Roadha Mihaaru
ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގައި 37 ދަރިވަރުން

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގައި 37 ދަރިވަރުން

02 އޮކްޓޯބަރ 2018

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިސިން ސްކޫލުގައި ފަށާ ޑޮކްޓަރުކަމުގެ ކޯހުގެ ފުރަތަމަ ބެޗުން 37 ދަރިވަރަކަށް ޖާގަ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިސިން ސްކޫލުގައި ފަށާ ޑޮކްޓަރުކަމުގެ ކޯހުގެ ފުރަތަމަ ބެޗުން 37 ދަރިވަރަކަށް ޖާގަ ދީފި އެވެ.

ރާއްޖޭގައި އަލަށް ފަށާ މި ކޯހުގެ ފުރަތަމަ ބެޗަށް އެމްއެންޔޫން ކަނޑައަޅާފައިވަނީ 50 ޖާގަ އެވެ. ނަމަވެސް މި އެމްބީބީއެސް ކޯހުގައި ބައިވެރިވާން މިިދިޔަ ޖޫން މަހު ހުޅުވާލުމުން 60 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީން ވިދާޅުވީ ޑޮކްޓަރުކަމުގެ ކޯހަށް ހުޅުވާލުމުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އެ ފުރުސަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނާ އިންޓަވިއުކޮށް ކޯހަށް ހޮވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ

މިދިޔަ މަސް ނިމުމުގެ ކުރިން، މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަހާއެކު ޑޮކްޓަރުން ތަމްރީނުކުރާ ކޯސް ފެށުމަށް އެމްއެންޔޫން މަސައްކަތް ކުރި އެވެ. ނަމަވެސް އަދި ވެސް ބައެއް ކަންތައްތައް ހަމަނުޖެހޭތީ އަދި ފެށޭ ގޮތެއް ނުވެ އެވެ.

ޝާހީން ވިދާޅުވީ 37 ދަރިވަރުންނާއެކު އެމްބީބީއެސްގެ ފުރަތަމަ ބެޗުގެ ކިޔެވުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެ ކޯހުގެ ކިޔެވުން އެންމެ ފުރަތަމަ ފަށަން ނިންމީ އަލަށް އިމާރާތްކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯގަ އެވެ. ނަމަވެސް މެޑިސިން ސްކޫލަށް ބޭނުންވާ ސާމާނު އަދި ހަމަނުވާތީ، ކޯހުގެ ކިޔެވުން ފުރަތަމަ ކުރިއަށް ގެންދާނީ އެމްއެންޔޫގެ މެޑިކަލް ލެބުގަ އެވެ.

ފަސް އަހަރުގެ މުއްދަތަށް ހިންގާ ކޯސް ފީ އަކީ މަހަކު ގާތްގަނޑަކަށް 1000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ.) އެވެ.