Roadha Mihaaru
ފަސް މެޗަށް ފަހު ރެއާލް މެޑްރިޑް މޮޅެއް ހޯދައިފި

ފަސް މެޗަށް ފަހު ރެއާލް މެޑްރިޑް މޮޅެއް ހޯދައިފި

24 އޮކްޓޯބަރ 2018

މެޑްރިޑް (އޮކްޓޯބަރު 24) – ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އަތުން 2-1 އިން މޮޅުވެ ސްޕެއިނުގެ ރެއާލް މެޑްރިޑުން ފަސް މެޗަށް ފަހު ތިން ޕޮއިންޓް ހޯދިއިރު، މި މެޗުގައި ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޮކްޓޯބަރު 24) – ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އަތުން 2-1 އިން މޮޅުވެ ސްޕެއިނުގެ ރެއާލް މެޑްރިޑުން ފަސް މެޗަށް ފަހު ތިން ޕޮއިންޓް ހޯދިއިރު، މި މެޗުގައި ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

ރިޕޯޓްތައް ބުނަނީ އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓީގުގެ މަގާމް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ އަށް ލިބޭނެ ފަހު ފުރުސަތަކީ ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް-ކްލެސިކޯ މެޗެވެ.

އެ މެޗުގެ ކުރިން ލޮޕެޓީގް ވަކިކޮށްފާނެ ކަމަށް ވެސް ވާހަކަތައް ފެތުރިފައިވާއިރު ނޫސްވެރިން އެ ސުވާލުކުރި އެވެ. ލޮޕެޓީގް ބުނީ ތި ސުވާލަކީ އޭނާ އަށް އަމާޒުވާން ޖެހޭ ސުވާލެއް ނޫން ކަމަށެވެ.

"އަހަރެމެން ވިސްނަމުން މި އަންނަނީ އާދީއްތަ ދުވަހުގެ މެޗަށް ތައްޔާރުވުމާ ބެހޭގޮތުން. އެއީ ވަރަށް މުހިއްމު މެޗެއް. އަހަރެމެން މެޗާ ކުރިމަތިލާނީ ވަރުގަދަ އަޒުމަކާ އެކު،" ލޮޕެޓީގް ބުންޏެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ކުރި ހޯދައިދިނީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. އަދި 55 ވަނަ މިނެޓުގައި ފުލްބެކް މާސެލޯ ލީޑު ފުޅާކޮށްދީފައިވަނިކޮށް ޕްލެޒެން އިން 78 ވަނަ މިނެޓުގައި ގޯލެއް ޖަހައި ތަފާތު ކުޑަކުރި އެވެ. އެއާ އެކު މެޑްރިޑް ބާކީ ބައި ކުޅެން ޖެހުނީ ހާސްކަމާ އެކު އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އިޓަލީގެ އޭއެސް ރޯމާ ވަނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 3-0 އިން މޮޅުވެފަ އެވެ. މެޑްރިޑާއި ރޯމާ އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް ގަވާއިދުން އެއް ވަނައިގައި އޮތީ މެޑްރިޑެވެ. ހަތަރު ޕޮއިންޓާ އެކު ސީއެސްކޭއޭ ތިން ވަނައިގައި އޮތްއިރު އެއް ޕޮއިންޓާ އެކު ޕްލެޒެން އޮތީ ފުލުގަ އެވެ.

ރޯމާ އިން އޮލިމްޕިކޯގައި ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފުގައި ޖަހައިދިނީ ބޮސްނިއާ ފޯވާޑް އެޑިން ޖެކޯ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ތިން ވަނަ ގޯލް ޖެހީ ތުރުކީގެ ހުނަރުވެރި ވިންގާ ސެންގިޒް އުންޑާ އެވެ.