Roadha Mihaaru
ޅައިމަގުން އިތުރަށް ނެގި 25 ރުއް އިންދަން އަންގައިފި

ޅައިމަގުން އިތުރަށް ނެގި 25 ރުއް އިންދަން އަންގައިފި

05 ނޮވެމްބަރ 2018

ރުއް ގިނަ، ށ. ޅައިމަގުގައި ކުނި ކޮއްޓެއް އަޅަން ސާފުކުރާ ސަރަހައްދުން ނަގަން ހުއްދަ ދިނީ 219 ރުއް ކަމަށާއި އޭގެ އިތުރަށް ނެގި 25 ރުއް އިންދަން އެރަށު ކައުންސިލަށް އަންގާފައިވާ ކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރުއް ގިނަ، ށ. ޅައިމަގުގައި ކުނި ކޮއްޓެއް އަޅަން ސާފުކުރާ ސަރަހައްދުން ނަގަން ހުއްދަ ދިނީ 219 ރުއް ކަމަށާއި އޭގެ އިތުރަށް ނެގި 25 ރުއް އިންދަން އެރަށު ކައުންސިލަށް އަންގާފައިވާ ކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭން ހުއްދަ ދިން ވަރަށް ވުރެ އިތުރަށް ރުއް ނެގި ކަމުގެ މައުލޫމާތު ލިބިގެން ބެލި މައްސަލައާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވި ގޮތުގައި، ތަހުގީގުން އެނގުނު ގޮތުގައި އިތުރަށް ނަގާފައިވަނީ 25 ރުކެވެ. އެ ރުއްތައް އެރަށުން ބޭރުނުކޮށް އިންދުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރުއްތައް އިންދަން އެންގުން ފިޔަވައި އިތުރު ފިޔަވަޅެއް ނާޅަ އެވެ. ތިމާވެއްޓަށް ނުރަނގަޅު އަސަރުކުރާ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުގެ ތެރެއިން އެފަދަ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް ލިބިގެންވެ އެވެ.

ޅައިމަގުން ރުއް ނެގި ސަރަހައްދުތައް ހާއަޅާފައި-- ފޮޓޯ: ޅައިމަގު އޮންލައިން

ޅައިމަގުން ރުއް ނެގި ސަރަހައްދުތައް ހާއަޅާފައި-- ފޮޓޯ: ޅައިމަގު އޮންލައިން

މީގެ މަހެއްހާ ދުވަސް ކުރިން އެރަށުން ގިނަ އަދަދެއްގެ ރުއް ނަގައި، މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާ ރިސޯޓަކަށް ގެންދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ރަށުގެ ވަލުތެރޭގައި އާއްމުން އިންދާފައި ހުރި ގިނަ އަދަދެއްގެ ރުއް އެމީހުންގެ އަތުން ގަނެފައިވަނީ ރުކެއް 500ރ. އަށެވެ. އެގޮތަށް 500 އަށްވުރެ ގިނަ ރުއް އެރަށުން ގެންގޮސްފައިވާ ކަމަށް ރަށުން މައުލޫމާތު ދިން މީހުން ބުނެ އެވެ. ނަމަވެސް މިހާރު އެކަން ހުއްޓާލާފައިވާ ކަމަށްވެ އެވެ.

ރަށު ކައުންސިލުން ބުނީ ނަގަމުން ގެންދަނީ އެ ރަށުގައި ކުނި ކޮއްޓެއް އެޅުމަށް ސާފުކުރާ 10،000 އަކަފޫޓުގެ ސަރަހައްދަކާއި އެތަނަށް ދާން ހަދާ 400 ފޫޓޫ ދިގު އަދި 30 ފޫޓް ފުޅާ މަގުގައި ހުރި ރުއްތައް ކަމަށެވެ. އަދި 1،000 މީހުންގެ އާބާދީއެއް އޮންނަ އެރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް 20،000 އަކަފޫޓްގެ ސަރަހައްދެއް ސާފުކޮށް ރުއްނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ދިހަ ރުކަށް ވުރެ ގިނަ ރުއް ނަގާނަމަ އީޕީއޭގެ ހުއްދަ ހޯދަން ޖެހޭއިރު އެ އެޖެންސީން ބުނީ އެ ރަށުން ހުއްދަދީފައިވަނީ ކުނި ކޮށި އަޅާ ސަރަހައްދާއި އެތަނަށް ދާން އޮންނަ މަގު ހެދުމަށް ސާފުކުރާ ސަރަހައްދުން ރުއް ނެގުމަށް އެކަންޏެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކުން ރުއް ނަގައިގެން، ރިސޯޓްތަކަށް ގެންދިއުން ވަނީ އާއްމުވެފަ އެވެ. އެއީ ރަށްތަކަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއްކަމަށް އެދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. ތިމާވެށީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ބޮޑު ސަރަހައްދަކަށް ރުކުގެ މޫ ފެތުރޭތީ އެއީ ރަށްރަށުގެ ބިންގަނޑަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އެހެންކަމުން އެއްފަހަރާ ގިނަ ރުއްތަކެއް އުފުރާލުމުން ރަށް ގިރުން ފަދަ މައްސަލަތައް ކުރިމަތި ވެދާނެ ކަމަށް އެ މީހުން ބުނެ އެވެ.