Roadha Mihaaru
މާލޭގައި 4،000 އަށް ވުރެ ގިނަ ގަސް އިންދަނީ

މާލެ ފެހިކުރުމަށް 4،000 އަށް ވުރެ ގިނަ ގަސް އިންދަނީ

30 އޮކްޓޯބަރ 2018

މާލެ ފެހިކުރުމުގެ މަޝްރޫއެއްގެ ދަށުން، މާލޭގެ މަގުތަކުގައި 4،000 އަށް ވުރެ ގިނަ ގަސް އިންދަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ފެހިކުރުމުގެ މަޝްރޫއެއްގެ ދަށުން، މާލޭގެ މަގުތަކުގައި 4،000 އަށް ވުރެ ގިނަ ގަސް އިންދަން ސަރުކާރުން ނިންމައިފި އެވެ.

މި މަޝްރޫއުގެ ދަށުން މާލޭގައި އިންދާނެ ގަސް ރާއްޖޭން ބޭރުން ގެނެސްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރްމެންޓް މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހު ބީލަން ހުށަހަޅަން ޖެހެ އެވެ.

ވެރިރަށް މާލެ ފެހިކުރުމަށް ބޭނުންވާ ގަސް ގެނެސްދޭނެ ބަޔަކު ހޯދަން މި މަހުގެ 17 ވަނަ ދުވަހު ވެސް އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އެންވަޔަރްމަންޓް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކުރީ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގަސް ކަނޑަން ބޭނުން ނުވާތީ އެ ގަސްތައް ގެންނަން ހަމަޖައްސާފައިވަނީ ރާއްޖޭން ބޭރުން ކަމަށެވެ.

މަގުތަކުގައި އިންދަން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރު ވެސް އާއްމުކޮށް ހުންނަ އެކި ވަރުގެ ގަސްގަހެވެ. އޭގެ ތެރޭގައި ހިތި ގަހާއި ބޮޑު ޖަވާހިރު ގަހާއި އައްމަލްތާސް ފަދަ ބޮޑެތި ގަސްތައް ހިމެނެ އެވެ. އެ ގަސްތައް ހެދިބޮޑުވުމުން 20 ފޫޓަށް ވުރެ ދިގުވާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަސްތައް އިންދުމުގައި ބޮޑަށް ބަލާނީ ރިންގް ރޯޑު ސަރަަހައްދު ކަމަށެވެ. އެ މަގު ހައުސިން މިނިސްޓްރީން އަލުން ހެދީ ގަސް އިންދާނެ ތަންތަން ޕޭވްމަންޓުން ހާއްސަކޮށްފަ އެވެ.

"މާލޭގެ މަގުތަކުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސްތައް ޕޮޓްތަކުގައި އިންދާނީ. އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސް ހިމެނޭ. މަގުތަކުގައި ބެހެއްޓުމަށް ހާއްސަ ޕޮޓްތަކުގައި އެ އެއްޗެހި އިންދާނީ،" މީމު ޒަވިޔަނި ވިދާޅުވި އެވެ.

ތާރު އަޅައިގެން ރިންގް ރޯޑު ހެދުމަށް ހައުސިން މިނިސްޓްރީން ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުން ގިނަ ގަސްތަކެއް ކަނޑައިފަ އެވެ. އެ މިނިސްޓްރީން އޭރު ބުނީ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމަ އަށް 450 ގަސް އިންދާނެ ކަމަށެވެ.