Roadha Mihaaru
އެފްއޭއެމް ޔޫތު މުބާރާތް މި މަހު 19 ގައި ފަށަނީ

މާޒިޔާ-ޔުނައިޓެޑް ވިކްޓަރީ މެޗުން ޔޫތު މުބާރާތް މި މަހު 19 ގައި ފަށަނީ

11 އޯގަސްޓް 2016

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ މެޗުން މި މަހު 19 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ މެޗުން މި މަހު 19 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ހެންވޭރު ދަނޑުގައި ކުޅޭ މި މުބާރާތުގައި ކުޅޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމެވެ. އެއީ ޔުނައިޓެޑް ވިކްޓަރީ، މާޒިޔާ، އީގަލްސް، ވެލެންސިއާ، ބީޖީ، ޓީސީ، ވިކްޓަރީ އަދި ނިއު ރޭޑިއަންޓެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރު ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް ސެމީން ޖާގަ ލިބޭނެ އެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސީނިއާ ސްކޮޑުގައި ތިބި 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތުގައި ކުޅެވޭނެ އެވެ. އެކަމަށް ޔޫތު ޓީމާ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ސީނިއާ ޓީމަށް ނުކުޅެވޭނެ އެވެ.

މި މުބާރާތާ އެކު، ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި އީގަލްސްގެ މިހާރުގެ ފޯވާޑް އިބްރާހިމް މުބީން (މުއްކި) އާއި އަންސަރު އިބްރާހިމް އަދި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި އަމްދާން އަލީ (އެންޑީ) ހިމެނެ އެވެ.