Roadha Mihaaru
ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް ގާސިމް

ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިޚާބުކޮށްފި

01 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ އިންތިޚާބުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ އިންތިޚާބުކޮށްފި އެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ރައީސް ކަމުން މަސީހް އިސްތިއުފާ ދެއްވީ މިއަދު އެވެ.

މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގައި ގާސިމަށް 62 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ. ގާސިމާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ. ވޯޓުލެއްވި މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ވޯޓު ވަނީ ބާތިލް ވެފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި މެމްބަރެކެވެ. އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބުވެވަޑައިގަތް ކަން ރިޔާސަތުން އިއުލާން ކުރެއްވުމާއެކު، މެމްބަރުން މެމްބަރުން އަތްތިލަބަޑި ޖައްސަވަން ފެއްޓެވި އެވެ. ހިނިތުންވެ ވަޑައިގެން އިންނެވި ގާސިމްގެ އަރިހަށް މެންބަރުން ވަޑައިގެން، އެމަނިކުފާނާއެކު ސަލާމްކުރައްވައި، ސެލްފީ ނެންގެވި އެވެ.

ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތު ގާސިމް އަދާކުރައްވާ އިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކުގެ މަތިން އަމަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މޫސަ ވަނީ ގާސިމަށް މަރުހަބާ ދަންނަވައިފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ގާސިމްގެ ނަން ހުށަހެޅުއްވީ އިންތިޚާބީ ރައީސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އަދި އިބޫގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފެވެ. އަލީ އާރިފްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

މަޖިލީހުގެ ރައީސް ކަމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، މަސީހާއި އިތުރު ހަތަރު މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ވޯޓާ ގުޅޭ ކަންކަން ކުރިއަށް ދިޔައީ ގަވައިދުގައިވާ ގޮތަށް، ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. ކޮމިޓީގައި ތިއްބެވީ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާނާއި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފާއި މަކުނުދޫ ދާއިރާގެ އަދާލަތި ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.