Roadha Mihaaru
ނަޝީދަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ދޭނެ

ނަޝީދަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

29 އޮކްޓޯބަރ 2018

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ބުރާސްފަތި ދުވަހު މާލެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބާއްވާ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ބުރާސްފަތި ދުވަހު މާލެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބާއްވާ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނަޝީދު މާލެ ވަޑައިގަންނަވަން ނިންމަވާފައިވާ އިރު، އެމަނިކުފާނުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މަނިކުފާނަށް ކޮށްފައިވާ އެހެން ދައުވާތައް ވަނީ އަނބުރާ ގެނެސްފަ އެވެ. އެމްޑީޕީން ވަނީ އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި ނަޝީދު މިނިވަން ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްޕާސަން އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ނަޝީދަށް މަރުހަބާ ދެންނެވުމަށް ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު ފުލުހުންނާ އެކި ފަހަރު ބައްދަލުކޮށް ހުރިހާ ހަރަކާތެއްގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އެކަމަށް ފުލުހުން ބޮޑު އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ،

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވަނީ ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތް ކުރިއަށް ދާނެ ގޮތް ހާމަކޮށްފަ އެވެ. އެ ދުވަހު މެންދުރު ނަޝީދު ރާއްޖެ ވަޑައިގެން ހުޅުލެ އިން މާލެ އަށް ވަޑައިގަންނަވާއިރު ތަފާތު އުޅަނދުތަކުގައި ކަނޑުމަތިން ވެސް މަރުހަބާ ދެންނެވުމަށް ވަނީ ނިންމާފަ އެވެ.

އެއް ނަމްބަރު ޖެޓީ އަށް ލޯންޗުކޮޅުގައި ވަޑައިގަންނަވާ އިރު އެއީ ގްރީން ޒޯން ކަމަށްވުމުން އެ ސަރަހައްދު ބަންދުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ޗާނދަނީ މަގުން ރީފްސައިޑް ކަންމަތިން ފެށިގެން ގޮސް މަޖީދީމަގުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެއާ ހަމަ އަށް މަރުހަބާ ދެންނެވުމަށް މީހުން އެއްވެ ތިބޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 85 ދާއިރާގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭނެ އެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އެ ދުވަހު 5:30 ގައި ރައީސް ނަޝީދު އާއްމުންނާ ބައްދަލު ކުރައްވާނެ އެވެ.

"ވަރަށް ސުލުހަވެރިކަމާ އެކު ވަރަށް ކުލަ ގަދަކޮށް އުފާ ފާޅުކުރުމުގެ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިފައިވަނީ،" އިންތި ވިދާޅުވި އެވެ.

ސެކިއުރިޓީ ބަލަހައްޓާނީ ސިފައިންނާއި ފުލުހުން ކަމުގައިވާތީ އެ ބޭފުޅުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

އެ ހަރަކާތްތައް އިންތިޒާމް ކުރުމަށް ހަރަކާތްތެރިވާ މާލޭ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެތައް ބަޔަކު އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށާއި އެއީ ދިވެހި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަރުހަބާ ދެންނެވުމަށް ވެގެންދާނެ ކަމަށެވެ. އެ ދުވަހަށް ހާއްސަކޮށް ރާއްޖެ އިން ބޭރާއި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.