Roadha Mihaaru
ނަޝީދު މައްސަލަ ސުޕްރީމް ކޯޓުން އަވަސްކޮށްދޭން އެދިއްޖެ

ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަސްކޮށްދޭން އެދިއްޖެ

29 އޮކްޓޯބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށް، ވީހާވެސް އަވަހަށް ގޮތެއް ނިންމައިދޭން އެމްޑީޕީން މިއަދު އިލްތިމާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށް، ވީހާވެސް އަވަހަށް ގޮތެއް ނިންމައިދޭން އެމްޑީޕީން މިއަދު އިލްތިމާސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމް އިއްވާފައި ވަނީ ފެބްރުއަރީ، 2015 ގަ އެވެ. އެ ހުކުމް އަލުން މުރާޖައާ ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ޕީޖީ އޮފީހުން އެދުނީ، ނަޝީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ފާހަގަކުރެވޭ ކަންކަން ބަލައި އަލުން މުރާޖައާ ކޮށްދިނުމަށެވެ.

ޕީޖީގެ އެ ނިންމެވުމަށް މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ އުސޫލްތަކާއި ހަމަތަކާ ވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އެ ހުކުމުގައި ހުރި އިޖުރާއީ އަދި މައުޟޫއީ ގޯސްތައް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި ހިއުމަން ރައިޓްސް ކޮމެޓީން ވެސް ފާހަގަކޮށް، ނަޝީދު މިނިވަންކުރަން ގޮވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުޅަ ހުކުމަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަހަތާއި ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ހައްސާސް މައްސަލައަކަށް ވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ މި ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިއްމު ފިޔަވަޅަކަށް ވާނެ އެވެ. އެހެންވެ އެ މައްސަލައިގައި އަވަސް ނިންމުމެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަކީ މިވަގުތު އެންމެ މުހިއްމު ކަމަށް ވާނެތީ، ވީހާވެސް އަވަހަށް ގޮތެއް ނިންމައިދޭން ވެސް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައި މި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ޕީޖީ އަށް އިލްތިމާސް ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރަށް އިއްޔެ ބަހުސްކުރި އެވެ.

ނަޝީދުގެ ހުކުމް ބާތިލް ކުރުމުގެ ގަރާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބަނީ ބޭރުކޮށްފަ އެވެ.

ނަޝީދުގެ މައްސަލަ މުރާޖައާ ކުރަން ފޮނުވި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ އެ "ހުކުމާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް މުހައްމަދު ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން މި އޮފީހުގައި އެދެމުންދިއުމެ"ވެ. އެ މައްސަލަ އަކީ "އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ" މައްސަލައެއް ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.