Roadha Mihaaru
ޖަމާލް ޚަޝޯގީ: ގެއްލުނު ހަށިގަނޑު

ޖަމާލް ޚަޝޯގީ: ގެއްލުނު ހަށިގަނޑު

15 އޮކްޓޯބަރ 2018

ސަރުކާރަށް ފާޑުކިޔާ މީހުން، ވާނުވާ ނޭނގި ގެއްލުމަކީ މެދުއިރުމަތީގެ މުއްސަނދި ގައުމުތަކުގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. ގިނަ ފަހަރަށް އެ ފަދަ ހާދިސާތައް އާންމުންގެ ސަމާލުކަމަކަށް ނުވެސް އާދެ އެވެ. އެކަމަކު މި މަހުގެ 2 ވަނަ ދަވަހު ތުރުކީ ވިލާތުގައި ގެއްލުނު ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ވާހަކަ އަދިވެސް އޮތީ ތާޒާކަމާ އެކުގަ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސަރުކާރަށް ފާޑުކިޔާ މީހުން، ވާނުވާ ނޭނގި ގެއްލުމަކީ މެދުއިރުމަތީގެ މުއްސަނދި ގައުމުތަކުގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. ގިނަ ފަހަރަށް އެ ފަދަ ހާދިސާތައް އާންމުންގެ ސަމާލުކަމަކަށް ނުވެސް އާދެ އެވެ. އެކަމަކު މި މަހުގެ 2 ވަނަ ދަވަހު ތުރުކީ ވިލާތުގައި ގެއްލުނު ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ވާހަކަ އަދިވެސް އޮތީ ތާޒާކަމާ އެކުގަ އެވެ.

ޖަމާލް ޚަޝޯގީ، ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސުލޭޓް އަށް މިމަހުގެ 2 ވަނަ ދުވަހު ވަނީ އޭނާގެ ތުރުކީ ލޯބިވެރިޔާ ޚަދީޖާ ޖަންކީޒްއާ ކައިވެނި ކުރުމަށްޓަކައި، ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ. އެ ދުވަހުގެ މެންދުރު އެކެއް ޖެހި އިރު އޭނާ ކޮންސުލޭޓް އަށް ވަނުމުން، ލިޔުންތައް ހިފައިގެން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައި، އޭނާގެ ލޯބިވެރިޔާ ކޮންސުލޭޓްގެ ބޭރުގައި ހުއްޓެވެ.

ނަމަވެސް ތިން ގަޑިއިރު ފާއިތުވި އިރު ވެސް ޚަޝޯގީގެ ޚަބަރެއް ނުވުމުން އެކަން ތުރުކީ ވިލާތުގެ ފުލުހުންނަށް ރިޕޯޓް ކުރި އެވެ. މައްސަލަ އުފެދުނީ އެ ހިސާބުންނެވެ. އެ ވަގުތުން ފެށިގެން ޚަޝޯގީ އަކީ ގެއްލިފައިވާ މީހެއްގެ ގޮތުގައި ބެލެވުނެވެ. އޭނާ މަރުވީ ހެއްޔެވެ؟ މަރައިލީ ހެއްޔެވެ؟

ޚަޝޯގީ ގެއްލުމަކީ ރޭވުމެއްތަ؟

ޚަޝޯގީގެ ހާލަތު ދެެނެގަތުމަށް ކުރި ތަހުގީގަށް ފަހު ތުރުކީ ވިލާތުގެ ތަހުގީގީ އިދާރާތަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކޮންސުލޭޓަށް އޭނާ ދިޔައިރު، ދުރާލައި އޮތީ ބޮޑެތި ރޭވުންތަކެއް ރާވައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔުންތައް ހޯދުމަށްޓަކައި ކޮންސުލޭޓަށް ހުށަހަޅާފައިވަނީ އޭނާ ގެއްލުމުގެ ދުވަސްތަކެއް ކުރިންނެވެ.

އެ ކަމަށް އެދި ހުށަހެޅުމުން މި މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު ފަހު އެކެއް ޖަހާއިރު، ލިޔުންތަކާ ހަވާލު ވުމަށް އައުމަށް އޭނާ އަށް އަންގާފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަށް ބާރު ލިބިދޭ ހެއްކަކީ، ޚަޝޯގީ މަރައިލުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން، އެ ދުވަހުގެ އެ ގަޑި އަށް ސައޫދީ އަރަބިއްޔާ އިން ތުރުކީ ވިލާތަށް، ޕްރައިވެޓް ޖެޓެއްގައި ދަތުރު ކޮށް ކޮންސުލޭޓަށް ދިއުމެވެ.

އެ ދުވަހުގެ އެ ގަޑި އަށް ޚަޝޯގީ ކޮންސުލޭޓަށް އަންނާނެ ކަން ނޭނގޭ ނަމަ، އެތައް ގަޑިއިރެއްގެ ދަތުރެއް ކޮށް، އެކަމުގައި ބައިވެރިވި މީހުން ތުރުކީ ވިލާތަށް ނައީހެވެ. އަދި ޚަޝޯގީ ކޮންސުލޭޓަށް ވަނުމާ އެކު، އެ ކަމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން ޑިޕްލޮމެޓިކް އުޅަނދުތަކެއްގައި ކޮންސުލޭޓަށް ގޮސް، ދެ ގަޑިއެއްހާ އިރު ފަހުން ކޮންސުލޭޓުން ނުކުމެގެން ދިއުމެވެ.

ޚަޝޯގީ އާއި ސައޫދީގެ ޚިޔާލު ތަފާތުވުން

މީގެ އެތައް އަހަރެއް ކުރިން ވެސް ޚަޝޯގީ އަކީ ސައޫދީގެ ޝާހީ އާއިލާއާ ވަރަށް ގާތް މީހެކެވެ. އޭނާގެ ނޫސްވެރިކަމުގެ މުޅި ހަޔާތް ހޭދަކުރީ ޝާހީ އާއިލާގެ އަރިސް މީހެއްގެ ގޮތުގަ އެވެ. އޭނާއަކީ ލަންޑަނާއި އެމެރިކާ އަށް ކަނޑައަޅާފައި ހުރި ސައޫދީ ސަފީރު އަމީރް ތުރުކީ އަލް ފައިސަލްގެ މީޑިއާ އެޑްވައިޒަރެވެ.

އޭގެ ފަހުން ސައޫދީ މަހުޖަނު، އަމީރް އަލް ވަލީދު ބިން ތޮލާލްގެ މީޑިއާ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އޭރު ވެސް އޭނާ ގެންދެވީ އޭނާގެ މިނިވަން ޚިޔާލާ އެކު ސައޫދީ ސަރުކާރަށް ފާޑު ކިޔައި ނޫސްތަކުގައި ލިޔަމުންނެވެ.

ނަމަވެސް ސައޫދީ އަރަބިއްޔާ އާއި މިސްރު އިސްވެ އޮވެ، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ އެކު ގުޅުން ކަނޑައިލި ހިސާބުން، ޚަޝޯގީގެ މިނިވަން ޚިޔާލަކީ ސައޫދީ ސަރުކާރަށް ބޮޑު ނުރައްކަލަކަށް ވިއެވެ. ގަތަރާ ގުޅުން ކަނޑައިލުމުން، ޚަޝޯގީ ފާޅުގައި ސައޫދީގެ އެ ނިންމުމަށް ފާޑު ކިޔަން ފެށި އެވެ. ވަކިން ޚާއްސަކޮށް ސައޫދީގެ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާނުގެ ހަރުކަށި ސިޔާސަތަށް ފާޑު ކިޔަން ފެށި އެވެ. އަދި ސައޫދީ އަރަބިއްޔާގެ ސިފައިން ޔަމަނަށް ފޮނުވައިގެން އެ ގައުމުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަކީ ވެސް ސައޫދީ ސަރުކާރަށް ޚަޝޯގީ ފާޑު ކިޔާ އެއް ކަންތަކެވެ.

އެމެރިކާ ސިފައިންގެ މީހަކު ސައޫދީ އަރަބިއްޔާގެ ސިފައިންގެ ބަޔަކާ އެކު ހަނގުރާމައިގެ މަޝްވަރާތަކެއް ކުރަނީ.

އެމެރިކާ ސިފައިންގެ މީހަކު ސައޫދީ އަރަބިއްޔާގެ ސިފައިންގެ ބަޔަކާ އެކު ހަނގުރާމައިގެ މަޝްވަރާތަކެއް ކުރަނީ.

ނަތީޖާއެއްގެ ގޮތުން ސައޫދީ ސަރުކާރުން އޭނާގެ ޓުވީޓާ އެކައުންޓް ބްލޮކް ކޮށްލި އެވެ. އަދި ނޫސްތަކުގައި އޭނާ ލިޔަމުންދާ ކޮލަމްތައް ލިޔުން ހުއްޓައިލުމަށް ސައޫދީ ސަރުކާރުން އިންޒާރު ދިނެވެ. އެހެންކަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާ އަށް ހިޖްރަ ކުރި ފަހުން އޭނާ އާންމު ގޮތެއްގައި ދިރިއުޅެމުން އައީ އެމެރިކާގަ އާއި، އޭނާގެ އާއިލީ ގައުމެއް ކަމަށްވާ ތުރުކީ ވިލާތުގަ އެވެ. އަދި އެމެރިކާގެ ވޮޝިންޓަން ޕޯސްޓު ނޫހުގައި އޭނާ ގެންދިޔައީ، ސައޫދީ ޝާހީ އާއިލާ އަށް ފާޑު ކިޔައި ލިޔަމުންނެވެ.

ޚަޝޯގީއަކީ ކާކު؟

ޚަޝޯގީ އަކީ ތުރުކީ ދަރިކޮޅުން އުފަންވި މީހެކެވެ. އޭނާގެ ކާފަ މުހައްމަދު ޚަޝޯގީ އަކީ ސައޫދީ އަރަބިއްޔާގެ ބާނީ އަބްދުލް އަޒީޒް އާލް ސައޫދުގެ ޚާއްސަ ޑޮކްޓަރެވެ. މުހައްމަދު ޚަޝޯގީ ސައޫދީ އަށް ހިޖްރަކޮށް ސައޫދީ އަންހެނަކާ ކައިވެނިކޮށްގެން ދިރިއުޅެމުން އައީ ސައޫދީ އަރަބިއްޔާގަ އެވެ. ނަމަވެސް ތުރުކީ ވިލާތުގައި އޭނާގެ އާއިލާގެ އެތައް ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި މުޅި ދުނިޔެ އަށް މަޝްހޫރުވި ސައޫދީ އަރަބިއްޔާގެ ބިލިއަނަރު، އަދި ހަތިޔާރުގެ ވިޔަފާރިވެރިޔާ އަދުނާން ޚަޝޯގީއަކީ، ޖަމާލް ޚަޝޯގީގެ ބޮޑުބޭބެ އެކެވެ. އަދި އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސެސް ޑަޔާނާގެ ލޯބިވެރިޔާ ޑޯޑީ އަލް ފާޔިދް އަކީ ޖަމާލް ޚަޝޯގީއާ ދެބެންގެ ދެދަރި މީހެކެވެ.

މި ހުރިހާ ގޮތަކުން ބަލާއިރު ޖަމާލް ޚަޝޯގީއަކީ ސައޫދީ ޝާހީ އާއިލާއާ އެކު ވަރަށް ކުރިންސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. އޭނާ ނޫސްވެރިކަމުގައި މިހާތަނަށް މަސައްކަތް ކޮށްފައި ހުރީ ވެސް، ސައޫދީ ސަރުކާރުގެ ނުފޫޒު އޮންނަ ނޫސްތަކުގަ އެވެ.

އޭނާ ނޫސްވެރިކަމުގެ ދުނިޔެ އަށް ވަނީ، އިނގިރޭސި ބަހުން ނެރުނު ނޫހުން ކަމަށްވާ ސައޫދީ ގެޒެޓް އިންނެވެ. އެއަށް ފަހު "އައް ޝަރުގުލް އައުސަތު" ދުވަހު ނޫހާއި "އަރަން ނިއުސް" ނޫހުގައި މަސައްކަތް ކޮށް. އޭގެ ފަހުން ސައޫދީ މީހަކު ލަންޑަންގައި ނެރުނު ނޫހެއް ކަމަށްވާ "އަލް ހަޔާތު"ގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

"އަހަރެންގެ ގެދޮރާއި އަހަރެންގެ އާއިލާ އަދި އަހަރެންގެ ވަޒީފާ ދޫކޮށް މި ނުކުތީ އަހަރެންގެ އަޑު އިއްވަން. އެހެން ނޫން ނަމަ އެއީ ޖަލުގައި އިހާނެތިކުރެވެމުންދާ މީހުންނަށް ވެވޭ ޚިޔާނާތެއް. އެތައް ބަޔަކަށް ވާހަކަ ދައްކަން ނުކެރިފައި ތިބި އިރު އަހަރެން އެބަ ވާހަކަ ދައްކަން. ސައޫދީ އަރަބިއްޔާ އަކީ އަބަދު އެއް ހާލަތެއްގައި އޮންނަ ގައުމެއް ނޫން. އަހަރެމެން ސައޫދީ އަރަބިއްޔާގެ މީހުންނަށް މިއަށް ވުރެ ރަނގަޅު މިންވަރެއް ހައްގުވެގެންވޭ،" ސައޫދީ އަރަބިއްޔާ ދޫކޮށް އެމެރިކާ އަށް ހިޖްރަ ކުރި ސަބަބާ ބެހޭ ގޮތުން، ވޮޝިންޓަން ޕޯސްޓުގައި، ސެޕްޓެމްބަރު 18، 2017 ގައި އޭނާ ލިޔެފައިވެ އެވެ.

"ޔަމަންގައި ކުރަމުންދާ މި އަނިޔާވެރި ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް އެ ގައުމަށް ލިބޭ ދާއިމީ ގެއްލުން ދާނީ ބޮޑުވަމުން. ޔަމަންގެ ރައްޔިތުން އަވަދިނެތި އުޅެން ޖެހޭނީ ފަގީރުކަން ނައްތައިލުމަށާއި ކޮލެރާގެ ވަބާއިން ސަލާމަތް ވުމަށާއި ބޯފެން ހޯދުމަށާއި ގައުމު އަލުން އާރާސްކުރުމުގެ މަސައްކަތުގައި. މި އަނިޔާވެރި ހަމަނުޖެހުމަށް ވަލީ އަހުދު ނިމުމެއް ގެންނަންޖެހޭނެ. އަދި އިސްލާމް ދީނުގެ އުފަން ބިމުގެ ހުރުމަތާއި ކަރާމާތް އަލުން އަނބުރާ ހޯދަންޖެހޭނެ،" ޖަމާލް ޚަޝޯގީ އެންމެ ފަހުން ވޮޝިންޓަން ޕޯސްޓުގައި ލިޔުނު ކޮލަމްގައި ލިޔެފައިވެ އެވެ.