Roadha Mihaaru
"ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާއެކު ވަނީ މަރާލާފައި"

ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާ އެކު ވަނީ ކަރުގައި ހިފައި މަރާލާފައި: ތުރުކީ

31 އޮކްޓޯބަރ 2018

އިސްތަންބޫލް (އޮކްޓޯބަރު 31) - ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަނުމާ އެކު ކަރުގައި ހިފައިގެން ކަމަށް ތުރުކީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (އޮކްޓޯބަރު 31) - ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަނުމާ އެކު ކަރުގައި ހިފައިގެން ކަމަށް ތުރުކީން ބުނެފި އެވެ.

ނޫސްވެރިޔާ މަރާލި ގޮތުގެ ތަފްސީލް ރަސްމީކޮށް ފުރަތަމަ ފަހަރަށް ހާމަކުރަމުން ތުރުކީގެ ޗީފް ޕްރޮސެކިއުޓަރު އިރްފާން ފިދާން ވިދާޅުވީ ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާ އެކު ދުރާލައި ރާވާފައިވާ ޕްލޭނުގެ ދަށުން އޭނާ ވަނީ ކަރުގައި ހިފައި މަރާލާފައި ކަމަށެވެ. އޭގެ ފަހުން އޭނާގެ ކަށިގަނޑު ކޮށާލުމަށް ފަހު ވަނީ ނައްތާލާފައި ކަމަށް ވެސް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.

ސައުދީ އަރަބިއާގެ ޕްރޮސެކިއުޓަރާ އެކު އިސްތަންބޫލްގައި ބޭއްވި ބައްދަލުވުމުން ހަރުދަނާ ނަތީޖާއެއް ނުކުމެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ ގޮތުން ސައުދީން ކޮމެންޓް ކޮށްފައެއް ނުވެ އެވެ. ނޫސްވެރިޔާގެ މަރުގެ ތަފްސީލް ތުރުކީން ހާމަކުރީ ސައުދީ ޕްރޮސެކިއުޓަރު ފުރައިގެން ދިޔަ ފަހުންނެވެ.

ސައުދީން ފުރަތަމަ ބުނީ ނޫސްވެރިޔާ އަށް ވީގޮތެއް ނޭނގޭ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި އޭނާ މަރުވި ކަމަށް އެއްބަސްވެފަ އެވެ. ސައުދީން ބުނެފައި ވަނީ ނޫސްވެރިޔާގެ މަރާ ގުޅިގެން 18 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ޝަރީއަތް ހިންގާނީ ސައުދީގައި ކަމަށެވެ.