Roadha Mihaaru
މަސީހު މަގާމުން ދުރު ކުރާނަން: މެމްބަރުން

މަސީހު މަގާމުން ދުރު ކުރުމުގެ މަސައްކަތް އަލުން ފަށާނަން: މެމްބަރުން

08 އޮކްޓޯބަރ 2018

އިދިކޮޅާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމު ދުރު ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށާނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމު ދުރު ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށާނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ވަކިވެ، މިދިޔަ އަހަރު އިދިކޮޅާ ގުޅުނު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ. އެއީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

ސުޕްރީމް ކޯޓުން ވަކިވަކިން އިއްވި ހުކުމްތަކަށް ފަހު، ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވީ ކޯޓުގެ ހުކުމާ އެކު ލިބުނު ކާމިޔާބަށް ފަހު ދެން އޮތީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރު ކުރުން ކަމަށެވެ. އެހެންވެ، މިވަގުތު އެންމެ ރީތި ގޮތަކީ މަސީހު އިސްތިއުފާ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން. ގާނޫނު އަސާސީއާ ޚިލާފަށް ފާސްކުރި ހުރިހާ ގާނޫނެއް އަނެއްކާ ރުޖޫއަ ކުރާނަން،" ލަތީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެން ދިޔައީ ކުރިން ވެސް އެ މެމްބަރުން ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ކަން ކަމަށާއި އަދި އެ ހަތަރު މެމްބަރުންނެކޭ އެއްފަދައިން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ދެން ތިބި އަށް މެމްބަރުންގެ މައްސަލަ ވެސް އަވަހަށް ނިންމައިދޭން ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށާއި އެންމެ ފުރަތަމަ ކުރާނެ ކަމަކީ މަސީހު މަގާމުން ދުރު ކުރުން ކަމަށް އަމީތު ވިދާޅުވި އެވެ.

"މިއަދު ވެސް މިދަންނަވަނީ މަޖިލީހުގެ ސައްހަ ރައީސެއް ނުހުންނާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް ވަންނާނަން. ވަދެ އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ކުރާނެ ކަމަކީ މަސީހު ގަދަ ބާރުން މަޖިލީހުގެ ރިޔާސަތުގައި އިން ކަމަށްވާ ނަމަ އެ ރިޔާސަތުން ބޭލުން. މަސީހު އެ މަގާމުން ދުރު ކުރުން." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ މިވަގުތު އެންމެ ރީތި ގޮތަކަށް ވާނީ މަސީހާއި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އާ ބޭފުޅުންނަށް އެ ފުރުސަތު ދެއްވުން ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރިއަށް ދާއިރު، އާ ސަރުކާރަށް ކަންކަން ފަހިކޮށް ދިނުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އާ ސަރުކާރާ އެކު އެންމެ ބޮޑު އިސްކަމެއް ދޭނީ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށާއި އޭގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާނީ މަސީހު މަގާމުން ދުރުކުރުން ކަމަށެވެ. އޭގެކުރިން މަސީހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ފުރުސަތު ދެއްވުމަށް ގޮވާލާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"މަސީހު ރީތިކޮށް އިސްތިއުފާ ނުދެއްވާ ކަމަށް ވަންޏާ ނޯ ކޮންފިޑެންސް ނަގައިގެން އެ މަގާމުން ބޭރު ކުރާނަން. އެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށް ދޭ. އެ ޕޮޒިޝަނަށް ބަދަލެއް ނެތް." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ހަތަރު މެމްބަރުންގެ މައްސަލާގައި ކުރި ހުކުމުން އެނގިގެން ދިޔައީ ބާކީ ތިބި އަށް މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭނެ ކަން ކަމަށެވެ. އަދި އެ މެމްބަރުންގެ މައްސަލަތައް ވެސް އަވަހަށް ނިމި، 45 މެމްބަރުންނާ އެކު މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ތެރެއިން ވެސް ބައެއް މެމްބަރުން އިދިކޮޅާ ގުޅޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ޕީޕީއެމްގައި ވެސް އެމްޑީއޭގައި ވެސް އެބަ ތިއްބެވި ގައުމު އިސް ކުރައްވައިގެން މަސައްކަތް ކުރަން ބޭނުންފުޅުވާ މަޖިލިސް މެމްބަރުން. އެ ބޭފުޅުން އަޅުގަނޑުމެންނަށް އިޝާރާތް އެބަ ކުރައްވާ." ރިޔާޒް ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިއިރު، ބާކީ ތިބި އަށް މެމްބަރުންގެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން އަދި ނުފަށަ އެވެ.