Roadha Mihaaru

އައިޝްވާރިޔާ ވަރިކުރާކަށް އެއްވެސް އިރަކު ނޫޅެން: އަބީޝެކް

އޭނާގެ އަންހެނުން އައިޝްވާރިޔާ ރައީ ބައްޗަން ވަރިކުރާކަށް އެއްވެސް އިރަކު ނޫޅޭ ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ.

"އައިޝްވާރިޔާ ވަރިކުރާކަށް އެއްއިރަކު ވެސް ނޫޅެން"

އޭނާގެ އަންހެނުން އައިޝްވާރިޔާ ރައީ ބައްޗަން ވަރިކުރާކަށް އެއްވެސް އިރަކު ނޫޅޭ ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޕީޕީން މޫން" އަށް މިދިޔަ އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި އަބީޝެކް ވަނީ އޭނާ އާއި އައިޝްވާރިޔާ ވަރިވާން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ފެތުރި ވާހަކަތައް އަނެއްކާ ވެސް ދޮގުކޮށްފަ އެވެ. އަދި ބޮލީވުޑްގެ ސެލެބްރިޓީ ޖޯޑާ ގުޅޭ ގޮތުން ފަތުރާ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެ އޭނާ ރައްދު ދިނެވެ.

"ސެލެބްރިޓީއަކަށް ވެއްޖިއްޔާ އެ މީހަކާ ގުޅުވައި ކޮންމެފަދަ ވާހަކައެއް ވެސް ފަތުރަފާނެ. މުޅިން ވެސް ލިޔެފައި ހުރީ ބުހުތާނު ދޮގު، އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނެތް،" އަބީޝެކް ބުންޏެވެ.

"އަހަރެމެން ކައިވެނި ކުރުމުގެ ކުރިން ވެސް މި ކަމެއް ފެށިއްޖެ. ފުރަތަމަ އެ މީހުން ކުރި ކަމަކީ އަހަރެމެން ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން ވާހަކަ ފެތުރުން. ދެން އަހަރެމެން ކައިވެނި ކުރީމަ އެ މީހުން މިހާރު އެ އުޅެނީ އަހަރެމެން ވަރިވާނެ އިރަކާ މެދުގައި ވިސްނަން. މިއީ ހުސް ބޭކާރު ވާހަކަ. އޭނާ [އައިޝްވާރިޔާ] އަށް އެނގޭނެ އަހަރެންގެ ހަގީގަތް. އަހަންނަށް އެނގޭ އޭނާ."

އަބީޝެކް ބުނީ އެ އާއިލާ ދިރިއުޅެނީ ވަރަށް އުފާވެރިކޮށް ކަމަށާއި އެ އަށް ވުރެ މުހިންމު އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ.

އައިޝްވާރިޔާ އާއި އަބީޝެކް ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް މިދިޔަ އަހަރު ވަރަށް ގަދަވި އެވެ. އެކަމަކު، ފަހުން އަބީޝެކް ވަނީ އެ ދެމަފިރިންގެ ގުޅުން ރަނގަޅު ކަމަށް ބުނެފަ އެވެ.

އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނި ކުރީ އެޕްރީލް 20، 2007 ގަ އެވެ. އެ މީހުންގެ ހުންނަ ހަމައެކަނި ދަރިފުޅު އަރަދުޔާ ލިބުނީ ނޮވެމްބަރު 16، 2011 ގަ އެވެ.