Roadha Mihaaru
ދަރިވަރުން ބެހި ގޮތުން ބެލެނިވެރިން ހިތްހަމަނުޖެހިފައި!

ގްރޭޑް 1 އަށް ދަރިވަރުން ބެހި ގޮތުން ބެލެނިވެރިން ހިތްހަމަނުޖެހިފައި!

17 އޮކްޓޯބަރ 2018

މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް އަލަށް ވެއްދި ދަރިވަރުން ސްކޫލުތަކަށް ބަހާލިގޮތުން ބައެއް ބެލެނިވެރިން ހިތްހަމަނުޖެހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް އަލަށް ވެއްދި ދަރިވަރުން ސްކޫލުތަކަށް ބަހާލިގޮތުން ބައެއް ބެލެނިވެރިން ހިތްހަމަނުޖެހިއްޖެ އެވެ.

ގްރޭޑު އެކަކަށް ވެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ފޯމު ހުށަހަޅާއިރު އެ ދަރިވަރަކު ދާން ބޭނުންވާ ސްކޫލެއް ޖަހާކަށް މިހާރު ނުޖެހެ އެވެ. އޭގެ ބަދަލުގައި ޖެހޭނީ އެ ދަރިވަރަކު އުޅޭ ގޭގެ ބްލޮކް ނަންބަރު ޖަހާށެވެ. ނަމަވެސް މީގެ ކުރިން ގްރޭޑް އެކަކަށް އަލަށް ކުދިން ވައްދާއިރު، އެ ދަރިވަރަކު ދާން ބޭނުންވާ ތިން ސްކޫލެއްގެ ނަން ޖަހަން ފުރުސަތު ދެ އެވެ. ދަރިވަރުންނަށް ފުރުސަތު ދޭނީ އެ ސްކޫލުތަކަށް ބެލުމަށްފަހު، ޖާގަ ހުރި ތަނަކުންނެވެ.

ސްކޫލުތަކަށް ދަރިވަރުން ބަހާލިގޮތުގެ ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު "މިހާރު" އަށް ބުނީ އޭނާ ދިރިއުޅެމުން އަންނަނީ އަހުމަދިއްޔާ ސްކޫލު ކައިރީގައި ކަމަށް ވިއަސް އޭނާގެ ފިރިހެން ދަރިފުޅަށް ޖާގަ ދީފައިވަނީ ތާޖުއްދީން ސްކޫލަށް ކަމަށެވެ.

"އެއް އަހަރުގެ ކުއްޖެއް ވެސް ހުންނާނެ. މިހާރު އޭނާ ނިންދަވާލާފައި ވެސް އެބަ ދެވޭ ސްކޫލާއި ގެއާ ކައިރި ވީމަ ބެލެނިވެރިންގެ ބައްދަލުވުންތަކަށް. އެކަމަކު ތާޖުއްދީން ސްކޫލަށް ވީމަ އެ ތުއްތު ކުއްޖާ އެކަނި ބާއްވާފައި ތާޖުއްދީން ސްކޫލަށް ދާން ވަރަށް އުނދަގޫވާނެ،" އޭނާ ބުންޏެވެ.

އެ ބެލެނިވެރިޔާ ބުނީ ދަރިފުޅުގެ ސްކޫލު ބަދަލުކުރަން މިނިސްޓްރީ އަށް ސިޓީ ލާފައިވާނެ ކަމަށެވެ. ދެ ހަފުތާ ފަހުން އެކަމަށް ޖަވާބު ދޭނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ތާޖުއްދީނަށް ވުރެ އަމީނިއްޔާ އަދި އިސްކަންދަރު ވެސް މާ ކައިރި. އެހެންވެ އެތަނުން ސްކޫލަކަށް ބަދަލުކޮށްދޭން އެދިފައި ވާނީ. އެބަހުރި މާފަންނުގައި އުޅޭ ކުދިން ވެސް ޖަމާލުއްދީން ސްކޫލަށް ލާފާއި. އެއްވެސް ގޮތެއް ނުބަލާ ދަރިވަރުން ސްކޫލުތަކަށް ބަހާލާފައި ވަނީ،"

ދެ ދަރިންނާ އެކު ޖަމާލުއްދީން ސްކޫލު ކައިރީގައި އެކަނި ދިރިއުޅެމުން އަންނަ އަންހެނަކު ވެސް ބުނީ، އޭނާގެ ފިރިހެން ދަރިފުޅަށް ޖާގަ ދީފައިވަނީ އިމާދުއްދީން ސްކޫލު ކައިރިން ކަމަށެވެ. އެކަމަކު އޭނާ އުޅެނީ ޖަމާލުއްދީން ސްކޫލު ކުރިމަތީގައި ހުންނަ ގެއެއްގަ އެވެ.

"މަސައްކަތް ކުރާ އޮފީސް މި ހުންނަނީ މާފަންނުގައި. އެހެންވެ ވަރަށް އުނދަގޫވާނެ ގެއާ ދުރު ހިސާބަކަށް އެގޮތަށް ދަރިފުޅު ބަލާދާން. ގެއާ ކައިރިވެއްޖެ ނަމަ ފަސޭހަވެގެންދާނެ،" ސްކޫލަށް ދަރިވަރުން ބަހާލިގޮތުގެ ކަންބޮޑުވުން ފާޅުކުރަމުން އަންހެނަކު ބުންޏެވެ.

ރުޅިގަދަވެފައި ހުރި ބެލެނިވެރިއަކު "މިހާރު" އަށް ފޮނުވި މެސެޖެއްގައި ބުނީ އެޑިއުކޭޝަނުން މިފަހަރު ގްރޭޑް އެކަކަށް ދަރިވަރުން ބަހާލާފައިވާނީ އެއްވެސް ހަމައެއް ލަމައެއް ނެތި ކަމަށެވެ. އެކަމުގެ ސަބަބުން ބެލެނިވެރިންނަށް އުނދަގޫވެގެންދާނެ ކަމަށް ބުންޏެވެ.

"އަމީނިއްޔާ ސްކޫލުގައި ބޭބެ ނުވަތަ ދަައްތަމެން އުޅޭ ސްކޫލުތަކުގައި ކުދިންގެ އެއްބަނޑުއެއްބަފާ ކޮއްކޮމެން އެބަހުރި ހިރިޔާ، ތާޖުއްދީން ސްކޫލުތަކަށް ހަމަޖައްސާފައި. ޖަމާލުއްދީން ސްކޫލު ކައިރީގައި އުޅޭ ކުދިން ވެސް އެބަހުރި ތާޖުއްދީން ފަދަ ދުރު ސްކޫލުތަކަށް ހަމަޖައްސާފައި. ކިހިނެއްތޯ އެއްގަޑިއަކު ދެ ސްކޫލަށް ކުދިން ގޮވައިގެން ހިނގާފައި މަންމައަކަށް ދެވޭނީ،" ބެލެނިވެރިއަކު ފޮނުވި މެސެޖެއްގައި ވެ އެވެ.

ހަދާނެ ގޮތް ހުސްވެފައި އެތަކެއް ބެލެނިވެރިންތަކެއް އެބަތިބި ކަމަށް އޭނާ ބުންޏެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ ސްކޫލުން ޖާގަ ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދީފައި ވާނީ އެ ދަރިވަރަކު ދިރިއުޅޭ ބްލޮކަކާ އެންމެ ކައިރީގެ ސްކޫލަކުން ކަމަށެވެ. އެއްބަނޑުއެއްބަފާ ކުއްޖަކު ހުރި ނަމަ އެ ކުއްޖަކު ކިޔަވަމުން އަންނަ ސްކޫލުން ޖާގަދެނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްޖާ ދިރިއުޅޭ ބްލޮކުން ފުރަތަމަ އިސްކަންދެނީ. އޭގެ ފަހުން ޖާގަ ހުރި ނަމަ، ސިބްލިންސް އަށް ޖާގަ ދޭނެ. އެގޮތަށް މިފަހަރު ވެސް އަމަލުކޮށްފައިވަނީ، ގިނަ ސްކޫލުތަކުން ހުންނާނެ ބެލެނިވެރިންނަށް އެ ފުރުސަތު ދީފައި،" ޝެރީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު އެ މައްސަލަތައް ދިމާވީ ގްރޭޑް 10 އިން ހުސްވާ ކްލާސްތައް މަދުވުމުން ކަމަށެވެ. ނަމަވެސް ޖާގަ ހުރި ވަރަކުން، ދަރިވަރުން ސްކޫލު ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބައެއް ބެލެނިވެރިން މިހާރު އަންނަނީ، އެއް ކުއްޖަކަށް ސްކޫލުން ލިބުނު ޖާގަ އަނެއް ކުއްޖަކާ ބަދަލުކުރަން މަސައްކަތް ކުރަމުންނެވެ.