Roadha Mihaaru
ހޮނިހިރާ ހަމަ އަށް މޫސުން ގޯސްވާނެ! ރައްކާތެރިވޭ!

ހޮނިހިރާ ހަމަ އަށް މޫސުން ގޯސްވާނެ! ރައްކާތެރިވޭ!

01 އޮކްޓޯބަރ 2018

ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ހޮނިހިރާ ހަމައަށް ދެމިގެންދާނެ ކަމަށާއި ވައިގަދަވެ، ކަނޑުގަދަވާނެތީ މޫސުމަށް ރައްކާތެރިވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ހޮނިހިރާ ހަމައަށް ދެމިގެންދާނެ ކަމަށާއި ވައިގަދަވެ، ކަނޑުގަދަވާނެތީ މޫސުމަށް ރައްކާތެރިވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މެޓުން ބުނިގޮތުގައި މި ވިއްސާރާގައި ވައިގަދަވެ، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެ އެވެެ. ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް މެޓުން އެދެއެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށްޓަކައި އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށާއި ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކޮށް، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ ސާމާނު ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ވިއްސާރަވެ މަގުމަތީގައި ފެން ހެދިފައި އޮންނަ ވަގުތުތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުން ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައި ވެ އެވެ. އަދި މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށްވާތީ ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން ވިއްސާރަ ކުޑަ ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން ބުނީ މިރޭ 8:00 އިން ފެށިގެން މާދަމާ ރޭ 8:00 އާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭނެ ކަމަށާއި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13-23 މޭލާ ދެމެދުގެ ބާރުމިނުގަ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހެނީ ގަޑިއަކު 08-18 މޭލާ ދެމެދުގެ ބާރުމިނުގަ ކަމަށާއި ބައެއް ސަރަހައްދުތަކަށް ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.