Roadha Mihaaru
އެންގީ އުސޫލާ އެއްގޮތަށް އިވެލުއޭޝަން ކުރިއަށް ގެންދަން

އެންގީ އުސޫލުގައިވާ ގޮތަށް ފްލެޓް ދޫކުރުމުގެ އިވެލުއޭޝަން ކުރިއަށް ގެންދަން: އޭސީސީ

09 އޮކްޓޯބަރ 2018

ހިޔާ މަޝްރޫއުން ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ހައުސިން މިނިސްޓްރީ އަށް އެންގީ، އެ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުން ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ހައުސިން މިނިސްޓްރީ އަށް އެންގީ، އެ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ދޫކުރުމާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަން ފަށައި، އެ މަޝްރޫއު މަޑުޖައްސާލަން އޭސީސީން އެންގީ މި މަހު 1 ގަ އެވެ. އެއީ، މި މަޝްރޫއުގެ ފޯމުތައް ބަލައިގަތުމަށް ހަމަޖައްސާފައިވާ އެންމެ ފަހު ދުވަހެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް ދިނީ މިދިޔަ އާދީއްތަ ދުވަހެވެ.

އެ މައްސަލަތައް ބަލައި، މަޝްރޫއު އަލުން ކުރިއަށް ގެންދަން ހުއްދަ ދިނީ މިދިޔަ އާދީއްތަ ދުވަހެވެ.

އޭގެ ދެ ދުވަސް ފަހުން، ލިސްޓްތައް އިއުލާން ކުރަމުން އަންނަނީ ފްލެޓް ލިބުނު މީހުންގެ ނަން ނުހިމަނައި، ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓާއި ފޯމު ނަމްބަރާ އެކުގަ އެވެ. އެކަމަކު ދެ ދުވަހުގެ ތެރޭގައި ފޯމުތައް އިވެލުއޭޓްކުރީ ކޮން އުސޫލަކުންތޯ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއާއެކު، ދިރިއުޅުމުގެ ހާލަތު ވަޒަން ނުކޮށް ލިސްޓު އިއުލާންކުރުމުން ވެސް އާއްމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީން ލިސްޓު އިއުލާން ކުރަން ފެށުމުން، އޭސީސީން ވަނީ އެ ކޮމިޝަނުން އެ މިނިސްޓްރީ އަށް ފޮނުވި އެންގުން އާއްމުކޮށްފަ އެވެ.

އެ އެންގުމުގައި، ވަނީ އެ މަޝްރޫއަށް ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ފްލެޓް ދޫކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ހިއްސާކޮށްފަ އެވެ.

އޭސީސީން، ހައުސިން މިނިސްޓްރީއަށް އެންގި ކަންކަން:

- ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދިއުން.

- އިވެލުއޭޝަން ނިންމައި، ޕޮއިންޓް ދިން ގޮތުގެ ތަފްސީލު މައުލޫމާތާ އެއްކޮށް ވަގުތީ ލިސްޓު އާއްމުކޮށް އިއުލާންކުރުން.

- އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުން.

- އެ މުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ލިޔުމުން ޖަވާބު ދިނުން.

- ޝަކުވާތަކާ ގުޅޭގޮތުން މިނިސްޓްރީން ނިންމަވާ ގޮތްތައް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެއްގެވުމަށް ފަހު ދާއިމީ ލިސްޓު ނެރުން.

"މިއިން، ކޮންމެ މަރުހަލާއެއްގައި ވެސް ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރިޔަށް ގެންދެވުމަށް ވެސް ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނެ އެވެ،" އޭސީސީން ބުންޏެވެ.

ވަގުތީ ލިސްޓު މިއަދު ނެރެފައިވާއިރު، ޕޮއިންޓް ދޫކުރި ގޮތުގެ ތަފްސީލު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓަށް ކުރިމަތިލީ 22،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަވާ މީހުން މިއަދު އިއުލާންކުރިއިރު، މި މަޝްރޫއުން ކުރިމަތިލާ އެންމެންނަށް ފްލެޓް ދެއްވަން ރައީސް އަބްދުﷲ ޔާމީން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އެކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ރައްޔިތުންނަށް ދެއްވައިފަ އެވެ.