Roadha Mihaaru
ނޫސްވެރިޔާގެ މައްސަލައިގައި ރާއްޖެ ސައޫދީއާ އެކު

ގެއްލުނު ނޫސްވެރިޔާގެ މައްސަލައިގައި ދިވެހި ސަރުކާރު ސައޫދީއާ އެކު

15 އޮކްޓޯބަރ 2018

ތުރުކީގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސުލޭޓަށް ވަން ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މައްސަލައިގައި ރާއްޖެ ސައޫދީ އަރަބިއްޔާއާ އެއްކޮށް އޮތްކަން ހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ތުރުކީގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސުލޭޓަށް ވަން ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މައްސަލައިގައި ރާއްޖެ ސައޫދީ އަރަބިއްޔާއާ އެއްކޮށް އޮތްކަން ހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެމުން އައި ޖަމާލް އެންމެ ފަހުން ފެނިފައި ވަނީ، މި މަހުގެ ދެ ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަންނަނިކޮށެވެ. އޭގެ ފަހުން އެ ތަނުން ނުނިކުންނަ ކަމަށް، އޭނާއާ އެކު ގޮސް އެ ކޮންސުލޭޓްގެ ބޭރުގައި ހުރި އޭނާގެ ތުރުކީ ލޯބިވެރިޔާއާ ހަވާލާ ދީ ތުރުކީ ސަރުކާރުން ބުނެ އެވެ.

ތުރުކީ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޖަމާލް ޚަޝޯގީ ވަނީ އެ ކޮންސުލޭޓްގެ ތެރޭގައި ސުވާލުތަކެއް ކުރުމަށް ފަހު މަރާލައިފަ އެވެ.

އެ މައްސަލައިގައި ސައޫދީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވަނިކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއެރުވުން ބަލައިނުގަނެވޭނެ ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކައި ނުވަތަ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ސިޔާސީ ގޮތުން ޕްރެޝަރުކޮށް، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާނެ ކަމެއް ކުރުން ދިވެހިރާއްޖެ އިން ކުށްވެރި ކުރަން،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ގާނޫނާއި ގަވާއިދާއި ބައިނަލްއަގްވާމީ މުއާހަދާތަކަށް ސައޫދީ ސަރުކާރުން ތަބާވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ސައޫދީ ސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށް ބުނެ އެކަމަށް ތަހުނިޔާ ކިޔާފައިވެ އެވެ.

އެ މައްސަލައިގައި ސައޫދީ އަރަބިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގައުމާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ އެ އަށް ވުރެ ވަރުގަދަ ފިޔަވަޅެއް ސައުދީން އަޅާނެ ކަމަށެވެ.

ތުރުކީ އޮފިޝަލުން ބުނާ ގޮތުގައި ސައޫދީ ސަރުކާރުން ވަނީ ޖަމާލް މަރާލަން ރޭވުމަށް ފަހު، ޕްރައިވެޓް ދެ ޖެޓުގައި 15 މީހުންގެ ޓީމެއް ތުރުކީ އަށް ފޮނުވި އެވެ. އަނިޔާކޮށް، ޖަމާލް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ނައްތާލީ އެ 15 މީހުންގެ ޓީމުން ކަމަށްވެ އެވެ.

ޖަމާލް މަރައިލި ވަގުތުގެ ވީޑިއޯއެއް ވެސް އުޅޭ ކަމަށްވެ އެވެ. ނަމަވެސް އެ ވީޑިއޯ މިހާތަނަށް ލީކުވެފައެއް ނުވެ އެވެ.