Roadha Mihaaru
މައްސަލައިގައި އޮތީ ވަހުމްތަކެއް، ހެއްކެއް ނެތް: އީސީ

އިންތިޚާބުގެ މައްސަލަ ބިނާކޮށްފައި އޮތީ ވަހުމްތަކެއްގެ މައްޗަށް، އެއްވެސް ހެއްކެއް ނެތް: އީސީ

14 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ހަމައެކަނި ހީތަކާއި ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ މައްސަލައިގައި ބުނެފައިވާ އެއްވެސް ކަމެއް ހިނގި ކަމުގެ ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ހަމައެކަނި ހީތަކާއި ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ މައްސަލައިގައި ބުނެފައިވާ އެއްވެސް ކަމެއް ހިނގި ކަމުގެ ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ކޯޓުގައި މިއަދު ބުނެފި އެވެ.

މިިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރު ކޮށްދިނުމަށް އެދި އެ އިންތިޚާބުގައި ބޮޑުތަނުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޖަވާބުދާރީވަމުން އެ ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއް ހިންގާފައި ވަނީ ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އެހެންވެ، އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކުރި ކަންކަން ތުހުމަތަކަށް ވެސް ނުވޭ

ޝަމީމް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ކަންކަމަށް "ތުހުމަތެއްގެ ދަރަޖަ ވެސް ލިބިގެން ނުވެ" އެވެ.

ދައުވާގައި ބުނާ ކަންކަން ސާބިތުކޮށް ދިނުމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރައްވަން ޖެހޭ ކަމެއް ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެ މައްސަލައިގައި ފާހަގަކުރި އެއްވެސް ކަމެއް ސާބިތު ކުރެވޭނެ ވަރުގެ ހެއްކެއް ހުށަހަޅުއްވާފައި ނެތް ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތް ގޮތުން މައްސަލަތަކެއް ހުއްޓަސް، އިންތިޚާބެއް ބާތިލްކުރެވޭނީ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތެއް އޮވެގެން ކަމަށް ވާއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރައީސް ޔާމީނާ ދެމެދު 38،000 ވޯޓުގެ ތަފާތު ހުރި ކަން ޝަމީމް ފާހަގަކުރެއްވި އެވެ. އެކަމަކު ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ސަބަބުން އެމަނިކުފާނަށް ގެއްލުނީ، އޭނާ ވިދާޅުވި ގޮތުގައި، ކިތައް ވޯޓުކަން ވެސް ބުނެފައެއް ނެތެވެ.

ވޯޓު ކަރުދާސް ބަހައްޓާ ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ

ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް އެމް7 އަށް ބިޑް ކުރުމެއް ނެތި ދިނީ ގަވާއިދާ ޚިލާފަށް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައި އޮތުމުން އެއަށް ރައްދު ދެއްވައި ޝަމީމް ވިދާޅުވީ އެކަން ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރުމަށް ފަހު ބަހައްޓާފައި ހުރި ތަނުގެ ސަލާމަތީ ކަންކަމާ މެދު އެ މައްސަލައިގައި ސުވާލު އުފައްދާފައި ވިޔަސް، އެއީ ސަލާމަތީ ކަންކަން ވަރުގަދަ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެގޮތުން އެ ތަނަށް ވަދެވެނީ އިލެކްޝަންސް ކޮމިޝަންގެ ވަކި ޚާއްސަ މުވައްޒަފުންތަކަކަށް އެކަނި ކަމަށާއި އެތަނަށް ވަންނަ ކޮންމެ މީހެއްގެ މައުލޫމާތު ފުލުހުންގެ ހާޒިރުގައި ލޮގް ކުރަމުން ދިޔަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެތަނުގައި ކެމެރާ ހަރުކޮށްފައިވާ ހުންނަ ކަމަށާއި ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ވެސް ހަރަކާތްތެރިވި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓު ކަރުދާސް ރައްކާކޮށްފައި ހުރި ތަނަށް ވަދެފައިވާ މުވައްޒަފުންގެ މައުުލޫމާތު އެނގޭނެ ލޮގެއް ސުޕްރީމް ކޯޓަށް ހުށައަޅައިފަ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސް ޗާޕްކުރި ތަނުގައި ވެސް ފުލުހުން ހަރަކާތްތެރިވި އެވެ.

ފާހަގަ ޖަހާ އަނގޮޓި ގެންގުޅުނުކަމުގެ ޝަކުވާއެއް ނެތް

ދެލި ފޮހެވޭ ގަލަމާއި ފާހަގަ ޖެހޭ އަނގޮޓިތަކެއް އިންތިޚާބުގައި ބޭނުންކުރި ކަމަށް ކޮށްފައިވާ ތުހުމަތަށް ރައްދު ދެއްވައި ޝަމީމް ވިދާޅުވީ އަނގޮޓިތަކެއް ގެންގުޅުނު ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. ދެލި ފޮހެވޭ ގަލަންތަކެއް ބޭނުންކުރި ކަމަށް ބުނެފައިވާތީ އެކަމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ފާހަގަ ޖަހަން އަމިއްލަ ގަލަމެއް ބޭނުން ކުރެވޭނެ ކަން އާންމުކޮށް އަންގައި، އަމިއްލަ ގަލަމެއް ގެންދަން ކޮމިޝަނުން ހިތްވަރު ވެސް ދީފައިވާނެ ކަމަށެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުރި ތަން ކުއްލި ގޮތަކަށް ބަދަލުކުރުމުގެ ސަބަބުން އިންތިޚާބީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވެ އެވެ. އެކަމަކު އެކަން ދޮގުކުރައްވައި، ޝަމީމް ވިދާޅުވި ގޮތުގައި، އެ ބިއުރޯ އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެއްވެސް އިރަކު ބަންދު ވެފައެއް ނެތެވެ. އަދި އިންތިޚާބާ ގުޅިގެން 400 މައްސަލައެއް އެ ބިއުރޯ އަށް ލިބުނު ކަމަށާއި އެ ހުރިހާ މައްސަލަތަކަށް ޖަވާބު ދިން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދައުވާގައި ބުނެފައިވާ އެއް ކަމަކީ ވޯޓު ކަރުދާހުގެ ސައްހަކަން ބަލަން ޔޫވީ ލައިޓް ބޭނުން ކޮށްފައި ނެތް މައްސަލަ އެވެ. އެހެންވެ ސައްހަ ނޫން ކަރުދާސްތަކެއް ބައެއް ފޮށިތަކުގައި ހުރުމުގެ ފުރުސަތު އޮތް ކަމަށް އެ މައްސަލާގައި ބުނެ އެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފެށުމުގެ ކުރިން، އެ ސަރަހައްދަށް އެއްވި މީހުން ފޮނުވައިލުމަށް ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފެށުމުގެ ކުރިން، އެ ސަރަހައްދަށް އެއްވި މީހުން ފޮނުވައިލުމަށް ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ ޔޫވީ ލައިޓް ބޭނުން ކުރުމަށް ގާނޫނީ ގޮތުން ކޮމިޝަނަށް ލާޒިމްވެފައި ނެތް ކަމަށެވެ. އެހެންވެ އެކަން ނުކުރުމަކީ އިންތިޚާބު ބާތިލްކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ވިދާޅުވީ ސައްހަ ނޫން ކަރުދާހެއް އެއްވެސް ފޮށްޓެއްގައި ހުރި ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ.

ބައެއް މަރުކަޒުތަކުގައި ވޯޓިން ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމުގެ ޝަކުވާ ލިބެމުން ދިއުމުން އެކަންކަން ކޮމިޝަނުން ހައްލު ކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަސް ފަދަ ތަކެތި ވެއްދުމުގެ ހުއްދަ ނުދިނުމަށް ކޮމިޝަނުން އަންގާފައި ވަނިކޮށް އެކަން ކުރި ކަމުގެ 38 ޝަކުވާއެއް ލިބުނު ކަމަށާއި އެހެންވެ، އެ ތަންތަނުގެ އޮފިޝަލުންގެ ގޮތުގައި ތިބި މީހުންގެ މައްސަލަތައް މިހާރު ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ވޯޓު ލީ ދުވަހު ކެމްޕެއިން ކުރުމާއި ހަދިޔާ ބެހި ކަމަށް ބުނެ ލިބުނީ ހަ މައްސަލަ އެވެ. އެހެންވެ އެއީ ފުޅާ ދާއިރާއެއްގައި ހިނގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެ ވޯޓު ފޮއްޓެއްގައި ޖެހުނީ ހިސާބު ކުރުމުގެ މައްސަލައެއް

ހުޅުމާލޭގައި ބެހެއްޓި ފޮށްޓެއްގައި އިތުރަށް ވޯޓު ކަރުދާސް ހުރި ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައި ވިޔަސް އެއީ ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން ޝަމީމް ވިދާޅުވީ އެ ފޮށީގައި އިތުރަށް ކަރުދާހެއް ނެތް ކަމަށާއި ވޯޓުގެ އަދަދު ހިސާބު ކުރުމުގައި މައްސަލަ ޖެހުނީ އެ ފޮށްޓަށް ވޯޓުލި އަންހެނުންނާއި ފިރިހެނުންގެ އަދަދު ޖެހުމުގައި އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ. އެކަން އެ ފޮށީގެ ނަތީޖާ ޝީޓުން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެހެން ފޮށްޓަކަށް ވޯޓުލާން ޖެހޭ މީހަކު އެ ފޮށްޓަށް ވޯޓުލި މައްސަލައެއް ފެންމަތިވި އެވެ. އެކަން ހިނގި ގޮތް ވެސް އެ ފޮށީގެ ރިޕޯޓުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގި ކަމެއް ނެތުމުން އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ހުށައަޅަން ޝަރުތު ހަމައެއް ނުވޭ

މީގެ އިތުރުން ޝަމީމް ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައިފަ އެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތް ގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޝަމީމް ވިދާޅުވި ގޮތުގައި، 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލީ ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަވުމުންނެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފެށުމުގެ ކުރިން، އެ ސަރަހައްދަށް އެއްވި މީހުން ފޮނުވައިލުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފެށުމުގެ ކުރިން، އެ ސަރަހައްދަށް އެއްވި މީހުން ފޮނުވައިލުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ސުޕްރީމް ކޯޓުން އޭރު އެ މައްސަލަ ބެލި ސަބަބުގެ ގޮތުގައި ދެ ޝަރުތެއް ހިމަނާފައިވާ އިރު، އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައިގައި އެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަންކަން ފާހަގަކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޝަމީމް އެދިވަޑައިގަތީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ވަދެފަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލެއްވީ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. މާދަމާގެ އަޑުއެހުން ފަށާނީ ހެނދުނު 10:30 ގަ އެވެ.

އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މުހައްމަދު ސަލީމް (ރޭނިސް) އެވެ.