Roadha Mihaaru
ސިވިލް ސާވިސްގެ ވަޒީފާ ދިނުން މެދުކަނޑާލައިފި

ސިވިލް ސާވިސްގެ ވަޒީފާ ދިނުން މެދުކަނޑާލައިފި

01 އޮކްޓޯބަރ 2018

އާ ސަރުކާރާ އެކު ހިންގުމުގެ ނިޒާމަށް އަތުވެދާނެތީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާންކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އާ ސަރުކާރާ އެކު ހިންގުމުގެ ނިޒާމަށް އަތުވެދާނެތީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާންކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިި ވަނީ އެގޮތަށް ނިންމީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމާއެކު ސިވިސް ސާވިސް އިދާރާތަކުގެ މެންޑޭޓަށް ބަދަލުތަކެއް އަތުވެދާނެތީ ކަމަށެވެ.

"[މިއަދުން ފެށިގެން] އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް [މަގާމު އުފެއްދުމަށާއި އުވާލުމަށް] ކޮމިޝަނަށް ހުށަހެޅުމާއި ސިވިސް ސާވިސްގެ ފަންނީ މަގާމުތައް ފިޔަވަައި އެހެން މަގާމުތަކަށް އިއުލާން ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގަން،" ކޮމިޝަންގެ ރައީސް އަލީ ޝަމީމް ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައިވެ އެވެ.

ނަމަވެސް ސިވިސް ސާވިސް އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް މީހުން ނެގުން އެ ކޮމިޝަންގެ ހުއްދައާއެކު ކުރިއަށް ގެންދިއުމަށް ސިވިސް ސާވިސްގެ ސާކިއުލާގައި އަންގާފައިވެ އެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބޫ އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނާ އިއްޔެ ސިވިލް ސާވިސް ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ސިވިލް ސާވިސްގެ މަގާމުތަކަށް މުވައްޒަފުން ނެގުން މަޑު ޖައްސާލުމަށް އެންގިއިރު ސަރުކާރު ބައެއް ކުންފުނިތަކުން ދެމުން އަންނަ ޕްރޮމޯޝަންތައް ވެސް މި ވަގުތަށް ހުއްޓާލުމަށް ދަނީ އަންގަމުންނެވެ.