Roadha Mihaaru
ހުޅުމާލެ ފެރީ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި

ހުޅުމާލެ ފެރީ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި

10 އޮކްޓޯބަރ 2018

ސިނަމާލެ ބުރިޖް ހުޅުވުމަށް ފަހު ހުޅުމާލެ ފެރީ ބޭނުންކުރާ މިންވަރު މަދުވުމުން ފެރީގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސިނަމާލެ ބުރިޖް ހުޅުވުމަށް ފަހު ހުޅުމާލެ ފެރީ ބޭނުންކުރާ މިންވަރު މަދުވުމުން ފެރީގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބްރިޖް ހުޅުވާލުމުގެ ކުރިން ހުޅުމާލެ ފެރީ ޓާމިނަލަށް ބާރުބޮޑުވި ނަމަވެސް، މިހާރު އެ ތަން އާންމު ގޮތެއްގައި ހުންނަނީ މުޅިންހެން ހުސްކޮށެވެ. ޑިމާންޑް ދަށްވުމާ ގުޅިގެން ގެނައި ބަދަލުތަކާ ބެހޭ ގޮތުން އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓުގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް "މިހާރު" އަށް ވިދާޅުވީ ޑިމާންޑު ދަށްވިޔަސް އާންމުންނަށް ދަތި ނުވާ ގޮތަށް ފެރީގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

ފެރީގެ ޝެޑިއުލަށް ގެނައި ބަދަލުތަކުގެ ތެރެއިން އެއް ބަދަލަކީ ކުރިން ދަންވަރު 1:30 ވަންދެން ދެމުން އައި އެކްސްޕްރެސް ފެރީގެ ހިދުމަތް މިހާރު ދަންވަރު 12 ޖެހުމުން ހުއްޓައިލުމެވެ. އަދި ކޮންމެ 15 މިނެޓަކުން ފޯރުކޮށްދެމުން އައި އާދައިގެ ފެރީގެ ހިދުމަތަށް މެދުކަނޑާލާފައި ވިޔަސް، ކޮންމެ 15 މިނެޓަކުން އެކްސްޕްރެސް ފެރީ ނުވަތަ އާދައިގެ ފެރީގެ ދަތުރެއް އޮންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ހެނދުނު 8:30ގެ ފަހުން ކޮންމެ 15 މިނެޓަކަން އާދައިގެ ފެރީ ނޫނީ އެކްސްޕްރެސް ފެރީ ބޭނުންކޮށްގެން މާލެ ދެވޭނެ ގޮތަށް ވާނީ ހަމަޖައްސާފަ. މާލެ އަށް ވަޒީފާ އަށް ދާ މީހުންނަށް ދަތި ނުވާނެ ގޮތަށް ހެނދުނު 8:30 ވަން ދެން އަޅުގަނޑުމެން 10 މިނެޓުން ފެރީގެ ހިދުމަތް ދެން،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ދޭ ބަހުގެ ހިދުމަތަށް އެއްވެސް ބަދަލުތަކެއް ނުގެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ

"އަޅުގަނޑުމެން އަދިވެސް އެކްސްޕްރެސް ފެރީ އަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް، ހިދުމަތް ފޯރުކޮށްދެމުން މި އަންނަނީ. ބަހަށް ބަދަލުތަކެއް ގެނެސްފި ނަމަ އެ އަށް ބުރޫ އަރާނެތީ އެއަކަށް ބަދަލެއް ނުގެންނަން. ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ދެން. އޯފް ޕީކް ގަޑިތަކުގައި ކޮންމެ 20 މިނެޓަކުން އެ ހިދުމަތް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުން ދަތުރުކުރާ މީހުންގެ އަތުން ފީއެއް ނަގާ ގޮތަށް ނިންމާފައި ވީ ނަމަވެސް އަދި ފީއެއް ނުނަގަ އެވެ. ނާޒިމް ލަފާ ކުރަނީ ފީއެއް ނަގަން ފެށުމުން ވެސް ފެރީ ބޭނުންކުރާ މީހުންގެ އަދަދަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

"ދިވެހިންގެ ހޭދަ ކުރުން ހުންނަ ގޮތުންނާއި، ކޮންވީނިއެންޓް އޮޕްޝަން އަބަދުވެސް އިހްތިޔާރު ކުރާތީ އަޅުގަނޑަކަށް ހިޔެއް ނުވޭ މާ ބޮޑު ބަދަލުތަކެއް އަންނާނެހެނެއް ޓޯލް ނަގަން ފެށުމުން ވެސް،" ނާޒިމް ވިދާޅުވި އެވެ.

ބްރިޖް ހުޅުވުމުން ފެރީގެ ހިދުމަތް ބޭނުން ކުރާ މީހުން މަދުވުމުން އެ ތަނުން ދޭ ހިދުމަތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން ފެރީ ބޭނުންކޮށްގެން ސައިކަލު އުފުލުމުގެ ހިދުމަތް މިހާރު ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ.