Roadha Mihaaru
އުސޫލާ ހިލާފަށް ދިއްދޫން ފްލެޓް ދިނުމުން ދައުވާކުރަނީ

ހައްގު ނޫން ބަޔަކަށް ދިއްދޫން ފްލެޓް ދިނުމުން ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނަޒީމަށް ދައުވާކުރަނީ

08 ފެބުރުއަރީ 2021

ހއ. ދިއްދޫގައި "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހެދި ފްލެޓްތަކަށް ކުރިމަތިލި މީހުންނަށް އެ ރަށު ކައުންސިލުން ޕޮއިންޓް ދީފައި ވަނިކޮށް 2017 ވަނަ އަހަރު ހައުސިން މިނިސްޓްރީން އެ ފްލެޓްތަކުގެ ފޯމުތައް މިނިސްޓްރީއަށް ގެންގޮސް ހައްގު ނޫން ބަޔަކަށް ފްލެޓް ދިން މައްސަލާގައި އޭރުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ހއ. ދިއްދޫގައި "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހެދި ފްލެޓްތަކަށް ކުރިމަތިލި މީހުންނަށް އެ ރަށު ކައުންސިލުން ޕޮއިންޓް ދީފައި ވަނިކޮށް 2017 ވަނަ އަހަރު ހައުސިން މިނިސްޓްރީން އެ ފްލެޓްތަކުގެ ފޯމުތައް މިނިސްޓްރީއަށް ގެންގޮސް ހައްގު ނޫން ބަޔަކަށް ފްލެޓް ދިން މައްސަލާގައި އޭރުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓާ އޭރު ހަވާލުވެ ހުންނެވި ނަޒީމްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދައިދިންކަމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ނަޒީމް ހުންނެވި އިރު ޖުމްހޫރީ މައިދާން ތަރައްގީ ކުރިއިރު އެތަނުގެ ބައެއް މަސައްކަތްތައް އަމިއްލަ ފަރާތަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ދައުވާކުރަން 2016 ވަނަ އަހަރު ފޮނުވި އެވެ. އަދި އެހެން ބައެއް މައްސަލަތަކެއް ވެސް ދައުވާކުރަން ކުރިން ފޮނުވި އެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް އޭސީސީން ބުނީ ދިއްދޫގައި ހެދި 250 ހައުސިން ޔުނިޓްގެ ތެރެއިން ތެރެއިން 2017 ވަނަ އަހަރު ދޫކުރި 140 ހައުސިން ޔުނިޓަށް ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓް ދިނީ ދިއްދޫ ކައުންސިލުން ކަމަށެވެ. ނަމަވެސް ފަހުން ހައުސިން މިނިސްޓްރީގެ އެންގުމަށް ކައުންސިލުން މަޑުޖައްސާލި ކަމަށާއި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެންދިޔަ ކަމަށެވެ.

"... މިނިސްޓްރީގެ ފަރާތުން ވެސް ހައުސިން ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޒީމް ބައިވެރިވެފައިވާކަން މި މައްސަލައިގެ ތަހުގީގަށް އެނގިފައިވެއެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.

ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައަޅާފައިވަނީ ހަދާފައިވާ އިވެލުއޭޝަންއާ ޚިލާފަށް ކަމަށާއި އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުން ނޫން ކަމަށް އޭސީސީން ބުންޏެވެ. ހައުސިން ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިއުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކުރެއްވީ ނަޒީމް ކަމަށާއި ހައުސިން ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ އާންމުކޮން ނަޒީމް ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ދިއްދޫގެ ވަކި ބަޔަކަށް ހައުސިން ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޒީމް އެއްބަސްވެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އޭސީސީން ބުނީ މިއީ ޖުމްލަ ޕޮއިންޓަށް ބަލާއިރު ހައުސިން ޔުނިޓްތައް ލިބެން ޖެހޭ ބައެއް ނޫން ނަމަވެސް ދާއިމީ ލިސްޓްގައި އެ މީހުން ހިމަނައި، ހައުސިން ޔުނިޓްތައް ހަވާލުކޮށްފައިވަނީ ނަޒީމްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"... ނަޒީމް އަކީ ހއ.ދިއްދޫ ހައުސިން ޔުނިޓްތައް ދޫކުރި އިރު ހައުސިން ޑިޕާޓްމަންޓްގެ ސިޔާސީ ގޮތުން އިސް ވެރިޔާކަމަށް ވެފައި، ހައުސިން ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭ ފަދަ މަގާމެއްގައި ހުރި މީހެކެވެ. އެހެންކަމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޒީމް އޭނާގެ މަގާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭ" ކަމަށް އޭސީން ބުންޏެވެ.

މީގެ އިތުރުން، "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭ ލިޔުންތައް ހައުސިން މިނިސްޓްރީން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، އެއީ ހައުސިން ޔުނިޓްތައް ދޫކުރުމާ ގުޅުން ހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ އަމަލެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އޭގެ ސަބަބުން ބައެއްގެ ހައްގުތަކެއް ގެއްލިފައި ވިޔަސް އެކަމުގައި އިހުމާލުވެފައިވާ މީހުންނާ މެދު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވި ނަމަވެސް، އިދާރީ ފިޔަވަޅު އަޅަން ފެންނަކަން ހައުސިން މިނިސްޓްރީއަށް އަންގާފައި ވާނެ ކަމަށް އޭސީސީން ބުންޏެވެ.