Roadha Mihaaru
ޅައިމަގުން އެއްފަހަރާ 500 ރުއް ވިއްކާލައިފި!

ޅައިމަގުން އެއްފަހަރާ 500 ރުއް ވިއްކާލައިފި! އެކަން ކުރީ އީޕީއޭގެ އެންގުމާ ހިލާފަށް!

28 އޮކްޓޯބަރ 2018

ބިޔަ ރުއްވަލެއް އޮންނަ ށ. ޅައިމަގުން އެއްފަހަރާ 500 އެއްހާ ރުއް ނެގުމުގައި ހުއްދަ ނުދޭ ސަރަހައްދެއް ވެސް ބޭނުންކޮށްފައި ވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކަން މިއަދު ބަލަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބިޔަ ރުއްވަލެއް އޮންނަ ށ. ޅައިމަގުން އެއްފަހަރާ 500 އެއްހާ ރުއް ނެގުމުގައި ހުއްދަ ނުދޭ ސަރަހައްދެއް ވެސް ބޭނުންކޮށްފައި ވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކަން މިއަދު ބަލަން ފަށައިފި އެވެ.

ޅައިމަގު ކައުންސިލުން ބުނީ އެހާ ގިނަ ރުއްތަކެއް ނަގަން ޖެހުނީ ކުޑަކުދިންގެ ޕާކަކާއި ކުނިގޮނޑެއް ހެދުމުގެ އިތުރުން އެ ހިސާބަށް ދާނެ މަގަކަށް ބޭނުންވާ ސަރަހައްދު ސާފުކުރުމުގެ ގޮތުންނެވެ.

އެކަމަކު އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ހުއްދަ ދީފައިވާނީ ކުނި ކޮއްޓާއި އެތަނަށް ދާނެ މަގެއް ހަދަން ނަގަން ޖެހޭ ރުއްތަކެއް ނަގާށެވެ. ޕާކެއް ހަދަން ކައުންސިލުން ސާފުކުރި 20،000 އަކަފޫޓުގެ ބިމުގައި ހުރި ރުއްތައް ނަގަން އީޕީއޭ އިން ހުއްދަ ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނާ ގުޅިގެން އެ މައްސަލަ މިހާރު މި ދަނީ ބަލަމުން،" ނައީމް ވިދާޅުވި އެވެ.

ޅައިމަގުން އަލަށް ގޯތި ދޫކުރަމުން އަންނަ ސަރަހައްދުގައި ކުނިކޮއްޓެއް ހަދަން 10،000 އަކަފޫޓްގެ ސަރަހައްދެއް ދަނީ ސާފުކުރަމުންނެވެ. އޭގެ އިތުރުން އެތަނަށް ދާން ހަދަނީ 400 ފޫޓު ދިގު އަދި 30 ފޫޓު ފުޅާ މަގެކެވެ.

މި ތިން ސަރަހައްދުން މިހާތަނަށް 500 އަށް ވުރެ ގިނަ ރުއް ވަނީ ވިއްކާލައިފަ އެވެ. އަދިވެސް ރުއްތައް ދަނީ ނަގަމުންނެވެ.

ޅައިމަގު: މިފަހަރު ރުއްތައް ވިއްކާލީ ކުނި ގޮނޑާއި ކުޑަކުދިންގެ ޕާކެއް ހަދަން ކަމަށް ބުނެ -- ފޮޓޯ: ސޯޝަލް މީޑިއާ

ޅައިމަގު: މިފަހަރު ރުއްތައް ވިއްކާލީ ކުނި ގޮނޑާއި ކުޑަކުދިންގެ ޕާކެއް ހަދަން ކަމަށް ބުނެ -- ފޮޓޯ: ސޯޝަލް މީޑިއާ

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މިހާރު ހަދަމުން އަންނަ ރިސޯޓަކުން ފޮނުވި އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެ ރަށުން ރުއްތައް ނަގަމުން ގެންދާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. މާލެ އަތޮޅުގައި ހަދާ އެ ރިސޯޓަށް އެ ރުއްތައް ގެންދަނީ ބަނޑަކަށް އަރުވައިގެންނެވެ.

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށުގެ ބައެއް މީހުންގެ މިލްކިއްޔާތުގެ ތެރޭގައި ހުރި މި ރުއްތައް ވިއްކަމުން ގެންދަނީ 100ރ އާއި 500ރ އާ ދެމެދުގެ އަގުތަކުގަ އެވެ.

ރުއްގަސް ނެގުމާއި، އެއް ރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ގޮތުން ހަދާފައިވާ ގަވާއިދަށް ބަލާ ނަމަ، އެއްފަހަރާ މިވަރުގެ ގިނަ އަދަދެއްގެ ރުއްތައް ގެންދާ ނަމަ އަމަލްކުރަން ޖެހޭ ވަކި ހާއްސަ ކަންކަން ހުރެ އެވެ. އަދި އެއް ސަރަހައްދުން އެއްފަހަރާ 200 އަށް ވުރެ ގިނަ ރުއް ކެނޑޭނީ އިޖުތިމާއީ ކަމަކަށް ބޭނުންވާ ތަނެއް ހަދަން ބަޖެޓް ވެސް ހަމަޖެހިފައިވާ ނަމަ އެވެ. އެކަމަކު ކުނިކޮއްޓާއި ޕާކެއް ހެދުމުގެ ނަމުގައި ރަށުން 30،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ސާފުކުރީ އެ ހުރިހާ ކަމެއް ހަމަޖައްސާފައިކަމެއް ނޭނގެ އެވެ.

ޅައިމަގު ކައުންސިލް ރައީސް އަބްދުލްޣަނީ އިބްރާހިމް ވިދާޅުވީ އެ ރުއްތައް ނަގަމުން ގެންދަނީ އީޕީއޭގެ ހުއްދައާ އެކު ކަމަށެވެ. އަދި ބިން ސާފުކުރަން ނަގަން ޖެހޭ ރުއްތައް އެހެން ބަޔަކަށް ވިއްކުމުގެ ހުއްދަދިނީ ރުއްތަކަށް ބަދަލު ދޭނެ މާލީ ތަނަވަސްކަން ކައުންސިލްގައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ރަށުން ނަގައިގެން ގެންދިޔައީ ކިތައް ރުއްކަން، ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް، ކައުންސިލުން ޖަވާބެއް ނުދިނެވެ.

ޅައިމަގުން އެހާ ގިނަ އަދަދެއްގެ ރުއްތައް ނެގުމުން، ތިމާވެށީގެ ބައެއް މީީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ އާތު އަވާ މޯލްޑިވްސްގެ މައީދު ޒާހިރު ވިދާޅުވީ އެއް ރަށަކުން ގިނަ އަދަދެއްގެ ރުއް ކެނޑުމަކީ ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން ރަށުގެ ބިންގަނޑު ދޫވެ ހޭޅިފަށަށް ގެއްލުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މައީދު ވިދާޅުވި ގޮތުގައި ތަރައްގީގެ މަސައްކަތްތައް ކުރަންވާނީ ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތަށެވެ. އަދި ރިސޯޓްތަކުގައި އިންދަން އެހެން ރަށަކުން އެހާ ގިނަ އަދަދަކަށް އެއްފަހަރާ ރުއް ނަގާ ނަމަ ހުއްޓުވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.