Roadha Mihaaru
އޮލިމްޕިކްސްގައި ސަޖަން ގައުމީ ރެކޯޑް އާކޮށްފި

އޮލިމްޕިކްސްގައި ސަޖަން އަންހެނުންގެ ފްރީސްޓައިލް 100 މީޓަރު އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

11 އޯގަސްޓް 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަން އާކޮށްފިއެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަން އާކޮށްފިއެވެ.

ސަޖަން ރެކޯޑް އާކުރީ 01:05.71 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް ކުރިން ވެސް އޮތީ ސަަޖަން އަތުގަ އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރު ފްރީސްޓައިލް އިވެންޓް 01:06.60 ސިކުންތުން ނިންމައިގެންނެވެ.

ސަޖަން ވާދަކުރި ހީޓުން އޭނާ ދިޔައީ އަށް ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ 57.85 ސިކުންތުން ނިންމި އުރުގުއޭގެ އިނެސް ރެމެސާރޯ އެވެ.

މި މުބާރާތަށް ދިޔައިރު ވެސް ސަޖަންގެ އެންމެ ބޮޑު އެއް ޓާގެޓަކީ ރަނގަޅު ކުރިއެރުމެއް ހޯދައި، ގައުމީ ރެކޯޑް އާ ކުރުމެވެ.

ހުޅުލޭ އައިލެންޑް ހޮޓެލް ޕޫލުގައި ސަޖަން (ފޮޓޯ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގު ބޭއްވި ފަރިތަކުރުމުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު

ހުޅުލޭ އައިލެންޑް ހޮޓެލް ޕޫލުގައި ސަޖަން (ފޮޓޯ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގު ބޭއްވި ފަރިތަކުރުމުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު

ސަޖަން އަކީ މި އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ފެތުންތެރިޔާ އަށެވެ. މީގެ އިތުރުން އޭނާ ވަނީ މި އަހަރު ތައިލެންޑުގައި އޮތް ސްޕީޑޯ ތައިލެންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕުން 200 މީޓަރު އިންޑިވިޖުއަލް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. މިރޭގެ ރެކޯޑާ އެކު ސަޖަން ވަނީ އިންޑިވިޖުއަލް އިވެންޓްތަކުން 13 ޤައުމީ ރެކޯޑް އާކޮށްފަ އެވެ.

ސަޖަންގެ އިތުރުން ރާއްޖޭގެ އެއް ވަނަ ފިރިހެން ފެތުންތެރިއާ ނިޝްވާން އިބްރާހިމް ވެސް އޮލިމްޕިކްސްގައި ފަތާނެ އެވެ.