03 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާ އެކު ކްލަބް އީގަލްސް އިން 9-0 އިން ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާ އެކު ކްލަބް އީގަލްސް އިން 9-0 އިން ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗަށް އީގަލްސް ނުކުތްއިރު އެ ޓީމު އޮތީ ލީގުގެ ލީގުގެ ފަސް ވަނައިގަ އެވެ. އެއީ މިއަދު ހަވީރު ކުޅުނު މެޗުން ފޯކައިދޫ މޮޅުވުމުންނެވެ. މި މޮޅާ އެކު އީގަލްސް ތިން ވަނަ އަށް އެރީ ހަ މެޗުން 11 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އެ ޓީމު މާދަމާ ކުޅޭ މެޗުަގައި ނުކުންނާނީ ހަ ވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށެވެ.
އީގަލްސް އިން މި މެޗަށް ނުކުތީ އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ނުލަ އެވެ. ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ބެންޗުގައި ހިމެނިއިރު، އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން އަދި ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ މި މެޗަށް ނުނަގަ އެވެ. ޓީމުގެ ގޯލު ބެލެހެއްޓީ ދެ ވަނަ ކީޕަރު މިފްދާދު އަހުމަދު އެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
މާލީ މައްސަލަތަކާ ހުރެ ތިމަރަފުށިން މިހާރު މެޗުތައް ކުޅެނީ ޕްރެކްޓިސް ނުކޮށެވެ. ޓީމަށް ކުޅުންތެރިން ހަމަވަނީ ކިރިޔާ އެވެ. މިރޭގެ މެޗުގައި ވެސް އެ ޓީމުގެ ބެންޗުގައި ކުޅުންތެރިއަކު ނެތެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ތިމަރަފުއްޓެވެ. އެ ޓީމު ލީގުގެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ.
ބޯ ވިއްސާރަ ތެރޭގައި ކުޅުނު މި މެޗު ފަށައިގެން އީގަލްސް އިން ކުޅެމުން ދިޔައިރު އެ ޓީމުން މެޗުގެ ހަތް ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ގައުމީ ޓީމުގެ ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އެވެ. އޭރިއާ ތެރެއިން ކުރޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 13 ވަނަ މިނިޓްގައި އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ ރިޒޭ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އާރިފް (ބަކާ) ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް އަތުގައި ޖެހިފައި ދަނޑީގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި ރިޒޭ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ވާރޭވެހި ދަނޑު އޮތްގޮތުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫތަކެއް ކުރިމަތިވި އެވެ. އީގަލްސް އިން ދިޔައީ ތިމަރަފުށީގެ ހާފު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަަހައްޓައިގެން ކުޅެމުންނެވެ.
މެޗުގެ 26 ވަނަ މިނިޓްގައި ތިމަރަފުށީގެ އަބްދުﷲ ތަހުސީނަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ހުސެއިން ސަނާހު ހުސްކޮށްލާފައި ތަހުސީނަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އީގަލްސް ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ 38 ވަނަ މިނިޓްގައި ޖެހީ ކުރޯ އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތުން އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ހަތަރު ވަނަ ގޯލު ޖެހީ ޖުމައިލް ޖަލީލް އެވެ. ރިޒޭ ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ލިބުމުން ޖުމައިލް ވަނީ އެ ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ. ފަސް ވަނަ ލަނޑު ޖެހީ ރިޒޭ އެވެ. ރިޒޭ މަޑުމަޑުން ޖެހި ބޯޅައެއް ތިމަރަފުށީ ކީޕަރު އަޑެޓުންޖީ ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުން ދޫވެގެން އެ ބޯޅަ ވަނީ ގޯލަށެވެ.
ދެ ވަނަ ހާފް ފަށައިގެން އީގަލްސްގެ ކުޅުންތެރިން ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އޭގެ ތެރެެއިން ގިނަ ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
މެޗުގެ 70 ވަނަ މިނިޓްގައި އީގަލްސްގެ ހަ ވަނަ ލަނޑު ޖަހައި ރިޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭނާ މި ލަނޑު ޖެހީ ތިމަރަފުށީގެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އީގަލްސްގެ ހަތް ވަނަ ލަނޑު ޖެހީ ހަސަން ރާއިފް (ހަންނަ) އެވެ.
ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ އަށް އަނިޔާވުމުގެ ސަބަބުން މެޗުގެ 79 ވަނަ މިނިޓްގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ގޯލަށް އެރީ ޓީމުގެ މެދުތެރެއަށް ކުޅެމުންދިޔަ މިސްބާހު އިބްރާހިމް އެވެ. އޭނާގެ ޖޯޒީ ޓީމުގެ އެހެން ކުޅުންތެރިންނާ އެއްގޮތްވާތީ ރެފްރީ ވަނީ ޖޯޒީ ބަދަލުކުރަން އަންގައިފަ އެވެ. އޭނާ ޖޯޒީ ހޯދީ އިދިކޮޅަށް ކުޅުނު އީގަލްސް ޓީމުންނެވެ. ބަދަލުކުރާނެ ކުޅުންތެރިއަކު ނެތުމުން ތިމަރަފުށިން މެޗުގެ ފަހު ވަގުތު ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.
އީގަލްސްގެ އަށް ވަނަ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރިޒޭ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ރިޒޭ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އިތުރު ވަގުތުގައި ތިމަރަފުއްޓަށް ލަނޑެއް ޖަހައިދޭން އެ ޓީމުގެ ސަނާހަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން އީގަލްސްގެ ނުވަ ވަނަ ލަނޑު ޖެހީ ހެލްމެޓް އެވެ. އޭނާ ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ ކުރިއަށެވެ.
ތިމަރަފުށީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަދީމް ބުނީ މާލީ ދަތިކަމުގެ ސަބަބުން ޓީމު އޮތީ ވަރަށް ބޮޑު އަޑިގަނޑެއްގެ ތެރޭގައި ކަމަށާއި މިހާރު އޮތް ހާލަތުގައި މެޗު ކުޅެން އާދެވެނީ ވެސް ކިރިޔާ ޓީމު ހަމަވެގެން ކަމަށެވެ. މިހާރު ހަމައެކަނި މި ކުޅެލަނީ ރަށުގެ ނަމަށްޓަކައި އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑުމެން ފުލް ޓީމުގައި ކުޅޭ އެތައް ކުޅުންތެރިންނެއް ނުލައި މި ފަހުން މި ކުޅެނީ. ކުރިން ވެސް ދެއްކި ވާހަކަ މި ދައްކަން ޖެހެނީ. ޕްރިމިއާ ލީގޭ ކިޔަސް މިހާރު މި އޮތީ އާދައިގެ މުބާރާތަކަށް ވެފައި. އަޅުގަނޑުމެން މި އުޅެނީ ކުއްޖަކަށް އަނިޔާވީމަ މެޑިކަލް ކަމެއް ވެސް ހަމަނުޖެހިގެން. ސްޕޮންސާގެ ގޮތުގައި (މިފްކޯ އިން) ލާރި ލިބޭނެއޭ ބުނެގެން އައީ. ކިރިޔާ މިހާރު ޓީމު ހަމަކޮށްލެވެނީ ބައެއް ކުޅުންތެރިން އެބައާދޭ މެޗު ފެށެން ހަތަރު މިނިޓަށް ވެފައި ހުއްޓަ ވެސް. އެފްއޭއެމުން ވެސް މި ވާގޮތެއް ބަލާލަން ރަނގަޅު،" އޭނާ ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އެ ޓީމު މޮޅުވި ނަމަވެސް ޖުމްލަކޮށް ފެނިގެންދާ މަންޒަރުތަކުގެ ސަބަބުން ލިބެނީ މާޔޫސްކަން ކަމަށެވެ.
"އަޅުގަނޑު ޕާސަނަލީ ވަރަށް ދެރަވޭ ވަރަށް ހިތާމަ ވެސް ކުރަން. އެންމެ ބޮޑު ލީގު މި ހާލަތަށް ދިޔައީމަ. މިހާރު އޮތް ހާލަތުން މި އަހަރު މި ކަންތައްތަކަށް ހައްލެއް ނެތް. ވީ އެންމެ ރަނގަޅަށް ލީގު ނިންމާލެވޭތޯ ހުރިހާ ޓީމުތަކުން މަސައްކަތްކުރަނީ. މިދިޔަ އަހަރު ވެސް ދެއްކި ވާހަކަ މިއީ. ރަށްރަށު ޓީމުތަކުން މި ގޮތަށް އައިސް މިކަމެއް ނުވާނެ. މި އަހަރު ވަރަށް ހާލު ދަށްކޮށް މި ދަނީ،" އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ކުޅޭނީ މާޒިޔާއާ އެވެ. މާދަމާރޭ ޓީސީ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް
ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް
ތިމަރަފުށި އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް
ފެންނަނީ މާޔޫސްވާވަރުގެ މަންޒަރުތަކެއް: މޯހަން
ފަހު ވަގުތު އީގަލްސް އަތުން މާޒިޔާ އަށް ޕޮއިންޓެއް
ނިއު އާއި ތިމަރަފުށިން މިރޭ ލީގު ހުޅުވައިދެނީ