Roadha Mihaaru
އިންތިޚާބުގެ ނަތީޖާ ބަދަލުވާނެ ހެއްކެއް ނެތް: ޝަރީފް

އިންތިޚާބުގެ ނަތީޖާ ބަދަލުވާނެ އެއްވެސް ހެއްކެއް ނެތް: ޝަރީފް

06 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ އެއްވެސް ހެއްކެއް ކޮމިޝަނަށް ހުށަހަޅާފައި ނެތް ކަމަށާއި މައްސަލައެއް އުޅޭ ނަމަ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ އެއްވެސް ހެއްކެއް ކޮމިޝަނަށް ހުށަހަޅާފައި ނެތް ކަމަށާއި މައްސަލައެއް އުޅޭ ނަމަ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ އެދިވަޑައިގެންފި އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ކުރަމުން އަންނަ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި، ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަގުމަތީގައި މީހުންކޮޅެއް އެއްކޮށްގެން ދައްކާ ވާހަކައަކީ ކަން ކުރަންޖެހޭ އުސޫލު ނޫން ކަމަށެވެ. އަދި ވިދާޅުވީ ނަތީޖާއާ މެދު ރައްޔިތުންގެ ހިތްތަކުގައި މާބޮޑު ސުވާލެއް އުފެދިގެން އުޅޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އިންތިޚާބާ ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެކަން ބަލާނެ ކަމަށް ޝަރީފްް ވިދާޅުވި އެވެ. އަދި ނަތީޖާ ބަދަލުވެދާނެ ފަދަ ހެއްކެއް އޭނާއާ ހަމައަށް އަދި އައިސްފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ބ. އޭދަފުށީގައި މީހަކު ވޯޓުލަނީ -- ފޮޓޯ: މިހާރު އައިރިޕޯޓަ / ތޯރިގް އަބްދުއްރަހްމާން

ރިޔާސީ އިންތިހާބުގައި ބ. އޭދަފުށީގައި މީހަކު ވޯޓުލަނީ -- ފޮޓޯ: މިހާރު އައިރިޕޯޓަ / ތޯރިގް އަބްދުއްރަހްމާން

"މަގުމަތީގައި މީހަކު މައިކް ހިފައިގެން ހުރެ މިއީ މައްސަލައެކޭ ކިޔާފައި ވާހަކަ ދެއްކިޔަސް އެއީ ރައްޔިތުންގެ ހިތުގައި އުފެދިގެން މައްސަލައެއް އުޅޭ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާތިލްކުރުމަށް ގޮވާލައި މުޒާހަރާ ކުރުމުގެ ބަދަލުގައި، އޮންނަ އުސޫލުން ކޯޓަށް ނުވަތަ މުއައްސަސާއަކަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަން ޖެހެ އެވެ. އަދި ކޮމިޝަންގެ މެމްބަރުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، އެކަމަށް ކޮމިޝަނުން ޖަވާބުދާރީވާން ތައްޔާރު ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "ސައިކަލްގައި ދަނިކޮށް" ހުއްޓުވާފައި ޖަވާބުދާރީވާށޭ ބުނީމާ އަދި ޖަވާބުދާރީ ވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ފުލުހަކު ވޯޓު ލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ފުލުހަކު ވޯޓު ލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ކަންކަން ދިޔައީ މިނިވަންކަމާއެކު ކަމަށް ރައްޔިތުންނާއި ބޭރުގެ ފަރާތްތަކާއި އޮބްޒާވަރުން އަދި މީޑިއާއިން ވެސް ވަނީ ގަބޫލުކޮށްފަ އެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މަސައްކަތްތައް ހުއްޓުވާލާފައިވާ ކަމަށް ޕީޕީއެމުން ތުހުމަތުކުރެ އެވެ. އެކަމަކު ޝަރީފް ވިދާޅުވީ އެތަނުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އިންތިޚާބުގެ ފަހުން 194 މައްސަލައެއް އެ ތަނަަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 88 މައްސަލައަކަށް މީގެ ކުރިން ޖަވާބު ދީ، ބާކީ އޮތް 106 މައްސަލައަކަށް މިއަދު ޖަވާބު ދީފައިވާ ކަމަށް ވިދާޅުވި އެވެ. ޖަވާބު ނުދެވި އޮތީ އެންމެ މައްސަލައަކަށް ކަމަށާއި އެއީ ރީ-ރަޖިސްޓްރޭޝަނާ ގުޅޭ މައްސަލައަކަށް ވާތީ، ރީ ރަޖިސްޓްރޭޝަންގެ ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ އެ ޝަކުވާއާ މެދު ވެސް ބިޔުރޯއިން މާދަމާ ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިޔުރޯއަށް ހުށަހެޅީ އިންތިޚާބުގެ ނަތީޖާއަށް އަސަރެއް ފޯރަފާނެ ފަދަ މައްސަލަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ކޮމްޕްލެއިންޓްސް ބިއުރޯގެ މުވައްޒަފުން ގާނޫނާ ހިލާފަށް މަގާމުން ވަކިކުރާ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަނުން މީގެކުރިން އަމަލު ކުރަމުން އަންނަ އުސޫލާ އެއްގޮތަށް މަސައްކަތްތައް ނިމޭ ވަރަކުން މުވައްޒަފުން ވަކިކުރާ ކަމަށެވެ. އަދި ސުލޫކީ އެކި މައްސަލަތައް ދިމާވެގެން ބިޔުރޯގެ މެންބަރަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން، އިންތިޚާބުގައި ބޭނުންކުރި ވޯޓު ފޮއްޓާއި ސިޓީ އުރަ ކަނޑާފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދޮގު ކުރައްވައި ޝަރީފް ވިދާޅުވީ އެފަދަ އެއްވެސް އެއްޗެއް ކަނޑާފައި ނުވާނެ ކަމަށާއި އެތަކެތި ހުރީ ސީލްކޮށް ވަރަށް ރައްކާތެރި ކަމާއެކު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަނީ ވަޑައިގެންފަ އެވެ. ޝަރީފް ވިދާޅުވީ އިންތިހާބަށް ފަހު ކޮމިޝަންގެ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ނަމަވެސް، އެބޭފުޅުން ތިއްބެވީ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ހާލަތުގައި ކަމަށެވެ. އަދި ހުރިހާ މެމްބަރުންނާ ފޯނުން ގުޅުއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މައިދާން ހަލަބޮލިވެފައިވާއިރު، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން އަންނަނީ ކޮންމެ ރެއަކުހެން މުޒާހަރާތައް ބާއްވަމުންނެވެ. އަދި އިންތިޚާބާ ގުޅޭގޮތުން އުފައްދާފައިވާ ޝަކުވާތަކަށް އެ ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް، ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޕީޕީއެމުން ބުންޏެވެ.

އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.