Roadha Mihaaru
އެޗްޑީސީގެ ސީއޯއޯ ބުންޔާމީން މެލޭޝިއާގައި

އެޗްޑީސީގެ ސީއޯއޯ ބުންޔާމީން މެލޭޝިއާގައި

25 އޮކްޓޯބަރ 2018

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން ޗުއްޓީއެއް ނަންގަވައި މެލޭޝިއާ އަށް ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން ޗުއްޓީއެއް ނަންގަވައި މެލޭޝިއާ އަށް ވަޑައިގެންފި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ކެމްޕޭންގައި އިސް ދައުރެއް އަދާކުރެއްވި ބުންޔާމީން މެލޭޝިއާ އަށް ވަޑައިގަތީ މިިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެކަމަކު، އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ ދަރިކަލުން ބުންޔާމީންގެ އަރިސް ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ބުންޔާމީން އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅެވެ. އެކަމަކު، ވަކި ދުވަހެއް އޭނާ ވެސް ވިދާޅެއް ނުވެ އެވެ.

ބުންޔާމީން މެލޭޝިއާގައި ހުންނަވާއިރު، އޭނާ ވަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެޗްޑީސީގެ ވަޒީފާ އިން ޗުއްޓީއެއް ނަންގަވައިފަ އެވެ. ޗުއްޓީ ނެންގެވުމަށް ފަހު، މިދިޔަ ދުވަސްތަކުގައި އޭނާ މަސައްކަތް ކުރެއްވީ ސިޔާސީ މަސައްކަތުގަ އެވެ.

ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބުންޔާމީން މެލޭޝިއާ އަށް ވަޑައިގެންނެވި އިރު، އެޗްޑީސީގެ ވަސީލަތްތައް ކެމްޕެއިން ތެރޭގައި ބޭނުން ކުރި ކަމަށް ބުނެ، ބުންޔާމީނަށް ބޮޑެތި ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި އޭނާ އާ ދެކޮޅަށް މުޒާހަރާ ވެސް ކުރި އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ކެމްޕޭނަށް އެޗްޑީސީން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރި ކަން ފާޅާ އެރުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

އެކަމަކު، އެޗްޑީސީން ބުނީ ރައީސް ޔާމީނަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި އެއްވެސް ކެމްޕެއިން ހަރަކާތަކަށް އެޗްޑީސީން ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ.