ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޖަލަށް ލުމަށް، އޭނާގެ ޣައިރު ހާޒިރުގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ، ޣައިރު ހާޒިރުގައި ކުރެވޭނެ ހުކުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
11 އޮކްޓޯބަރ 2018
ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޖަލަށް ލުމަށް، އޭނާގެ ޣައިރު ހާޒިރުގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ، ޣައިރު ހާޒިރުގައި ކުރެވޭނެ ހުކުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރީ ގާސިމް ހޮސްޕިޓަލްގައި އޮންނަވަނިކޮށް އޭނާގެ ޣައިރު ހާޒިރުގަ އެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ގާސިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށައިފަ އެވެ.
ގާސިމްގެ ޣައިރު ހާޒިރުގައި އެ މައްސަލަ ދަށު ކޯޓުގައި ގެންދިއުން ގޯސް ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވީ ގާސިމްގެ ފަރާތުން ހައި ކޯޓުގައި އެކަން ފާހަގަ ކުރުމުންނެވެ.
އެ ނުކުތާއާ ގުޅިގެން ފުރަތަމަ ދައުލަތުން ބުނީ އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި އޭގެ ކުރިން ހުކުމެއް ކުރިކަން ދައުލަތަށް އެނގިފައި ނެތް ކަމަށެވެ. އެ ނުކުތާ އަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ދައުލަތުން ފުރަތަމަ ބުނީ އިންސާފުވެރި ހުކުމެއް އެ މައްސަލާގައި ހައި ކޯޓުން އިއްވައިދޭން އެދޭ ކަމަށެވެ.
ދައުލަތުން އެގޮތަށް ބުނުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމާ ބެހޭ ގޮތުން ދައުލަތުން ދެކެނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރުމުގެ ކުރިން ޣައިރު ހާޒިރުގައި ހުކުމެއް ކުރިކަން އެނގިފައި ނެތް ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބަލާއިރު ވެސް ޣައިރު ހާޒިރުގައި އެ ގޮތަށް މައްސަލަ ނިންމޭނެ ކަމަށް ބުނެފައި ނެތް ކަމަށް ނިއުމާ ވިދާޅުވި އެވެ.
ވަކީލާ އެގޮތަށް ޖަވާބު ދިނުމުން އަނެއްކާވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތުން ދެކޭ ގޮތެއް ސީދާ ހާމަ ކުރުމަށް އަންގަވައިފަ އެވެ. ދައުލަތަކީ މައްސަލައިގެ ޚަސްމެއް ކަމަށް ވާތީ ކޮންމެވެސް އެއް ގޮތަކަށް ދައުލަތުން ޖަވާބު ދޭންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަަލަހައްޓަވާ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ވިދާޅުވި އެވެ.
ޖަވާބުގައި ވަކީލާ ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތް ގޮތުން ޣައިރު ހާޒިރުގައި މައްސަލަ ނިންމޭނީ އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތައް ކަމަށާއި އެކަމަކު ގާސިމަކީ ކުށަށް އިއުތިރާފްވެފައިވާ ބޭފުޅަކަށް ނުވާތީ އެ ގޮތަށް އޭނާގެ ޣައިރު ހާޒިރުގައި މައްސަަލަ ނިންމޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އެގޮތަށް ނިއުމާ ވިދާޅުވުމުން، އެ ވާހަކަ ދަށު ކޯޓުގައި މައްސަލަ ހިނގި އިރު ދައުލަތުން ފާހަގަ ކުރިންތޯ ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ވަކީލާ ވިދާޅުވީ ގާސިމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔައީ އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށާއި އެ އަޑުއެހުމުގައި ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގާ ކަން އިއުލާން ކުރުމަށް ފަހު، ޚުލާސާ ބަޔާން ހުށަހެޅުމަށް ދައުލަތަށް އެންގި ކަމަށެވެ. ދައުލަތުން އެ ބަޔާން ހުށަހެޅުމުން ކުށް ސާބިތުވާ ކަމަށް ނިންމުމަށް ފަހު އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު ހުކުމްކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ވާހަކަ ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަމަށް ދައުލަތުން އެއްބަސްވި އެވެ.
ދައުލަތުން ހައި ކޯޓުގައި އެދެނީ ކޮން ގޮތަކަށްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ނިއުމާ ވިދާޅުވީ ދައުލަތުން އެދެނީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް" ކަމަށެވެ.
އެގޮތަށް އޭނާ ވިދާޅުވުމުން އިސް ފަނޑިޔާރު ޝުޖާއު ސުވާލު ކުރެއްވީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް" ކަމަށް ވިދާޅުވަނީ ކޮން ގޮތަކުންތޯ ސުވާލު ކުރައްވައިފަ އެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ދައުލަތުން އެދެނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށް ނުވަތަ ތާއީދު ކުރުމަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ޖަވާބުގައި ވަކީލާ ނިއުމާ ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމާނީ ގާނޫނާ އެއްގޮތަށް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށާއި އެގޮތަށް ދައުލަތުން އެދެނީ އެ ސަބަބާ ހެދި ކަމަށެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާ އަށް ދައުލަތުން އެއްބަސްވީ ކަމަށާއި އެހެންވެ އިތުރަށް ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ،، ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދޭން އޭނާ އެދިވަޑައިގަތެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ދައުލަތުގެ ވާހަކަތަކުން އެނގުނީ ދައުލަތުން ދަށު ކޯޓުގައި ޒިންމާ އަދާކޮށްފައި ނެތް ކަން ކަމަށާއި ގާނޫނާ ޚިލާފަށް ދަށު ކޯޓުން ޝަރީއަތް ހިންގި ކަމަށް ދައުލަތުން ވެސް މިހާރު އެއްބަސްވީ ކަމަށެވެ. އޭނާ ވެސް އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަމަށާއި އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އަދި ވަރަށް އަވަހަށް މައްސަލަ ނިންމޭތޯ ބައްލަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ގާސިމް ހުންނެވީ މިނިވަންކޮށްފަ އެވެ. ޖަރުމަނު ވިލާތުގައި ހުންނެވުމަށް ފަހު އޭނާ ދާދި ފަހުން ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން މިނިވަން ކުރުމުންނެވެ.
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ރިިޝްވަތަށް އެދުނުކަމުގެ ތުހުމަތު ބަލަން ކޯޓުން ފުލުހަށް
ގާސިމް، ޖަލު ހުކުމުން ސަލާމަތްވެއްޖެ
ގާސިމްގެ އިސްތިއުނާފް މައްސަލަ މާދަމާ ނިންމަނީ
މައުމޫނާއި ގާސިމްގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ
ތިން ބޭފުޅުން ދޫކޮށްލި މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ގާސިމް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން އަމުރުކޮށްފި
"ގާސިމް ބޭރަށް ފޮނުވަން ކްރިމިނަލް ކޯޓަށް ނޭންގޭނެ"
ސިޔާދަށް ދައުވާ ކުރިއިރު، މުހިންމު ހެކި އަދި ނުލިބޭ