Roadha Mihaaru
"ހުއްދަ ނެތި ރުއްގަސް ގެންދާނަމަ ފިޔަވަޅު އަޅާނަން"

ކައުންސިލްތަކުން ހުއްދަ ދިނަސް، އީޕީއޭގެ ހުއްދަ ނެތި ރުއްގަސް އުފުލާ ނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

11 ޖޫން 2021

ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދަން ލޯކަލް ކައުންސިލްތަކުން ހުއްދަ ދިނަސް، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދަން ލޯކަލް ކައުންސިލްތަކުން ހުއްދަ ދިނަސް، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

އީޕީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ތިމާވެށި ރައްކާތެެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ރުއްގަސް ނަގައިގެން އެހެން ތަންތަނަށް ގެންދެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށާއި އެކަމަކު ބައެއް ފަރާތްތަކުން ކައުންސިލްތަކުން ދޭ ހުއްދައަކަށް އެކަނި ބިނާކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވެ، ރިސޯޓްތަކުގައި އިންދަން ރުއްގަސް ގެންދަނީ އެ ރަށެއްގެ ކައުންސިލުން ދޭ ހުއްދައިގެ އިތުރުން އެ އޭޖެންސީގެ ހުއްދަ ލިބިގެން ކަން ކަށަވަރުކުރަން އެ ބަޔާނުގައި އެދިފައިވެ އެވެ.

އެގޮތުން އެ މަޝްރޫއަކަށް ދޫކޮށްފައިވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ޑިސިޝަން ސްޓޭޓްމަންޓްގައި ރުއްގަސް ނަގަން ދީފައިވާ ހުއްދަ އާއި ރުއްގަސް ނަގަން ހުއްދަ ދީފައިވާ އަދަދާއި އެ ހުއްދަ ދީފައިވާ ސަރަހައްދުގެ ބޮޑުމިން ބެލުމުގެ އިތުރުން ރުއްގަހާ އެކު ރަށްރަށުން ކަޅު ފަސް ބޭރުކުރިޔަ ނުދޭން އެ ބަޔާނުގައި އެދިފައިިވެ އެވެ. އަދި ރުއްގަސް އުފުލާ ފަރާތްތަކާއި އުޅަނދުތަކުގައި ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަތަކެއް ހުންނަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެކަންކަން ފުރިހަމަ ނުކޮށް، ރުއްގަސް އެހެން ރަށްރަށަށް ގެންދާ ފަރާތްތައް އީޕީއޭ އިން ހުއްޓުވައި، ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުއްދަ ނެތި ރަށްރަށުން ރިސޯޓްތަކަށާއި ރާއްޖެ އިން ބޭރަށް ގިނަ އަދަދަކަށް ރުއްގަސް ގެންދިއުމުގެ މައްސަލަ މީގެކުރިން ފެންމަތިވެފައިވެ އެވެ.