Roadha Mihaaru
ދުވުމުގެ އީދު، ދިރާގާ އެކު އެތައް ހާސް ބަޔަކު

މިއަދުގެ ދުވުމުގެ އީދު، ދިރާގާ އެކު އެތައް ހާސް ބަޔަކު

02 ނޮވެމްބަރ 2018

ސިޔާސީ ބޮޑު އީދެއްގެ އުފަލާއި މަޖާގަނޑު އިއްޔެ ނިމިއްޖެ އެވެ. ރިޔާސީ އިންތިހާބުގެ ފޯރި އާއި ޝައްކާއި ވަހުމާއި ބިރުގަތުމުގެ ތެރެއިން ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ވެސް އަދި ކިރިޔާ އެވެ. އެހެންކަމުން އެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލައި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދިވެހިންގެ އެތައް ހާސް ބަޔަކު މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކަށް އެއްވާނެ އެވެ.

ސިޔާސީ ބޮޑު އީދެއްގެ އުފަލާއި މަޖާގަނޑު އިއްޔެ ނިމިއްޖެ އެވެ. ރިޔާސީ އިންތިހާބުގެ ފޯރި އާއި ޝައްކާއި ވަހުމާއި ބިރުގަތުމުގެ ތެރެއިން ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ވެސް އަދި ކިރިޔާ އެވެ. އެހެންކަމުން އެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލައި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދިވެހިންގެ އެތައް ހާސް ބަޔަކު މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކަށް އެއްވާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މަރުހަބާ އެވެ. ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބަޔަކު ބައިވެރިވާ އަދި ރާއްޖޭގެ އެންމެ ވާދަވެރި ދުވުން މިއަދު ހަވީރު 4:15 ގައި ފަށާނީ ސެންޓްރަލް ޕާކުންނެވެ. މިއީ 2007 ގައި ފެށި ރޭހުގެ 12 ވަނަ އަދި އެންމެ ގިނަ ބަޔަކު ބައިވެރިވާ ރޭހެވެ.

އެންމެ ބޮޑު ވާދައެއް ޝިފާޒާއި މޯޑުގެ މެދުގައިބާ؟

ވާދަވެރިކަން ބޮޑުވާނީ ގައުމީ ޗެމްޕިއަނުންގެ މެދުގަ އެވެ. ދެން ދުވާ އެހެން އެންމެންގެ ވެސް އޮންނާނީ ކުރިއަށް ވުރެ އަވަސް ވަގުތެއްގައި ރޭސް ނިންމުން ނުވަތަ ދުވުމުގެ އުފާ ހޯދުމެވެ. އޭގެ ތެރޭގައި ކުޑަކުދިން ގޮވައިގެން ދުވާ މީހުންނާއި އެކުގައި ތައްޔާރުވެ، ރޭހަށް އަރާ ވަކިވަކި ގްރޫޕްތަކުގައި ޒުވާން އުމުރުގެ މަޖަލުގައި ރޭސް ފުރިހަމަކޮށްލާ އެތައް ބަޔަކު އުޅެ އެވެ.

މިދިއަ މަހު 26 ގައި، 10،000 މީޓަރުން ގައުމީ ރެކޯޑް ހެދުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ: މިއަދު އޭނާ ދުވާނީ 10 ކިލޯމީޓަރު ބައިގައި

މިދިއަ މަހު 26 ގައި، 10،000 މީޓަރުން ގައުމީ ރެކޯޑް ހެދުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ: މިއަދު އޭނާ ދުވާނީ 10 ކިލޯމީޓަރު ބައިގައި

ރާއްޖޭގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުމުގެ އެންމެ ކުރީގައި އުޅޭ ބާރު ދުވުންތެރިންނަށް ބަލާއިރު އެންމެ ބޮޑު ވާދަވެރިކަމެއް މިފަހަރު އޮންނާނީ 5 ކިލޯ މީޓަރުގަ އެވެ. ދިރާގު ރޭހުގައި 5 ކިލޯމީޓަރު އޮންނަނީ އޯޕަން ބަޔާއި 45 އަހަރުން މަތީގެ ދެ ޖިންސުގެ ބަޔަށް ބަހާލައިފަ އެވެ. މީގެ ތެރެއިން ގައުމީ އެތުލީޓުންގެ ވާދަވެރިކަން 5 ކިލޯމީޓަރުގައި ފެންނާނީ، މިވަގުތު ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން، އޯޕަން ބައިން ދިރާގު ރޭސް އެތައް ފަހަރަކު ކާމިޔާބުކުރި ޝިފާޒު މުހައްމަދާއި އޭނާއާ އެކު މިދިއަ ދެ އަހަރު ތަމްރީން ހަދަމުން އައި މުހައްމަދު ރަޝީދު (މޯޑު)ގެ މެދުގަ އެވެ.

ޝިފާޒު މިދިއަ އަހަރުގެ ރޭސް ކާމިޔާބުކުރީ ރާއްޖޭގެ އޭރުގެ ރެކޯޑާ އެކު 16:10 މިނިޓުން ނިންމައިގެންނެވެ. މިދިއަ އަހަރު މުހައްމަދު ރަޝީދު 10 ކިލޯމީޓަރުގެ ބައިގައި ދުވެ ތިން ވަނަ ހޯދި އެވެ.

މިދިއަ އަހަރުގެ ރޭސް ޝިފާޒު (ވ) ފަށަނީ: މިއަދު ވެސް އޭނާ 5 ކިލޯމީޓަރުގެ ދުވުމުގައި ވާދަކުރާނެ

މިދިއަ އަހަރުގެ ރޭސް ޝިފާޒު (ވ) ފަށަނީ: މިއަދު ވެސް އޭނާ 5 ކިލޯމީޓަރުގެ ދުވުމުގައި ވާދަކުރާނެ

އެކަމަކު މިއަދު ޝިފާޒާ އެކު ވާދައަށް ނުކުންނަ އިރު މޯޑު ވަނީ ދާދި ފަހުން ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުމުގައި ޝިފާޒު ފަހަތަށް ޖައްސާ، ދެ ވަނަ ހޯދައިފަ އެވެ. އެ ރޭޙުގައި އެއްވަނަ ހޯދި އަދި މިހާރު ރާއްޖޭގައި ހުރި 5 ކިލޯމީޓަރުގެ (ކިއުންތެރިންގެ މައުލޫމާތަށް: 5000 މީޓަރުގެ ދުވުމޭ ކިޔަނީ ޓްރެކްގައި އޮންނަ އިވެންޓަށެވެ. އެ ދިގުމިނުގައި މަގުމަތީ އޮންނަ ރޭސްތަކަށް ކިޔަނީ 5 ކިލޯމީޓަރުގެ ރޭހެވެ.) އެންމެ ބާރު ދުވުންތެރިޔާ ފަޒީލް ހާރޫން، ދިރާގު ރޭހުގައި މިއަދު ނުކުންނާނީ 10 ކިލޯ މީޓަރުގަ އެވެ.

މޯޑު: މިދިއަ މަހު އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުން ނިންމަނީ: މިއަދު އޭނާ އާއި ކުރީގެ ޗެމްޕިއަން ޝިފާޒު މުހައްމަދު 5 ކިލޯމީޓަރު ބައިގައި ވާދަކުރާނެ

މޯޑު: މިދިއަ މަހު އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުން ނިންމަނީ: މިއަދު އޭނާ އާއި ކުރީގެ ޗެމްޕިއަން ޝިފާޒު މުހައްމަދު 5 ކިލޯމީޓަރު ބައިގައި ވާދަކުރާނެ

ފަޒީލްއާ ވާދަކުރެވޭވަރުގެ ދުވުންތެރިޔަކު މި ފަހަރުގެ ރޭހުގައި ނެތެވެ. ގައުމީ މުބާރާތުގެ 10،000 މީޓަރުގެ ދުވުމުގެ ރެކޯޑް މިދިއަ މަހު 26 ގައި، 33:34 މިނިޓުން ނިންމައިގެން އާކޮށް، އޭނާ މިއަދުގެ ރޭޙަށް ނުކުންނަ އިރު ހުންނާނީ ވަރަށް ފިޓްކޮށް ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ 10 މިލޯމީޓަރުގެ ރެކޯޑް ވެސް އޮތީ ފަޒީލް އަތުގަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު މޮރޮކޯގައި އޮތް ރޭހުގައި ދުވެ އޭނާ އެ ރެކޯޑް ހެދީ 31:48 މިނިޓުން ނިންމައިގެންނެވެ.

ދިގު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިން ދިރާގު ރޭހުގައި މިއަދު ކުރާ ވާދަ ބެލުންތެރިންނަށް ހިތްހަމަޖެހުން ގެނެސްދޭނެކަމާ މެދު ޝައްކެއް ނެތެވެ.

ދިރާގު ރޯޑް ރޭހަކީ އެތަށް ބައެއްގެ ހިތްހަމަ ޖެހުމެއް.-- ފޮޓޯ: މިހާރު

ދިރާގު ރޯޑް ރޭހަކީ އެތަށް ބައެއްގެ ހިތްހަމަ ޖެހުމެއް.-- ފޮޓޯ: މިހާރު

ދުވުމުގެ ފޯރި އަދި ރޭހުގެ އިޖުތިމާއީ ޒިންމާ

އެކަމަކު ރޭހުގެ ބޮޑު ބަޔަކީ ދުވުމުގެ ފޯރީގައި އަދި ރަނގަޅު ސިއްހަތެއްގައި ތިބުމުގެ ބޭނުމުގައި ދުވަމުން އަންނަ މީހުންނެވެ. އެ ދުވުންތެރިންގެ މެދުގައި އޮންނާނީ ކޮންމެ ގޮތަކުން ވެސް ރޭސް ނިންމުމާއި އެންމެ ފަހުން ބައިވެރިވި ރޭހަށް ވުރެ އަވަހަށް، ނިންމާ ރޮނގު ހުރަސްކުރުމުގެ އަޒުމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިރާގު ރޭހަކީ ދިވެހިންނަށް ކޮންމެ އަހަރަކު ވެސް ގެެނެސްދޭ ދުވުމުގެ އީދެކެވެ. ބައިވެރިވާ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ދިރާގުން ފުރުސަތު ދޭ މިންވަރު ވެސް ގެންދަނީ އިތުރުކުރަމުންނެވެ.

އަނެއްކޮޅުން ބަލާއިރު، މިއީ ހަމައެކަނި ދުވުމުގެ ރޭހެއް ވެސް ނޫނެވެ. އޭގެ އިތުރުން މި ރޭސް މެދުވެރިކޮށް އިޖުތިމާއީ ވަރަށް ޒިންމާއެއް ދިރާގާއި، ރޭޙުގެ ބައިވެރިން އަދާކުރެ އެވެ؛ ކުޑަކުދިންގެ ހިމާޔަތެވެ.

ރޭހުގެ ކޮންމެ ދުވުންތެރިޔަކު ވެސް އެ ތަމްސީލްކުރަނީ، ދިރާގުން ކަނޑައަޅާފައިވާ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ކޮންމެވެސް އަމިއްލަ ޖަމިއްޔާއެކެވެ. ރޭހަށް ހާއްސަ ޓީޝާޓު، ކޮންމެ ދުވުންތެރިޔަކު ވެސް ގަނެ އެވެ. އެގޮތުން ލިބޭ ފައިސާ ހަދިޔާ ކުރާނީ ރޭހުގެ އޮފިޝަލް ޖަމިއްޔާތަކަށެވެ.