Roadha Mihaaru
"ބަޣާވާތެއް ނޫން، ގާސިމް ކުރަނީ ގައުމީ މަސައްކަތެއް"

ބަޣާވާތެއް ގެންނަން ގާސިމް ނޫޅުއްވާ، ކުރައްވަނީ ގައުމީ މަސައްކަތެއް: ޖޭޕީ

11 ޖުލައި 2017

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ "ބަޣާވާތެއް" ގެންނަވަން ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުން ރޭ ކުރެއްވި ތުހުމަތު ޖުމްހޫރީ ޕާޓީން މިއަދު ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ "ބަޣާވާތެއް" ގެންނަވަން ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުން ރޭ ކުރެއްވި ތުހުމަތު ޖުމްހޫރީ ޕާޓީން މިއަދު ދޮގުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމަށް ފަހު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ އަމިއްލަ ވިޔަފާރީގެ މަސްލަހަތު އިސްކުރައްވައި، މި ގައުމަށް ބަޣާވާތް ގެންނަން ގާސިމް އުޅުއްވަނީ އޭނާގެ ވިޔަފާރީގެ ފައިސާ އިން ކަމަށެވެ. ޕީޕީއެމްގެ 10 މެމްބަރަކު މަސީހާ ދެކޮޅަށް ސޮއި ކުރެއްވީ ވެސް ގާސިމް ފައިސާގެ ދަޅަ ދެއްކެވުމުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އެ ވާހަކައަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ރައްދުދެއްވަމުން ވިދާޅުވީ ސަރުކާރުގެ މިސްރާބު ގޯސްވެ، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ފެށުމުން، ސިޔާސީ ހަތަރު ލީޑަރަކު ފެއްޓެވީ އިސްލާހީ މަސައްކަތެއް ކަމަށެވެ. ގާސިމާ މެދު ބޮޑު ތުހުމަތެއް ކުރިއިރު، އެ މަސައްކަތުގައި އުޅުއްވަނީ ހަމައެކަނި ގާސިމް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ، ސިޔާސީ ހަތަރު ލީޑަރުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ އިސްލާހީ މަސައްކަތެއް. ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ގޮތް ހުސްވީމާ، ހީވާގިކަމާ އެކު އިސްލާހީ މަސައްކަތް ކުރާ މީހުންނަށް ނިސްބަތްކޮށް ބަޣާވާތެއް ކަމުގެ ތުހުމަތު އެޅުވުމަކީ ނާތަހުޒީބު އަމަލެއް،" އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ދޮގު އިލްޒާމްތަކެއް ގާސިމްގެ އިސްތަށިފުޅުގައި އެޅުވީ، ސަރުކާރުން ހިންގަމުންދާ މީހުންނަށް ދަތިކުރުމާއި އަނިޔާވެރިވުންތަކުގެ ތެރެއިން ކަަމަށް ގަބޫލުކުރެއްވެ އެވެ. އެ ތުހުމަތު ވަރަށް ބޮޑަށް ޖުމްހޫރީ ޕާޓީން ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ޕީޕީއެމްގެ 10 މެމްބަރެއްގެ ސޮޔާ އެކު، ވެއްދުމުން މިހާރު ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ. އެކަމަކު ވަކި ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ.

ސޮއިކުރެއްވި ގިނަ މެމްބަރުން ޕާޓީން ވެސް ވަނީ ކެނޑިފަ އެވެ. އެކަމަކު ނިސްބަތްވާ ޕާޓީން ވަކިވެއްޖެ ނަމަ، ޕާޓީން ކަނޑާލައިފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް އިއްޔެ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.