Roadha Mihaaru
މައްސަލަތަކުގެ އެއް އަސްލަކީ ގާނޫނީ ފުށުއެރުންތައް

ތިމާވެށީގެ މައްސަލަތަކުގެ އެއް އަސްލަކީ ގާނޫނީ ފުށުއެރުންތައް: މިނިސްޓްރީ

04 ނޮވެމްބަރ 2018

ތިމާވެއްޓާ ގުޅޭ ގިނަ ކަންތައްތައް ހައްލުކުރަން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނީ ގޮތުން ދިމާވާ ފުށުއެރުންތައް ކަމަށް އެންޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިމާވެއްޓާ ގުޅޭ ގިނަ ކަންތައްތައް ހައްލުކުރަން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނީ ގޮތުން ދިމާވާ ފުށުއެރުންތައް ކަމަށް އެންޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރަށްރަށުން ރުއް ގަސްތައް ކަނޑަމުން ދާތީ އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަމުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ ތިމާވެއްޓާ ގުޅޭ އެކި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަންތަކުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ އެއް އިދާރާ އާއި އަނެއް އިދާރާގެ ފުށުއެރުންތައް ކަމަށް ވިދާޅުވި އެވެ.

"ގާނޫނީ ފުށުއެރުންތައް އެބަހުރި، އެއް މިނިސްޓްރީގެ ގާނޫނާއި އަނެއް މިނިސްޓްރީން ބަލަހައްޓާ ގާނޫނާއި އަނެއް މިނިސްޓްރީން ބަލަހައްޓާ ގާނޫނުގައި ވެސް އެބަހުރި ފުށުއެރުންތައް. މި ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކެއް. މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް. އެކަމަށްޓަކައި އެ ޗެލެންޖަސްތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރިއަށް އެބަ ގެންދަން،" އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ރުއް ގަސްތައް ކަނޑަމުންދާތީ އެންވަޔަރްމަންޓް މިނިސްޓްރީ އަށާއި އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ދަނީ އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެ މައްސަލަތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް އެކަންތައް އީޕީއޭ އަދި އެންވަޔަރްމަންޓް މިނިސްޓްރީން ވެސް ދޮގުކުރެ އެވެ.

ޒާހިރު ވިދާޅުވީ މި ފަހަކަށް އައިސް ށ. މާކަނޑޫދޫ، ށ. މިލަންދޫ، ދ. ބަނޑިދޫ، ބ. ފުޅަދޫ، ރ. ރަސްގެތީމް، މާމަޑުއްވަރީ، ށ. ޅައިމަގު އަދި ނ. މާފަރުގެ އިތުރުން އެހެން ދެ ރަށަކުން ވެސް ވަރަށް ގިނަ ރުއް ގަސްތައް ނަގާފައިވާ ކަމަށެވެ. ނަމަވެސް އަދަދުތަކެއް މިއަދު ހާމައެއް ނުކުރެ އެެވެ.

އެ ރަށްތަކުގެ ތެރެއިން ދ. ރިިނބިދޫ އަދި ށ. ޅައިމަގަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އިތުރު ރަށްތަކެއްގެ މައްސަލަތައް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް ރަށްރަށުން ރުއް ގަސް ނަގައިގެން ރާއްޖޭން ބޭރަށް ގެންދަން އުޅޭކަމުގެ މައުލޫމާތުތައް، ސޯޝަލް މީޑިއާގައި ދައުރުވުމުގެ ކުރިން އެ މިނިސްޓްރީއަށް ލިބުނު ކަމަށާއި ކަސްޓަމްސްއާ ގުޅިގެން އެ މަސައްކަތް ކޮށް އެކަން ހުއްޓުވާފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.

"އެ ބޯޓަށް ސާޅީހަކަށް ރުއް، ޕެކްކޮށްގެން ގެންދިޔަ. އެ ރުށްތައް އެއަށް އެރުވިޔަ ނުދީ ބޭރުކުރީ. ނަތީޖާއަކަށް ވީ، އެ ބޯޓަކަށް އަދި ރުއްތައް އަރުވައިގެންނެއް ނުގެންދޭ އެއްވެސް ތަަނަކަށް. އެކަމަކު އެއީ ޕްލޭން ކުރެވިފައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ވެސް އެނގޭ،" ޒާހިރު ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނައީމު ވިިދާޅުވި ރުއް ގަސްތައް ނެގުމާ ބެހޭ ހާއްސަ ގަވާއިދެއް އޮންނާނެ ކަމަށެވެ. އެ ގަވާއިދުގެ ދަށުން އެ މަސައްކަތް ކުރިއަށްދާ ކަމުގައިވާ ނަމަ ބޮޑެތި މައްސަލަތަކެއް ދިމާނުވާނެ ކަމަށާއި ނަމަވެސް ހުއްދަ ދިން ކަމުގައި ވިއަސް ގަވާއިދާ ހިލާފަށް ރުއް ގަސްތައް ނަގާކަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޯޝަލް މީޑިއާއިން އަދި އެނޫން ވެސް ގޮތަކުން ތިމާވެށީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެންމެ ފުރަތަމަ ކުރަނީ އެކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ. ފިޔަވަޅު އެޅުމާ ހަމައަށް ދަނީ، ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަންޖެހޭ ބެލުންތައް ބަލައި، މީގައި އަޅުގަނޑުމެން އެކަންޏެއް ނޫން މަސައްކަތް ކުރަނީ، މިހާރު ހުރި ރުއް ގަހާއި ގުޅިގެން ވެސް ސަރުކާރުގެ އެހެން މިނިސްޓްރީތަކާ އަދި ފުލުހުންނާއި ކައުންސިލް އިދާރާތަކާ ވާހަކަ ދެކެވިގެން ބަޔަކާ ހަމައަށް ފިޔަވަޅެއް އެޅޭނީ. ފިޔަވަޅެއް އެޅޭއިރު ވަރަށް ގިނަ ކަންތައް ބަލަންޖެހޭ. އެހެން ނޫނީ އެ ފަރާތުން ގާނޫނީ މަރުހަލާ ފުރިހަމަކުރަމުންދާއިރު އެ ފިޔަވަޅު ނުބަލައި އެޅިއްޖެނަމަ އަނެއްކާ އަނެއްކޮޅަށް ޖެހިގެން ވެސް ހިނގައިދާނެ. އެހެންވީމަ މީގައި ވަގުތު ނަގާނެ. މިއަށްވުރެ ގިނަ ވަގުތު ނަގާ ތިމާވެށީގެ މައްސަލަތަކުގައި ފިޔަވަޅު އަޅުން،" ނައީމް ވިދާޅުވި އެވެ.