Roadha Mihaaru
މަސީހާ ދެކޮޅަށް ކުރިން ހުށަހެޅި މައްސަލަ ތާވަލްކުރަނީ

މަސީހާ ދެކޮޅަށް ޖުލައި މަހު ހުށަހެޅި މައްސަލަ އެޖެންޑާ ކުރަނީ

31 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރަން މިދިޔަ އަހަރުގެ ޖުލައި މަހު 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި، އެކަމަކު އެޖެންޑާ ނުކޮށް އޮތް މައްސަލަ އަލުން ތާވަލް ކުރަން އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރަން މިދިޔަ އަހަރުގެ ޖުލައި މަހު 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި، އެކަމަކު އެޖެންޑާ ނުކޮށް އޮތް މައްސަލަ އަލުން ތާވަލް ކުރަން އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.

މި ގޮތަށް ނިންމުމުން މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ދުވަހަކު ނަމަވެސް ވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ވަނީ ލިބިފަ އެވެ.

ޖުމްލަ 45 މެމްބަރުންނާ އެކު އެފަހަރު ހުށަހެޅި މައްސަލަ އެޖެންޑާ ނުކުރީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިގފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިިދިކޮޅު ހަތަރު މެމްބަރަކު، މަސީހް ވަކިކުރުމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރައްވާފައި އޮތުމުންނެވެ. އެކަމަކު، ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމުން 12 މެމްބަރުންގެ ގޮނޑި ވަނީ އިޔާދަ ވެފަ އެވެ.

މަސީހް ވަކިކުރުމަށް، ޖުލައި މަހު ހުށަހެޅި މައްސަލަ ބާތިލް ކުރިއިރު، އެ މައްސަލައިގެ ނޯޓިސް ވެސް އޮތީ އެމަނިކުފާނަށް ދީފަ އެވެ. އެހެންވެ، އިތުރު ނޯޓިހެއް ނުދީ، މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދެވޭނެ އެވެ.

މަސީހް، މަގާމުން ވަކިކުރުމަށް ޖުލައި މަހު ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ފާސްކުރި އާންމު ކޮމެޓީގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް ނަމަވެސް އެ ކޮމެޓީގައި ގިނައިން ތިއްބެވީ، މަސީހާ ދެކޮޅަށް ފަހުން ހުށަހެޅި މައްސަލާގައި ސޮއިކުރައްވާފައިވާ އެ ކޯލިޝަންގެ މެމްބަރުންނެވެ. އެހެންވެ، ކުރީގެ މައްސަލަ ކުރިއަށް ގެންދަން ފަސޭހަ ކަމާ އެކު ފާސްވީ އެވެ.

ނަމަވެސް، ޖުލައި މަހު ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ޕީޕީއެމްގެ މެޖޯރިޓީ މެމްބަރުން އަދިވެސް ދެކޮޅެވެ. ސަބަބެއް ކަމަށް ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމުން 12 މެމްބަރުންގެ ގޮނޑި އިޔާދަވުން ފިޔަވައި އިތުރު ކަމެއް ފަހި ނުވާތީ ކަމަށް ޕީޕީއެމްގެ މެމްބަރުން ވިދާޅުވެ އެވެ.

"މަސީހްގެ ކުރީގެ މައްސަލަ އެޖެންޑާ ކުރާ ނަމަ، މަސީހް ރިޔާސަތުގައި އިންނަވައިގެން ކުރިން ނިންމެވި އެއްވެސް ކަމެއް ރަނގަޅެއް ވެސް ނުވާނެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މެމްބަރުންގެ ގޮނޑި އިޔާދަވި ވާހަކަ. އަނެއްކޮޅުން ހިނގަމުންދާ ދައުރުގައި މަޖިލީހުގައި ނުނިމޭ މައްސަލަ ވެއްޖިއްޔާ ދެން ކުރިއަށް ގެންދެވޭނީ ދެން އަންނަ ދައުރެއްގައި. މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ޖުލައި މަހު ހުށަހެޅުމުން އެ މައްސަލަ އޮތީ އެ އަހަރު ކުރިއަށް ނުގެންދެވިފައި. އެހެންވީމާ އާ މައްސަލައެއްގެ ގޮތުގައި ދެން ހުށަހަޅަން ޖެހޭނީ،" ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އާންމު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގައި، ޖަވާބުދާރީވުމަށް އެމަނިކުފާނަށް 30 މިނިޓު ދިނުމަށް ފާސްކޮށްފަ އެވެ. އެއީ ބަހުސް ފެށުމާ އެކު ދޭ 10 މިނިޓާއި މެދުތެރެއިން 10 މިނިޓު އަދި ފަހު ބަސް ވިދާޅުވުމުގެ 10 މިނިޓެވެ. މި މައްސަލާގައި ބަހުސް ކުރައްވަން މެމްބަރުންނަށް ދޭން ފާސްކުރީ ދޮޅު ގަޑިއިރެވެ.