Roadha Mihaaru
ވިލް ސްމިތު އަދިވެސް އައިޝްވާރިޔާގެ ހުވަފެނުގައި

ވިލް ސްމިތު އަދިވެސް އައިޝްވާރިޔާ ރާއީއާ އެކު ފިލްމެއް ކުޅުމުގެ ހުވަފެނުގައި

09 އޮކްޓޯބަރ 2018

މީގެ 15 ވަރަކަށް އަހަރު ކުރިން އައިޝްވާރިޔާ ރާއީ އަށް، ހޮލީވުޑްގެ އެކްޓަރު ވިލް ސުމިތާ އެކު ފިލްމެއް ކުޅެން ހުށަހެޅި އެވެ. އެއީ 2005 ގެ "ހިޗް" އެވެ. އެކަމަކު ކުރީގެ ރީތީގެ ރާނީ ވަނީ އެ ފިލްމުން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 15 ވަރަކަށް އަހަރު ކުރިން އައިޝްވާރިޔާ ރާއީ އަށް، ހޮލީވުޑްގެ އެކްޓަރު ވިލް ސުމިތާ އެކު ފިލްމެއް ކުޅެން ހުށަހެޅި އެވެ. އެއީ 2005 ގެ "ހިޗް" އެވެ. އެކަމަކު ކުރީގެ ރީތީގެ ރާނީ ވަނީ އެ ފިލްމުން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.

އައިޝްވާރިޔާއަކީ ޕިންކް ޕެންތާ 2 (2009)، ދަ މިސްޓްރެސް އޮފް ސްޕައިސް (2005) އަދި ޕްރައިޑް އެންޑް ޕްރެޖިޑައިޒް (2004) ފަދަ ހޮލީވުޑް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.

އޭނާއާ އެކު ފިލްމެއް ކުޅެން ކުރިން ދެކެމުން އައި ހުވެފެން ބިލާހަކަށްވި ނަމަވެސް ވިލް ސުމިތު އަދިވެސް ހުރީ އައިޝްވާރިޔާއާ އެކު ފިލްމެއް ކުޅެން ދެކޭ ހުވަފެނުގަ އެވެ. މިދިޔަ ހަފުތާގައި ބޭއްވި ހިންދުސްތާން ޓައިމްސް ލީޑަޝިޕް ސަމިޓްގައި، 50 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އައިޝްވާރިޔާއާ އެކު ސްކްރީން ހިއްސާކުރުމަކީ އޭނާ އަބަދުވެސް ބަލާނެ ހުވަފެނެވެ.

ފަރްހާނާ އެކު ވިލް ސުމިތު ޑާންސް ސްޓެޕެއް ޖައްސަނީ.

"އުންމީދުކުރަން އަދިވެސް ކޮންމެވެސް ދުވަހަކުން އެ ފުރުސަތު ލިބޭނެ ކަމަށް،" ސަމިޓްގެ ތެރޭގައި އެކްޓަރު ފަރްހާން ހޯސްޓް ކުރި ސެގްމަންޓްގައި، "މެން އިން ބްލެކް" އާއި "އަލީ" ފަދަ ކާމިޔާބު ފިލްމުތަކުގެ އެކްޓަރު ބުންޏެވެ.

ސުމިތު ބުނި ގޮތުގައި ބޮލީވުޑް ފިލްމެއްގައި މަސައްކަތްކޮށްލުމަކީ ވެސް ބޭނުންވާ ކަމެކެވެ. އެގޮތުން ފިލްމެއްގައި ބޮލީވުޑް ސްޓައިލްގެ ނެށުމެއް ދައްކައިލަން ބޭނުންވާ ކަމަށް ބުންޏެވެ. ފަރްހާން ވަނީ ސުމިތަށް ޕަންޖާބީންގެ ސިގްނޭޗާ ބަންގްރާ ސްޓެޕެއް ވެސް ސްޓޭޖް މަތީގައި އިށީނދެގެން ތިބެ، ސުމިތު ލައްވައި ޖައްސުވައިފަ އެވެ.

ވިލް ސުމިތު ކަރަން އާއި ރަންވީރުއާ އެކު.

ފާހަގަކޮށްލެވޭ ކަމަކީ ހިންދީ ފިލްމެއްގައި ހިއްސާވެލަން އޭނާ ބޭނުންވާ ކަމަށް ބުނެފައިވާ އިރު ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަންނަ އަހަރު ނެރޭ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލުމަކުން ވެސް ސުމިތު ފެންނާނެ ކަމެވެ. އެ ފިލްމުގެ ތަރިންނާ އެކު، ލަވައެއްގެ ޝޫޓިންގެ ތެރެއިން ސެޓުން ނަގާފައިވާ ފޮޓޯތަކެއް ސުމިތު ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

ރެޕާއެއްގެ ގޮތުގައި މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ނުކުމެ، ފަހުން ވަރުގަދަ އޭ ލިސްޓް އެކްޓަރަކަށް ބަދަލުވެގެން ދިޔަ ސުމިތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަލައްދިން" އާއި "ޖެމިނީ މޭން" ހިމެނެ އެވެ.

ސުމިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނެރުނު "ބްރައިޓް" އެވެ.