Roadha Mihaaru
"ސައުދީން ޖަވާބު ދޭން ޖެހޭ ސުވާލުތައް އަދިވެސް ގިނަ"

ސައުދީން ޖަވާބު ދޭން ޖެހޭ ސުވާލުތައް އަދިވެސް ގިނަ: ތުރުކީ

25 އޮކްޓޯބަރ 2018

އަންކަރާ (އޮކްޓޯބަރު 25) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީން ޖަވާބު ލިބެން ޖެހޭ ސުވާލުތައް ގިނަ ކަމަށް ތުރުކީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (އޮކްޓޯބަރު 25) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީން ޖަވާބު ލިބެން ޖެހޭ ސުވާލުތައް ގިނަ ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލޫ ވިދާޅުވީ ނޫސްވެރިޔާގެ މަރާ ގުޅިގެން 18 މީހަކު ހައްޔަރު ކުރީ ކީއްވެތީ ސައުދީން ޖަވާބު ދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިޔާ މަރާލަން އެންގީ ކާކުތޯ އާއި އޭނާގެ ހަށިގަނޑުވީ ކޮންތަނެއްގައިތޯ ބުނެދޭން ޖެހޭނެ ކަމަށެވެ.

ސައުދީ އަރަބިއާ އިން މިދިޔަ ހަފުތާގައި ވަނީ ނޫސްވެރިޔާ މަރުވީ އިސްތަންބޫލް ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި ކަމަށް ބުނެފަ އެވެ. އަދި އެ ގަތުލާ ގުޅިގެން 18 މީހުން ހައްޔަރުކުރި ކަމަށް ވަނީ ބުނެފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ވެސް ވަނީ ނޫސްވެރިޔާގެ މަރުގައި ޒިންމާވާ މީހުންގެ ޝަރީއަތް ތުރުކީގައި ހިންގުމަށް ގޮވާލައްވައިފަ އެވެ. އުރުދުޣާން ވެސް ވަނީ އެކަމަށް އެދިވަޑައިގެންފަ އެވެ.

"މި މައްސަލަ ބައިނަލްއަގުވާމީ ކޯޓަކަށް ގެންދިއުމުގެ ވިސްނުމެއް ނެތް. އެކަމަކު ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރަމުން ގެންދާނަން،" ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ނޫސްވެރިޔާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ސީއައިއޭގެ ޑިރެކްޓަރު މިދިޔަ ހަފުތާގައި ވަނީ ތުރުކީ އަށް ވަޑައިގެންފަ އެވެ.