Roadha Mihaaru
ހެލްމެޓާ އެކު، ފެރީތަކަށް ބާރު ބޮޑުވެއްޖެ!

ހެލްމެޓާ އެކު، ފެރީތަކަށް ބާރު ބޮޑުވެއްޖެ!

17 މާޗް 2019

ސިނަމާލެ ބްރިޖުގައި ސައިކަލްގައި ދަތުރުކުރާ ކޮންމެ މީހަކު ހެލްމެޓް އަޅަން މަޖުބޫރުކުރި ހިސާބުން، ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ފެރީތަކަށް ބާރުބޮޑުވާން ފަށައިފި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލެ ބްރިޖުގައި ސައިކަލްގައި ދަތުރުކުރާ ކޮންމެ މީހަކު ހެލްމެޓް އަޅަން މަޖުބޫރުކުރި ހިސާބުން، ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ފެރީތަކަށް ބާރުބޮޑުވާން ފަށައިފި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރުކުރުމާ އެކު ބްރިޖުގައި ދުއްވާ ސައިކަލްގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. ހުޅުމާލޭގައި އުޅޭ ބައެއް މީހުން ބުނާ ގޮތުގައި ހުޅުމާލޭގެ ޓްރެފިކް ވެސް ކުރިއަށް ވުރެ މިހާރު ކުޑަ އެވެ.

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސިނަމާލޭ ބްރިޖުގައި ދުއްވާފައި ދަނީ ފޮޓޯ: މިހާރު

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސިނަމާލޭ ބްރިޖުގައި ދުއްވާފައި ދަނީ ފޮޓޯ: މިހާރު

އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް "މިހާރު" އަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކުރިއާ އަޅާބަލާއިރު ފެރީ ބޭނުންކުރާ މީހުންގެ އަދަދު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

"ކުރިން ފެރީއެއްގައި 50 މީހުން ދަތުރު ކުރާއިރު މިހާރު އެ އަދަދު ވަނީ 70 މީހުންނަށް. 80 މީހުންނަށް އިތުރުވެފައި،" ނާޒިމް ވިދާޅުވި އެވެ.

ފެރީގައި ދަތުރުކުރާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ފެރީގެ ޝެޑިއުލަށް ބަދަލު ގެންނަން އަދި އެ ކުންފުނިން ވިސްނާފައެއް ނެތެވެ. ސަބަބަކީ ޓާމިނަލް ތޮއްޖެހޭ ވަރަށް ޑިމާންޑް އިތުރުވެފައި ނުވާތީ އެވެ.

ހެލްމެޓް އެޅުން މަޖުބޫރުކުރުމާ އެކު ހެލްމެޓުގެ ވިޔަފާރީގެ ޑިމާންޑް ވެސް ވަނީ ބޮޑުވެފަ އެވެ. މާލޭގެ ބައެއް ފިހާރަތަކާއި އޮންލައިންކޮށް މިދުވަސްކޮޅު އެންމެ ގިނައިން ވިކޭ އެކައްޗަކީ ހެލްމެޓެވެ. އޭގެ އަގުތައް އުޅެނީ 300ރ. އާއި 1،000ރ. އާ ދެމެދުގަ އެވެ.

Helmet eh hoadhaifintha? Ehen noonee bridge mathin dhen nudhuvveyne!

Helmet eh hoadhaifintha? Ehen noonee bridge mathin dhen nudhuvveyne!

The most trusted news source in the Maldives

Mihaaru

ބްރިޖުގައި ދަތުރުކުރާއިރު ހެލްމެޓް އަޅަން މަބުޖޫރު ކުރުން--

ހެލްމެޓް ނާޅައި ބްރިޖުގައި ސައިކަލުގައި ދަތުރުކޮށްފި ނަމަ އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ހެލްމެޓް އެޅުން މަޖުބޫރުކުރީ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، އެތައް ބަޔަކަށް ބޮޑެތި އަނިޔާވަމުން ދާތީ އެވެ. ހެލްމެޓް އަޅަން މަޖުބޫރި ކުރި ފަހުން މިހާތަނަށް ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެއްނުވެ އެވެ.

ހެލްމެޓްގެ އުސޫލާ ހިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އޭގެ ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު ޖޫރިމަނާ 1،000 ރުފިޔާއަށް އަރަ އެވެ.

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސިނަމާލޭ ބްރިޖުގައި: ހެލްމެޓް އަޅަން މަޖުބޫރުކުރުމުން ފެރީގައި ދަތުރުކުރާ މީހުން ވަނީ ގިނަވެފައި -- ފޮޓޯ: މިހާރު

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސިނަމާލޭ ބްރިޖުގައި: ހެލްމެޓް އަޅަން މަޖުބޫރުކުރުމުން ފެރީގައި ދަތުރުކުރާ މީހުން ވަނީ ގިނަވެފައި -- ފޮޓޯ: މިހާރު

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު އެމްޓީސީސީ ފެރީތަކުގައި ދަތުރުކުރާ މީހުންގެ އަދަދު މަދުވެ ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އާއްމުކޮށް ކޮންމެ 10 މިނެޓަކުން މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީ ދަތުރުކުރާއިރު މިހާރު އޮންނަނީ ކޮންމެ 20 މިނެޓަކުން ކުރާ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ބޭނުން ކުރަނީ އޭސީ ފެރީ އެކަންޏެވެ.