Roadha Mihaaru
ހުކުމާއެކު ޕީޕީއެމަށް އާ ދިރުމެއް ލިބިއްޖެ: އަދުރޭ

ހުކުމާއެކު ޕީޕީއެމަށް އާ ދިރުމަކާއި ބޮޑު ހިތްވަރެއް ލިބިއްޖެ: އަދުރޭ

21 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމަށް އާ ދިރުމަކާއެކު ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަބްުދުއްރަހީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމަށް އާ ދިރުމަކާއެކު ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަބްުދުއްރަހީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ޕީޕީއެމުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ލީޑަރު އަދުރޭ ވިދާޅުވީ ކޯޓުން ނިންމި ނިންމުމަށް އެ ޕާޓީން އިހުތިރާމް ކުރާ ކަމަށެވެ. އެ ޕާޓީއަކީ ކޯޓުގެ ހުކުމްތަކަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށާއިނއެ އުސޫލުގެ ތެރެއިން މިއަދުގެ ހުކުމަށް ވެސް އިހުތިރާމް ކުރާ ކަމަށް ވިދާޅުވި އެވެ.

ކޯޓުގެ ހުކުމަށް އިހުތިރާމްކުރި ކަމުގައި ވިއަސް އޭގެ މާނައަކީ އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލުން ނޫން ކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ އިންތިޚާބާ ގުޅޭގޮތުން ޕީޕީއެމުން ފާހަގަކުރާ ކަންތައްތައް "ކަށަވަރުކުރުމުގެ މަސައްކަތް" ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭ ނަމަ، ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ބެލުމަށް ހުރަހެއް ނެތް ކަމަށާއި ޖިނާއީ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ އާންމު އުސޫލުގެ ތެރެއިން އެ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލިދާނެ ކަމަށް ހުކުމުގައިވެ އެވެ.

އަދުރޭ ވިދާޅުވީ އެ ހުކުމުން ވެސް ޕީޕިއެމްގެ މެމްބަރުންނަށް ރަނގަޅު ދޮރެއް ހުޅުވައިދީފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމަށްފަހު އަޅުގަނޑުމެން މަސައްކަތް ހުއްޓައެއް ނުލަމޭ. އެ ހުކުމުގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައިގެން ވެސް އަޅުގަނޑުމެން މި އިންތިޚާބުން، އަޅުގަނޑުމެން ގެއްލިގެން މި އުޅޭ ހައްގުތައް ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނަމޭ،" އަދުރޭ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައްކަމުންދާ ވާހަކަތައް ގަބޫލުނުކުރުމަށާއި އެމަނިކުފާނު ހުންނަވާނީ ރާއްޖޭގައި ދިވެހި ރައްޔިތުންނާއެކުގައި ކަމަށް ވެސް ޕްރެސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވި އެވެ.

"އިދިކޮޅުގައި ހުންނަވަން ވިއަސް އަދި ސަރުކާރުގައި ހުންނަވަން ވިއަސް އެމަނިކުފާނުގެ މައިގަނޑު މަސައްކަތަކީ ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން. އެ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް އެމަނިކުފާނު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ، އަދި އެމަނިކުފާނާއެކު ސާބިތުވެ ޕީޕީއެމް ވަރަށް ވަރުގަދައަށް އެބައޮތް،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް ދެން އޮންނާނީ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ކަމަށާއި ސަރުކާރު ހިންގާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޕީޕީއެމުން އަބަދު ވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. މި ސަރުކާރުން ވަރަށް ބޮޑު ތަރައްގީއެއް ގެނެސްފައިވާ ކަމަށާއި އެ ޕާޓީގެ މެމްބަރުން ތިއްބަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވި އެވެ.