Roadha Mihaaru
އިންޓަ އިން ފަހު ވަގުތު މިލާން ބަލިކޮށްފި

އިންޓަ އިން ފަހު ވަގުތު މިލާން ބަލިކޮށްފި

22 އޮކްޓޯބަރ 2018

މިލާން (އޮކްޓޯބަރު 22) – ފަހު މިނެޓުގައި ކެޕްޓަން މައުރޯ އިކާޑީ ވައްދާލީ ގޯލާ އެކު އިންޓަ މިލާނުން ވާދަވެރި އޭސީ މިލާން 1-0 އިން ބަލިކޮށް އިޓާލިއަން ލީގުގެ ތާވަލުގެ ތިން ވަނަ އަށް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (އޮކްޓޯބަރު 22) – ފަހު މިނެޓުގައި ކެޕްޓަން މައުރޯ އިކާޑީ ވައްދާލީ ގޯލާ އެކު އިންޓަ މިލާނުން ވާދަވެރި އޭސީ މިލާން 1-0 އިން ބަލިކޮށް އިޓާލިއަން ލީގުގެ ތާވަލުގެ ތިން ވަނަ އަށް އަރައިފި އެވެ.

މި ސީޒަނުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ބެލެވިފައިވާ އިންޓަ ދެ ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 25 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އެއް މެޗު މަދުން ކުޅެފައިވާ މިލާން އޮތީ 12 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.

މިލާން ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކުރިމަތިލުމުގައި ރޭ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ އެދެވޭ އެޓޭކިން ގޭމެއް ނުކުޅެވުނެވެ. އެކަމަކު އިންޓަގެ އިވާން ޕެރިސިޗާއި ސްޓެފަން ޑި ވްރައި ނުރައްކާކުރި އެވެ.

ދެ ވަނަ ހާފުގައި މެޗު ކޮންމެވެސް ވަރަކަށް ހުޅުވުނުއިރު ބޮޑަށް އެޓޭކްކުރަމުން ދިޔައީ އިންޓަ އިންނެވެ. މިލާނުގެ ޑިފެންސް ކުރިމަތިން އެ ޓީމުން އުފައްދަމުން ދިޔަ ހުސް ޖާގައިގެ ތެރެއިން އެޓޭކްކުރި ނަމަވެސް ޕެރިސިޗާއި މަތިއަސް ވެޗީނޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް އިންޓަ އިން ގޯލް ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ. ވެޗީނޯ ނެގި ހުރަސް ހިފޭނެ ކަމަށް ބަލައި މިލާނުގެ ގޯލްކީޕަރު ޑޮންނަރުއްމާ ކުރިއަށް ޖެހުނު ނަމަވެސް، މާ ދުރަށް ދިޔަ އެ ބޯޅަ އަށް މިލާނުގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން އަރައި އިކާޑީ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އެ ބޯޅަ އަށް ޑޮންނަރުއްމާ ނޭރި ނަމަ ސަލާމަތްކުރެވުމުގެ ފުރުސަތު އޮތީހެވެ.

"އަހަރެމެން މެޗުން ބަލިވީ އެންމެ އެއްކޮށް. ޑޮންނަރުއްމާގެ ސަބަބުނެއް ނޫން،" މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުންޏެވެ. "އަހަރެމެން ބަލިވީ އަހަރެމެންނަށް ރަނގަޅު ހިތްވަރެއް ނުލެވުމުން."