Roadha Mihaaru
ސިޔާސީ ހަޔާތް މަރެއް ނުވޭ، ނުކުންނާނީ އާ ދާއިރާއަކަށް

އަޅުގަނޑުގެ ސިޔާސީ ހަޔާތް މަރެއް ނުވޭ، މަޖިލީހުގެ އިންތިޚާބަށް ވެސް ކުރިމަތިލާނަން: ނިހާން

02 ނޮވެމްބަރ 2018

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާގެ ސިޔާސީ ހަޔާތް މަރުނުވާ ކަމަށާއި ސިޔާސީ މުސްތަގުބަލް އަދި ކުރިއަށް އޮތީ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާގެ ސިޔާސީ ހަޔާތް މަރުނުވާ ކަމަށާއި ސިޔާސީ މުސްތަގުބަލް އަދި ކުރިއަށް އޮތީ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަކު، ނިހާން ނިންމަވާފައި ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި އޭނާގެ ސަޕޯޓަރުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް ތިން ވަނަ ދައުރަކަށް ވިލިމާލެ ދާއިރާ އަށް ވާދަ ނުކުރެއްވުމަށެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން "މިހާރު" އަށް ވިދާޅުވީ، ތިންވަނަ ދައުރަކަށް ވިލިމާލޭ ދާއިރާއަށް ވާދަނުކުރެއްވުމަށް، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި ސަޕޯޓަރުންނަށް އޭނާ ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެހެންވެ އެކަން އޮންނާނީ އެ ގޮތަށް ކަމަށް ނިހާން ވިދާޅުވި އެވެ.

ނަމަވެސް، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ދާއިރާއެެއް ނިހާން އަދި ކަނޑައެއް ނާޅުއްވަ އެވެ.

"އަޅުގަނޑު ހޮވަން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ފުރުސަތު ދޭން ވެގެން ދެން އޮންނަ މަޖިލީހުގެ އިންތިޚާބެއްގައި ވާދަ ކުރާނީ އެހެން ދާއިރާއަކުން ކަމަށް އަޅުގަނޑު އޮންނާނީ އޭރު ބުނެފައި،" އިދިކޮޅު ކޯލިޝަންގެ ބޮޑު ތާއީދެއް އޮންނަ ގދ. ތިނަދު އަށް އުފަން ނިހާން ވިދާޅުވި އެވެ.

"އެއްވެސް ގޮތަަކަށް އަޅުގަނޑުގެ ސިޔާސީ ހަޔާތް މަރުވީއެއް ނޫން. މަޖިލީހަށް ކުރިމަތިލާނަން. އަޅުގަނޑުމެންނަށް ގެއްލުނީ ރިޔާސީ އިންތިޚާބެއް."

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން، ޕީޕީއެމުން ބާއްވަމުން އައި ސިލްސިލާ ނިއުސް ބްރީފިންއެއްގައި ނިހާން (ވ) ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން، ޕީޕީއެމުން ބާއްވަމުން އައި ސިލްސިލާ ނިއުސް ބްރީފިންއެއްގައި ނިހާން (ވ) ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

ނިހާނަކީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ދިފާއުގައި މިދިޔަ ފަސް އަހަރު އެންމެ ބޮޑަށް މަސައްކަތް ކުރައްވައި އަދި އެ ކަންކަމުގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ނުރުހުން އިންތިހާއަށް އަމާޒުވި އެއް ބޭފުޅަކީ ވެސް ނިހާނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ފޯރިގަދަ ދުވަސްވަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައީސް ޔާމީނާއި ޕީޕީއެމްގެ ދިފާއުގައި ނިއުސް ކޮންފަރެންސްތައް އިސްވެ ބާއްވަވައި މީޑިއާއާ އޭރު ކުރިމަތިލެއްވި އެއް ބޭފުޅަކީ ވެސް ނިހާނެވެ.

އަދި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ވެސް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ނިހާން ހިމެނިވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިޚާބު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކާމިޔާބު ވުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ކޯލިޝަނަށް އޮތް އަޣުލަބިއްޔަތު ވެސް ވަނީ ގެއްލިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕީއެމްގެ އިސް މެމްބަރު އަބްދުﷲ މަސީހް މުހައްމަދަށް އިދިކޮޅުން ކުރިމަތިކުރި ފިއްތުންތަކާ އެކު އެ މަގާމުން އެމަނިކުފާނު އިއްޔެ އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ރައީސަކަށް ރޭ އިންތިޚާބު ކޮށްފައި ވަނީ ވެސް އިދިކޮޅު ކޯލިޝަންގެ އިސް އެއް ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަންކަން ނިންމުމުގެ ފުރިހަމަ ކޮންޓްރޯލް ވެސް އޮތީ އިދިކޮޅު ކޯލިޝަނަށެވެ.

ނިހާން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެން ކުރިމަތި ލައްވާނެ ވަކި ދާއިރާއެއް ކަނޑަނޭޅުއްވި ލަސްވަނީ ސިޔާސީ ކުރިމަގު މައްސަލަތަކެއްގެ ތެރޭގައި ވާތީ އެވެ. އެއީ ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުން ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ޕާޓީ ހަރުދަނާ ކުރުމުގެ ކަންކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ކެމްޕެއިންގައި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ވިލިމާލޭގައި ބޭއްވެވި ޖަލްސާގައި ނިހާން ގައުމީ ދިދަ ހިއްޕަވައިގެން.---ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގައި ކެމްޕެއިންގައި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ވިލިމާލޭގައި ބޭއްވެވި ޖަލްސާގައި ނިހާން ގައުމީ ދިދަ ހިއްޕަވައިގެން.---ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބު ޕީޕީއެމަށް ގެއްލި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޕީޕީއެމަށް ފުރުސަތު ލިބިގެން ކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މަޖިލީހުގެ ގޮނޑިތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރުމުގެ ސަބަބުން ޕީޕީއެމް ދޫކުރައްވައި ބައެއް މެމްބަރުން އެހެން ޕާޓީތަކަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު، ދެން އޮންނަ އާންމު އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާ މެމްބަރުންތަކެއް ޕީޕީއެމްގައި އެބަތިއްބެވި ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ހިޔާލު ތަފާތުވެފައިވާ ޕީޕީއެމަށް ރިޔާސީ އިންތިޚާބުގައި އަޣުލަބިއްޔަތު ލިބުނީ މުޅި ރާއްޖެއިން އެންމެ ދެ އަތޮޅުންނެވެ. އެއީ މ އާއި ފ. އަތޮޅެވެ. ދެން ހުރިހާ އަތޮޅެއްގެ ސާފު އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ކޯލިޝަނަށެވެ.