ކުރެވިގެން، ނުވަތަ ފިހާރައަކުން ލޯޝަން ފުޅިއެއް ވަގަށް ނަގައިގެން، ފިހާރައަކުން ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން ގެންދެވިފައި ތިބި މީހުން ޖަލުގައި އެބަތިބި. ކޮބައިތޯ އެ މީހުންގެ ހައްގު. ކާކުތޯ އެ މީހުންގެ ވާހަކަ ދައްކަނީ."

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބުވެވަޑައިގަތުމާ އެކު، ޖަލުގައި ތިބި ބޮޑެތި ކުށްވެރިން "އާ ގޮތަކަށް، ދަނީ މިނިވަންވަމުންނެ"ވެ. ކުށްވެރިންތަކެއް އިސްލާހުވާން، ގާނޫނުގެ ތެރެއިން ގޮތްތަކެއް ހަމަޖެއްސުމަކީ އުފާކުރާނެ ކަމެއް ނަމަވެސް މިހާރު އަމަލުކުރަމުންދަނީ އެ އުސޫލާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ސަރުކާރުން މަސައްކަތް ކުރަން ޖެހެނީ ސިޔާސީ ބޭފުޅުންތަކެއް، ކުރެއްވި ޖިނާއީ ކުށްތަކަކުން އެ ބޭފުޅުން ދިފާއުކުރައްވަން އެކަންޏެއް ނޫނެވެ. އާއިލާތަކަށް އާމްދަނީ ހޯދައިދޭން ތިބި އެތައް ބަޔަކު ވެސް އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބި ކަމަށާއި އެ މީހުން ވެސް އިސްލާހުވާން ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ބޭފުޅުން ވެސް ކުށްކުރުމުގެ ސަބަބުން އެ ބޭފުޅުން ޖަލަށް ލާފައި ތިބީ. އެހެންވީމާ ސިޔާސީ ބޭފުޅުންގެ ހައްގު ހޯދަން މަސައްކަތް ކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ކަމަށް ވަނީވިއްޔާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ޖަލުތަކުގައި ތިއްބެވި އެހެން ބޭފުޅުންގެ ވެސް ހައްގުތައް ހޯދަން މަސައްކަތް ކުރައްވައި ކަފާލާތުގެ ދަށުން އެ ހުރިހާ ބޭފުޅުން ވެސް މިނިވަންކުރަން،" ޚަލީލް ވިދާޅުވި އެވެ.

އެހެންވެ އުއްމީދަކީ، އޭނާ ވިދާޅުވި ގޮތުގައި، ޖަލުތަކުގައި ދެން ތިބި ކުށްވެރިން ވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމުގެ މަސައްކަތް ކުރުމެވެ. އެކަން ނުކުރާ ނަމަ، އިބޫ މަސައްކަތް ކުރައްވަނީ ވަކި ފަރާތެއްގެ ނުފޫޒުގައި ބަނދެވިގެން ހުންނަވައިގެން ކަމަށް ބުނެވޭނެ ޖާގަ އޮންނާނެ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.