Roadha Mihaaru
މިހާރު އެވޯޑްސް: ސާފްގެ ގަދަ ފަހެއް ހޮވައިފި

މިހާރު އެވޯޑްސް: ސާފްގެ ގަދަ ފަހެއް ހޮވައިފި

02 އޮކްޓޯބަރ 2018

"މިހާރު" ނޫހުން މިދިޔަ އަހަރު ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

"މިހާރު" ނޫހުން މިދިޔަ އަހަރު ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

ރާއްޖޭން ޗެމްޕިއަންކަން ހޯދި މުބާރާތުން ގަދަ ފަހަކަށް ވާދަކުރަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގޯލްކީޕަރު މުހައްމަދު ފައިސަލާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ސްރީ ލަންކާއާ 0-0 އިން އެއްވަރުވެ އިންޑިއާ އަތުން 2-0 އިން ބަލިވެ ރާއްޖެ ސެމީ އަށް ދިޔައީ ކިރިޔާ އެވެ. ލަންކާއާ ހުރިހާ ގޮތަކުން އެއްވަރުވެ ސެމީ އަށް ދާނެ ޓީމެއް ކަނޑައެޅީ ގުރުންނެވެ. އެކަމަކު ރާއްޖޭން ވަނީ ސެމީގައި ނޭޕާލް 3-0 އިން އަދި ފައިނަލުގައި އިންޑިއާ އަތުން މޮޅުވިއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.