Roadha Mihaaru
ރަސްގެފާނުގެ ދައުވަތަކަށް ނަޝީދު ސައުދީއަށް

ރަސްގެފާނުގެ ދައުވަތަކަށް ނަޝީދު ސައުދީއަށް

13 އޮކްޓޯބަރ 2018

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ނަޝީދު ސައުދީއަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. އެކަމަކު، އެ ދަތުރުފުޅުގެ ތަފްސީލެއް އެމްޑީޕީއަކުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގާތްގުޅުމެއް ބާއްވަމުން އަންނަ ސައުދީގެ ރަސްގެފާނު ވަނީ، މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައިފަ އެވެ. އެ ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ރަސްގެފާނު ސަލްމާންގެ އިތުރުން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ދަންނަވައިފަ އެވެ.

ސައޫދީގެ ރަސްކަމާ ސަލްމާން ހަވާލުވެވަޑައިގަތް ފަހުން، އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް އިތުރުކޮށް، ދެ ގައުމުގެ ގުޅުން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ބަދަހި ކޮށްފަ އެވެ.