Roadha Mihaaru
މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ

މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ

12 މާޗް 2021

މެންޗެސްޓާ (މާޗް 12) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި ފަހު ވަގުތު އޭސީ މިލާނާ 1-1 އިން އެއްވަރުވިއިރު، ރަށުންބޭރުގައި އޮލިމްޕިއާކޯސް އަތުން 3-1 އިން އާސެނަލް މޮޅުވެއްޖެ އެވެ.

މެންޗެސްޓާ (މާޗް 12) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި ފަހު ވަގުތު އޭސީ މިލާނާ 1-1 އިން އެއްވަރުވިއިރު، ރަށުންބޭރުގައި އޮލިމްޕިއާކޯސް އަތުން 3-1 އިން އާސެނަލް މޮޅުވެއްޖެ އެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި މިލާނާއި ޔުނައިޓެޑްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުކުޅެ އެވެ. ފުރަތަމަ ހާފުގައި މިލާނުން ޖެހި ދެ ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވިއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ. އެ ގޮތުން ފްރޭންކް ކެސިއޭ ޖެހި ގޯލު ބަލައިނުގަތީ އޭނާ އަތުގައި ބޯޅަ ޖެހުނު ކަމަށް ބެލުމަށް ފަހު އެވެ. އަދި ރަަފައެލް ލެއާއޯ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަށެވެ. ކޯނަރަކުން އަލެކްސް ޓެލެސް ނަގައިދިން ބޯޅަ ބްރޫނޯ ފެނާންޑޭސް ބޮލުން ޖައްސާލުމުން ގޯލު ކުރިމަތިން މުޅިން ހުސްކޮށް ހުރެފައި މެގުއާ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ޔުނައިޓެޑަށް ލީޑުނަގައިިދނީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި އުމުރުން 18 އަހަރުގެ ވިންގް އަމަދު ޑިއާލޯ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއާލޯ މެޗުގެ 50 ވަނަ މިނިޓްގައި މި ގޯލު ޖެހީ ފެނާންޑޭސް ދިން މޮޅު ޕާހަކުން ބޮލުންނެވެ. ޑިއާލޯ އަކީ ޔުނައިޓެޑަށް ގޯލެއް ޖަހައިދިން ހަތަރު ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ނަތީޖާ ހަމަހަމަކުރަން މިލާނުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ. ކޯނަރަކުން މިލާންގެ ޑިފެންޑަރު ސިމޯން ކިއާ ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން އަތުގައި ޖެހިފަ އެވެ.

އަންނަ ހަފްތާގައި މިލާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް އެ ޓީމުގެ ތަރި އަދި ކުރިން ޔުނައިޓެޑާ އެކު 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި ޒްލަޓާން އިބްރަހިމޮވިޗް ފިޓްވާނެ ކަމަށް ބެލެވެ އެވެ.

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ އޮޑެގާޑް (މ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ އޮޑެގާޑް (މ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޮލިމްޕިއާކޯސް ދަނޑުގައި ރޭ އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 34 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް އެވެ. ހާފުގެ މެދެއްހާ ހިސާބުން އޮޑެގާޑް ވާތު ފައިން ފޮނުވާލި ބާރު ބޯޅަ އޮލިމްޕިއާކޯސްގެ ގޯލްކީޕަރު ހޯސޭ ސާ އަށް މަތަކުރެވޭ ގޮތެއްނުވި އެވެ. މިއީ ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު އާސެނަލާ ގުޅުމަށް ފަހު އޮޑެގާޑް ޖެހި ފުރަތަމަ ގޯލެވެ.

އާސެނަލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަަގައި މެޗުގެ 58 ވަަނަ މިނިޓްގައި އޮލިމްޕިއާކޯސް އަށް އެއްވަރުކޮށްދިނީ ޔޫސެފް އެލް-އަރާބީ އެވެ.

އާސެނަލް މޮޅުވީ މެޗުގެ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިން ގޯލު ޖެހީ 79 ވަނަ މިނިޓްގައި ގަބްރިއެލް އެވެ. އޭގެ ހަ މިނިޓް ފަހުން މުހައްމަދު އެލްނެނީ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ގަަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގަ އެވެ.

ޔޫރޮޕާ ލީގުގައި ދެން ކުޅުނު މެޗުތަކުގެ ނަތީޖާތައް

ސްލާވިއާ ޕްރާގް 1-1 ރޭންޖާސް

ޓޮޓެންހަމް 2-0 ޑިނަމޯ ޒަގްރެބް

އަޔަކްސް 3-0 ޔަންގް ބޯއީސް

ޑިނަމޯ ކިއޭވް 0-2 ވިޔަރެއާލް

ގްރަނާޑާ 2-0 މޯލްޑާ

ރޯމާ 3-0 ޝަހުތަރު ޑޮނެސްކް