Roadha Mihaaru
މަސީހުގެ ޖިނާއީ މައްސަލަތަކެއް ފުލުހަށް ހުށަހަޅައިފި

މަސީހުގެ ޖިނާއީ މައްސަލަތަކެއް، 12 މެންބަރުން ފުލުހަށް ހުށަހަޅައިފި

05 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ހިންގައިދިނުމަށް އެދި، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުން ފުލުހުންނަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ހިންގައިދިނުމަށް އެދި، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުން ފުލުހުންނަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 12 މެންބަރުން މަޖިލީހަށް ވަނަނުދީ ހިފެހެއްޓުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭނެ އަޅުގަނޑުމެން 12 މެންބަރުން މަޖިލީހަށް ވަނުން ހުއްޓުވުމާއި ސަލާމަތީ ބާރުތަައް މެދުވެރިކޮށް މެންބަރުންނަށް އަނިޔާ ކުރި ކަމަށް ކުރެވޭ ތުހުމަތުތަކާއި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެންބަރުން ދޮރާށި މަތިން ބޭރަށް އުކާލުމާއި މިހެން ގޮސް މަޖިލީހުގެ މެންބަރުންނަށް މަސީހު ކުރި އަނިޔާތަކާ ގުޅޭ ވަރަށް ގިނަ މައްސަލަތައް،" އަމީތު ވިދާޅުވި އެވެ.

ފުލުސް އޮފީހުގައި އެދިފައި ވާނީ މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ވީހާ ވެސް އަވަހަކަށް ބަލައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އެދޭ ކަމަކީ ފުލުހުންގެ މުއައްސަސާ އިން މި މައްސަލަތައް ވީހާ އަވަހަކަށް ބަލައިދީ ތަހުގީގުކޮށް މި މައްސަލަތަކުގައި ދައުވާ ކުރަންޖެހޭ ނަމަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވީހާ އަވަހަކަށް ފޮނުވައިދިނުން،" އޭނާ ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ މެންބަރުން މަޖިލީހަށް ވަނަނުދީ ހިފެހެއްޓުމުގައި ރައީސް އަބްދުﷲ ޔާމީނާއެކު މަސީހު ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ކަނޑައިލި. މަޖިލީހުގެ މެންބަރުންނަށް އެ މީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލުމަށް ޖާގަ ނުލިބުނު. އަޅުގަނޑުމެން ގޯތި ތެރޭ ތިއްބާ ނަގައި އުކައިލީ. އަޅުގަނޑުމެން މަޖިލީހަށް ވަނަނުދީ ހިފެހެއްޓީ އަބްދުﷲ މަސީހު. މި ހުރިހާ ކަމެއް ރޭވުމުގައި އެންމެ އިސްކޮށް ރައީސް އަބްދުﷲ ޔާމީނާއެކު ހުރީ މަސީހު. އިރާދަކުރެއްވިޔާ މަސީހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެވި އަދަބު ލިބޭނެ، އަޅުގަނޑުމެން ވަން ޖަލަށް މަސީހު ވައްދާނަން،" ލަތީފު ވިދާޅުވި އެވެ.

މަޖިލީހުގެ 12 މެންބަރުންނާ ދެކޮޅަށް މަސީހު ހިންގި އެ އަމަލުތަކަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ކަމެއް ނަމަވެސް އިމްތިޔާޒުގެ ގާނޫނުގެ ދަށުން އޭނާ އަށް ހިމާޔަތް ނުލިބޭނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.

"އިމްތިޔާޒުގެ ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް ނުލިބުނު ހިމާޔަތެއް މަސީހަކަށް ލިބިގެނެއް ނުވާނެ. އަޅުގަނޑުމެންނަށް ކޮން ހިމާޔަތެއްތޯ ލިބުނީ. މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ތިއްބައި ނޫންތޯ ފުލުހުންނާއި ސިފައިން ވައްދައި ނެރެ އުކާލީ. ކުށްވެރިވީމަ ޖިނާއި ކުށްތަކަށް އަރައިގަތީމަ ލިބެންޖެހޭ އަދަބު ވެސް އިމްތިޔާޒުގެ ގާނޫނުން ލިބިދޭނެ. އެހެންވީމަ މަސީހަކަށް ވަކި އިސްކަމެއް ނޯންނާނެ،" އަބްދުލްގަފޫރު ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނި މެންބަރުންގެ ގޮނޑިތައް ނުގެއްލޭ ކަމަށް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުންނެވެ.

ސިޔާސީ ޕާޓީ ބަދަލު ކުރުމުގެ ސަބަބުން ނުވަތަ ޕާޓީން ވަކިވުމުގެ ސަބަބުން އެންޓި ޑިފެކްޝަންގެ ގާނޫނުގެ ދަށުން ގޮނޑި ގެއްލުނު ކަމަށް ބުނެފައި ވަނީ އަމީތާއި އަބްދުއްލަތީފުގެ އިތުރުން ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނެވެ.