Roadha Mihaaru
މައްސަލަ ހޫނުވެ އީޕީއޭއަށް ފާޑުކިޔުން އިތުރުވެއްޖެ

ރުއްގަސް ކަނޑާ މައްސަލަ ހޫނުވެ އީޕީއޭއަށް ފާޑުކިޔުން އިތުރުވެއްޖެ

02 ނޮވެމްބަރ 2018

ރާއްޖޭގެ ބައެއް ރަށްރަށުން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ގެންދިއުމާއި ތިމާވެއްޓަށް ގެއްލުން ލިބޭ އެތައް ކަމެއް ފާޅުގައި ކުރަމުން ދާއިރު އެ ކަންކަން ނުހުއްޓުވި ވަނީ، އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ)ގެ ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން އެ އިދާރާއަށް ފާޑުކިޔަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ބައެއް ރަށްރަށުން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ގެންދިއުމާއި ތިމާވެއްޓަށް ގެއްލުން ލިބޭ އެތައް ކަމެއް ފާޅުގައި ކުރަމުން ދާއިރު އެ ކަންކަން ނުހުއްޓުވި ވަނީ، އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ)ގެ ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން އެ އިދާރާއަށް ފާޑުކިޔަން ފަށައިފި އެވެ.

ށ. ޅައިމަގުން އެއްފަހަރާ 500 އަށް ވުރެ ގިނަ ރުއް ނަގައި، މާލެ އަތޮޅުގައި ހަދާ ރިސޯޓަކަށް ގެންނަ މައްސަލަ މިދިޔަ ހަފުތާގައި ވަނީ ފެންމަތި ވެފަ އެވެ. ޅައިމަގުގެ ވަލު ތެރޭ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ރުއް ނަގައި އެ ރަށުން ބޭރުކޮށްފައި ވާތީ ރަށުގެ ވަލުތެރެ ވަނީ ހާއަޅައިފަ އެވެ.

އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ދެން ފެންމަތިވީ ނ. މާފަރުން އެތައް ސަތޭކަ ރުކެއް އުފުރައި ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރާ މައްސަލަ އެވެ. ހަމަ އެއާ އެކު، ރިސޯޓްތަކުގައި އިންދުމަށް އެކި ރަށްރަށުން 500 އެއްހާ ރުފިޔާގެ މަގުން ރުއްތައް ވިއްކައި ކުރާ ވިޔަފާރީގެ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ މަޝްހޫރު ޑައިވަރު އަދި ތިމާވެށީގެ އެކްޓްވިސްޓު ހުސެން ރަޝީދު (ސެންޑި) ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އީޕީއޭ ކަމަށެވެ. އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ރުކެއްގައި ހިފަހައްޓައިގެން އޮތް ފޮޓޯއެއް ޓްވީޓް ކުރައްވައި ސެންޑި ވިދާޅުވީ އެއީ ނައީމުމެން ޒިންމާ އަދާނުކުރުމުގެ ނަތީޖާ ކަމަށާއި އެކަމާ ލަދު ގަންނަން ޖެހޭ ކަމަށެވެ.

ނައީމަށް ފާޑު ވިދާޅުވެ ސެންޑި ކުރެއްވި ޓްވީޓް--

ސޯޝަލް މީޑިއާގައި އަޑުއުފުލަމުން އަންނަ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ އާދަމް (އެޑަމް) ބުނާގޮތުގައި އީޕީއޭ އަކީ ޒިންމާ އަދާނުކޮށް، ޓެކްސް ފައިސާ އިސްރާފު ކުރަމުން ދާ ތަނެކެވެ. ތިމާވެށީގެ ކަންކަން ހައްލު ކުރަން އެ އޭޖެންސީ އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ތަކުރާރުކޮށް ރުއް ލޫޓުވާ މައްސަލަ ރިޕޯޓް ކުރިޔަސް ފިޔަވަޅެއް ނާޅާ. ގިނަ މައްސަލަތަކަށް ޖަވާބެއް ނުދެވޭ. އީޕީއޭ ރިފޯމް ކުރުމަކީ ސީރިއަސްކަމެއް،" އެޑަމްގެ ޓްވީޓުގައިވެ އެވެ.

މާފަހަރު މައްސަލާގައި އެޑަމް ކުރި ޓްވީޓް--

ރުއްގަސް ގެންދެވޭނެ އުސޫލުތަކެއް ހަދާފައިވާއިރު، އެ ކަން ކުރަނީ އެ ގޮތަށްތޯ އީޕީއޭން ނުބަލާ ކަމަށް ވެސް އެޑަމް ތުހުމަތު ކުރެ އެވެ.

ރާއްޖޭގައި ފަޅު ހިއްކައިގެން ހަދާ ރިސޯޓުތައް ގިނަވެ އެ ތަންތަން ފެހި ކުރުމަށް އެތައް ސަތޭކަ ރުކެއް އެހެން ރަށްރަށުން ގަނެގެން ގެނައުން އާއްމު ވެފައިވާއިރު އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޭގެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނެ އެވެ. އެއީ އެއް ފަހަރާ ގިނަ އަދަދެއްގެ ރުއް ނަގާ ރަށުގެ ވެލިގަނޑު ދޫވެ ކުރިމަތިވާނެ މައްސަލަތަކެވެ.

އެހެން ކަމުން، އެއީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. ރުއްގަސް އެކި ތަންތަނަށް ގެންދިމަށް ހަދާފައިވާ ގަވައިދު ބުނާގޮތުން 10 ރުކަށް ވުރެ ގިނަ ރުއް ކަނޑާ ނަމަ އީޕީއޭގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި ނަގާ ރުކަކަށް ދެ ރުއް އިންދަން ޖެހެ އެވެ. ބޮޑެތި މަސައްކަތްތައް ކުރުމަށް 200 ރުކަށް ވުރެ ގިނަ ރުއް ނަގާ ނަމަ އީއައިއޭ ވެސް ހަދަން ޖެހެ އެވެ. ނަމަވެސް އެއީ އިޖުތިމާއީ މަސައްކަތެއް ނަމަ އީއައިއޭ ރިޕޯޓް ނުހަދައި އީޕީއޭން ހުއްދަ ދެ އެވެ.

އީޕީއޭގެ އެންގުންތަކާ ހިލާފު ވާ ނަމަ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު އެ އެޖެންސީ އަށް ލިބެ އެވެ. އެގޮތުން، ތިމާވެއްޓަށް ގެއްލުން ދިނުމުން ޖޫރިމަނާ ކުރުމާއި ބަދަލު ނެގުމުގެ ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ. އެގޮތަށް ފިޔަވަޅު އަޅާ ނަމަ ތިމާވެއްޓަށް ގެއްލުން ދިނުން ހުއްޓުވޭނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. އަދި ތަރައްގީގެ މަޝްރޫތަކަށް ރާއްޖޭގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތައް ނުހުއްޓުވި ވަނީ ގާނޫނު ތަންފީޒު ކުރުމުގެ ބަދަލުގައި އީޕީއޭން ދައްކާ ބަހަނާތަކުން ކަމަށް ބުނެ އެވެ.

އެ ފާޑުކިޔުންތަކާ ގުޅޭގޮތުން އީޕީއޭގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.