Roadha Mihaaru
އަޖްފާނަށް އަނިޔާވެއްޖެ، ޒަޔާން ސެމީ ފައިނަލަށް

އަޖްފާނަށް އަނިޔާވެއްޖެ، ޒަޔާން ސެމީ ފައިނަލަށް

13 ނޮވެމްބަރ 2021

ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުހައްމަދު އަޖްފާނަށް އަނިޔާވެ މެޗު ކުރިއަށް ނުގެންދެވުމުން، އޭނާއާ ދެކޮޅަށް ކުޅުނު މުހައްމަދު ޒަޔާން ޒަކީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުހައްމަދު އަޖްފާނަށް އަނިޔާވެ މެޗު ކުރިއަށް ނުގެންދެވުމުން، އޭނާއާ ދެކޮޅަށް ކުޅުނު މުހައްމަދު ޒަޔާން ޒަކީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ގައުމީ މުބާރާތް ބާއްވައިފައެއް ނުވެ އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ މުބާރާތް ބާއްވާއިރު އެންމެ ފަހުގެ ޗެމްޕިއަން އަޖުފާން މިފަހަރުގެ މުބާރާތުގެ ފައިނަލުން ދެން ނުފެންނާނެ އެވެ.

ފުރަތަމަ ޑިވިޝަން ސިންގަލްސް ސެމީ ފައިނަލުގައި އިއްޔެ ހަވީރު މެޗުގެ ފުރަތަމަ ގޭމް އަޖުފާން ކާމިޔާބު ކުރި އެވެ. އޭނާ އެ ގޭމް ކާމިޔާބު ކުރީ 21-17 އިންނެވެ. ޖެހިގެން އައި ގޭމް 21-11 އިން ޒަޔާން ކާމިޔާބު ކުރި އެވެ. އަޖްފާން އަށް އަނިޔާވީ ތިން ވަނަ ގޭމްގަ އެވެ. އޭރު ނަތީޖާ އޮތީ 17-7 އިން ޒަޔާން ކުރީގަ އެވެ. އޭގެ ފަހުން އަޖްފާންގެ އުކުޅުވަޅަށް އަނިޔާވެ ދެން އޭނާ އަށް އިތުރަށް މެޗު ކުރިއަކަށް ނުގެންދެވުނެވެ.

"ދެ ހަފުތާ ކުރިން އިންޑިއާގައި ކުޅުނު އިންޓަނޭޝަނަލް މުބާރާތެއްގައި އެންމެ ފުރަތަމަ އަނިޔާވީ. ގައުމީ މުބާރާތުގައި ކުރިއަށް ނުދެވުނީމަ ޑިސަޕޮއިންޓްވި. އެކަމަކު އިރާދަކުރެއްވިއްޔާ އެނބުރި މާވަރުގަދަކޮށް އަންނާނަން،" ގައުމީ މުބާރާތް ނުވަ ފަހަރު ކާމިޔާބު ކުރި އަޖްފާން ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ޒަޔާން ނުކުންނާނީ، އޭނާގެ ކްލަބު ރިވައިވަލް ސްޕޯޓްސްގެ އަހްމަދު ތޯއިފް މުހައްމަދުއާ ދެކޮޅަށެވެ. ތޯއިފް ސެމީ އަށް ދަތުރު ކުރީ، ކުއާޓާގައި އަހްމަދު ޝާދިން ޖަލީލް ސީދާ ދެ ސެޓުން ބަލި ކުރުމަށް ފަހު އެވެ. ސެޓްތައް ކާމިޔާބު ކުރީ 21-16 އަދި 21-3 އިންނެވެ.

ފިރިހެން ސިންގަލްސް ސެމީގައި ދެން ނުކުންނާނީ މުހައްމަދު އާކިފް އާއި ނިބާލް އަހްމަދު އެވެ. ނިބާލް ސެމީ އަށް ދަތުރު ކުރީ ހައިޝަމް އިބްރާހިމް އަލީގެ މައްޗަށް 21-9 އަދި 21-13 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އާކިފް ފައިނަލަށް ދަތުރު ކުރީ އައްފާން އަލީގެ މައްޗަށް 21-19 އަދި 21-13 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

އަންހެން ކެޓަގެރީގެ ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލުގައި، އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދު ރައްޒާގް ނުކުންނާނީ ކުރިން ގައުމީ މުބާރާތް ކާމިޔާބު ކުރި އައިޝަތު އަފްނާން ރަޝީދުއާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ފައިނަލުގައި ނަބާހާ އަބްދުު ރައްޒާގް ނުކުންނާނީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަހްމަދު ނަޖީބުއާ ދެކޮޅަށެވެ.

ދެވަނަ ޑިވިޝަން ސެމީ ފައިނަލް މެޗުތައް ވެސް މިއަދު ކުޅޭނެ އެވެ. ދެވަނަ ޑިވިޝަން ސިންގަލްސް ފިރހެން ސެމީ ފައިނަލުގައި ހަަސަން ޒަޔާން މުހައްމަދު ނުކުންނާނީ އިޔާން އަބްދުލް އަލީމްއާ ދެކޮޅަށެވެ. ދެވަނަ ސެމީ ފައިނަލުގައި އަހްމަދު ހަނޫން ނުކުންނާނީ ހަމްޒާ އަބްދުލް ރަހްމާންއާ ދެކޮޅަށެވެ.