Roadha Mihaaru
މަޖިލީހަށް ހުށަހަޅާނީ އިދިކޮޅުން ފޮނުވާ ބަޖެޓް

މަޖިލީހަށް ހުށަހަޅާނީ އިދިކޮޅުން ފޮނުވާ ބަޖެޓް: މުނައްވަރު

03 އޮކްޓޯބަރ 2018

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ފޮނުވާ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ފޮނުވާ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓު ތައްޔާރު ކުރުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން، އިދިކޮޅު ކޯލިޝަނުން ބޭނުންވާ ބަޖެޓު މި މަސް ނިމުމުގެ ކުރިން ފޮނުވައި ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ޕީޕީއެމުން ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ޖަހަން އެއްބާރުލުން ދެއްވާނެ ކަމަށާއި ބަޖެޓު ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ބޭނުންވާ ގޮތަށް ކަމަށެވެ.

މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، އިންތިޚާބީ ރައީސް އިބޫ ހުވާ ކުރައްވައި އާ ސަރުކާރު އުފެދޭނީ ބަޖެޓު މަޖިލިހަށް ހުށަހަޅަން އޮންނަ ތާރީޚަށް ވުރެ ފަހުން ކަމަށް ވާތީ، ފިނޭންސް މިނިސްޓްރީން ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިގެން ބަޖެޓު ހުށަހަޅަން ނިންމައިފަ އެވެ.

މުނައްވަރު ރޭ ވިދާޅުވީ ގާނޫނީ ގޮތުން ބަޖެޓު ހުށަހެޅުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން ފުރިހަމަ ބަޖެޓެއް ތައްޔާރުކޮށް، އެ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"އެއްވެސް އުނި، އިތުރު ކަމެއް ނެތި މަޖިލިހަށް [އިދިކޮޅު ކޯލިޝަނުން ބޭނުންވާ ބަޖެޓު] އަޅުގަނޑުމެން ފޮނުވައި ދޭނަން،" މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މިދިޔަ މާޗް މަހުން ފެށިގެން ސަރުކާރުގެ އިދާރާތަކުން ކުރަމުން އައި ނަމަވެސް، ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް އެއްކޮށް ކުރަން ވާނީ އިދިކޮޅު ފަރާތްތަކުން ކަމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އަދި އިންތިޚާބީ ރައީސް އިބޫގެ އޮފީހަށް ރަސްމީކޮށް ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑުމެން ޓެކްނިކަލް އެހީތެރިކަން ދޭނަން. އެކަމަކު މުޅި ބަޖެޓު ތައްޔާރުކޮށްދީފައި އަޅުގަނޑުމެންގެ އޮފީހަށް ފޮނުއްވައި ދެއްވާ. އެއީ އަޅުގަނޑުމެން [ބަޖެޓު މަޖިލިހަށް] ފޮނުއްވަން އެބަ ޖެހޭ 31 އޮކްޓޯބަރުގެ ކުރިން،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދާ އެކިއެކި މަޝްރޫއުތަކާ ބެހޭ މައުލޫމާތުތައް ސަރުކާރުގެ މިނިސްޓްރީތަކުން ވަނީ އެއް ކޮށްފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ޓެކްނިކަލް މައުލޫމާތުތައް ބޭނުންވާ ނަމަ، އެކަމަށް އެހީތެރިވާން ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު މަސައްކަތް ކުރީ "ބެލެންސް ބަޖެޓަކަށް" ދިއުމަށް ކަމަށެވެ. އެގޮތުން، ފަސް އަހަރުގެ ތެރޭގައި ބަޖެޓު ޑެފިސިޓް އުޅުނީ ގާތްގަނޑަކަށް ފަސް ޕަސަންޓަށް ވުރެ ދަށްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓް ކުރުމުގެ ބޭނުމަކީ ދިވެހިންގެ ބޮލުގައި އެޅިފައިވާ ދަރަނި ވީހާވެސް ބޮޑަށް ކުޑަވުން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެހެންވެ، އެންމެ ފުރަތަމަ ކަމަކަށް އިދިކޮޅު ފަރާތްތަކުން ކަނޑައަޅާ ބަޖެޓު ސިޔާސަތަކީ ކޮބައިތޯ ނިންމަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި އާ ސަރުކާރުގެ އޮނިގަނޑު އެނގުމަކީ ވެސް މުހިންމު ކަމެކެވެ. އާ ސަރުކާރުގައި އެކިއެކި މިނިސްޓްރީތައް އުފެދިގެންދާ ވާހަކަ އަޑު އިވޭއިރު، އެ މައުލޫމާތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.