Roadha Mihaaru
ޖަލުގައި އިމްރާންގެ ބައިވެރިން: 19 ކޮތަރު!

ޖަލުގައި އިމްރާންގެ ބައިވެރިން: 19 ކޮތަރު!

05 ނޮވެމްބަރ 2018

ސިޔާސީ ކަންކަމަކީ، ބައެއް ފަހަރަށް، ބިރުވެރި މަސައްކަތެކެވެ. މޭޑޭގެ މުޒާހަރާ އަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުކުންނެވިި އިރު އެފަދަ، ދެތިން ހާލަތެއް މެދުވެރި ވެދާނެ ކަމަށް ވިސްނުން ބެހެއްޓެވި އެވެ. އެއީ، އޭނާ ހައްޔަރުކުރުން ނުވަތަ ހަށިގަނޑަށް ބަޔަކު ގެއްލުން ދިނުމެވެ. އެކަމަކު 12 އަހަރުގެ ނުހައްގު، ޖަލު ހުކުމެއް އަތުވެދާނެ ކަމަކަށް ހިއެއް ނުކުރައްވަ އެވެ. ސަބަބަކީ، އެ މުޒާހަރާގެ ބޭނުމަކީ ކުށަށް އަރައިގަތުން ނޫން ކަމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި މުހައްމަދު ޔާމީން

ސިޔާސީ ކަންކަމަކީ، ބައެއް ފަހަރަށް، ބިރުވެރި މަސައްކަތެކެވެ. މޭޑޭގެ މުޒާހަރާ އަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުކުންނެވިި އިރު އެފަދަ، ދެތިން ހާލަތެއް މެދުވެރި ވެދާނެ ކަމަށް ވިސްނުން ބެހެއްޓެވި އެވެ. އެއީ، އޭނާ ހައްޔަރުކުރުން ނުވަތަ ހަށިގަނޑަށް ބަޔަކު ގެއްލުން ދިނުމެވެ. އެކަމަކު 12 އަހަރުގެ ނުހައްގު، ޖަލު ހުކުމެއް އަތުވެދާނެ ކަމަކަށް ހިއެއް ނުކުރައްވަ އެވެ. ސަބަބަކީ، އެ މުޒާހަރާގެ ބޭނުމަކީ ކުށަށް އަރައިގަތުން ނޫން ކަމެވެ.

ފާލުން ނެއްޓުނު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހަމަ މަގަށް އެޅުވުމެވެ. މެއި، 1، 2015 ގައި، އިސްލާހަށް އަޑު އުފުއްލެވުމުގެ ބަދަލު ލިބުނީ، އިމްރާން ވިދާޅުވި ގޮތުގައި، އަނިޔާ އާއި ބޭއިންސާފުންނެވެ. އެ މުޒާހަރާގައި ހަމަނުޖެހުމަށް ގޮވާލި ކަމުގެ ތުހުމަތާ އެކު އުފުލި ދައުވާގައި، ނާއިންސާފު ހުކުމަކުން ޖަލަށް ލީ އެވެ.

އެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، މިދިޔަ ހަފުތާގައި މިނިވަންވުމާ އެކު އިމްރާން ވަނީ ޖަލުގައި އޭނާ ހޭދަކުރެއްވި ގޮތް "މިހާރު"އާ ހިއްސާ ކޮށްދެއްވައިފަ އެވެ. ޖަލުގެ އުނދަގޫ ދުވަސްތައް އޭނާ ނެންގެވީ، ނަފްސު ވަކި ގޮތަކަށް ބައްޓަން ކުރަން ލިބިވަޑައިގަތް ފުރުސަތެއްގެ ގޮތުގަ އެވެ. އެ މުއްދަތުގައި، އުފުއްލެވި ތަކުލީފާ އެކު އޭނާ އަށް އުފާވެރިކަން އިހްސާސްކޮށްދިން ކޮތަރުތަކުގެ ވާހަކަ ޚާއްސަ އެވެ. އެއީ، ވަރަށް ވަރުގަދަ އިއްތިފާގެކެވެ.

އިމްރާން "މިހާރު"އާ ވާހަކަ ދައްކަވަނީ: ޖަލުގެ އުނދަގޫ ދުވަސްތައް އޭނާ ނެންގެވީ، ނަފްސު ވަކި ގޮތަކަށް ބައްޓަން ކުރަން ލިބިވަޑައިގަތް ފުރުސަތެއްގެ ގޮތުގައި. --ފޮޓޯ:

އިމްރާން "މިހާރު"އާ ވާހަކަ ދައްކަވަނީ: ޖަލުގެ އުނދަގޫ ދުވަސްތައް އޭނާ ނެންގެވީ، ނަފްސު ވަކި ގޮތަކަށް ބައްޓަން ކުރަން ލިބިވަޑައިގަތް ފުރުސަތެއްގެ ގޮތުގައި. --ފޮޓޯ:

އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ ގޮޅި!

އިމްރާން ވިދާޅުވި ގޮތުގައި މުޒާހަރާ އިން ހައްޔަރުކުރި އެހެން ބައިވެރިންނާ އެކު ފުރަތަމަ ވެސް ވެއްދީ، މާފުށީ ޖަލުގައި އެންމެ ބޮޑެތި ކުށްވެރިންގެ ގޮޅިއަށެވެ. އޭނާއާ އެކު، އެ ގޮޅީގައި ތިއްބެވީ ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ފަދަ މުޒާހަރާގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. އިމްރާން ފިޔަވައި، އެ ގޮޅީގައި ދެން ތިއްބެވި ބޭފުޅުން ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދޫކޮށްލީ އެވެ.

އޭގެ ފަހުން، އެތަނުގައި އޮންނެވީ އިމްރާން އެކަންޏެވެ.

ކޮންކްރީޓް ތިން ފާރު ރާނައި، ކުރިމަތިން ދަގަނޑު ތޭރި ޖަހާފައިވާ ގޮޅި ސިފަކޮށްދެއްވަމުން އިމްރާން ވިދާޅުވީ ދުވާލުގެ ވަގުތުތަކުގައި ނަމާދަށް ވެސް ކެތްކޮށްނުލެވޭހާ ހޫނު ގަދަ ކަމަށެވެ. އިރޮއޮއްސުމުން، ވާނުވާއެއް ނޭނގޭހާ އަނދިރި ކަމަށް ވިދާޅުވި އެވެ.

"ފާޚާނާއަށް ވަންނައިރު އިސްކުރު ނޭނގޭހާ އަނދިރިކަމުގައި ފަސް، ހަ މަސް ހޭދަކުރަން ޖެހުނު. އަދި ބައެއް ދުވަސްވަރުގައި ރޭގަނޑު ދަންވަރު ވެސް ނުނިދޭ. [ޖެހިގެން ހުރި ގޮޅިތަކުގެ އަޑުގަދަކަމުން] ނަމާދު ކޮށްނުލެވޭ މިންވަރަށް ކަންކަން ދިޔަ. ވަރަށް ބޮޑެތި ތަކުލީފުތަކެއް، ވޭންތަކެއް،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ފޫޓުގެ ސިމެންތި އައްޓެއްގައި ނިދަން ޖެހުމުން، ދެތިން ރޭ ބިންމައްޗަށް ވެއްޓުނެވެ. އެތަނުގައި، ބުރަކަށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެން، ބޭސްފަރުވާ ވެސް ކުރަން ޖެހުނެވެ.

އިމްރާނަށް އެންމެ އުނދަގޫވި އެއް ކަމަކީ ވަގުތު ހިނގާ ގޮތް އެނގިވަޑައިނުގަތުމެވެ.

އިމްރާން، ޖަލުގެ ތަޖުރިބާ "މިހާރު" އަށް ވިދާޅުވެ ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އިމްރާން، ޖަލުގެ ތަޖުރިބާ "މިހާރު" އަށް ވިދާޅުވެ ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ގަޑި ބަލަން ފެށީ ކޮންމެ ރެއަކު ދޭ މަދިރި ދުން ދަނޑިން. އަޅުގަނޑު ބެލީ، ދުންދަނޑި ގަޑިއަކު އަނދަނީ ކިހާ ވަރަކަށްތޯ؟ އެގޮތަށް ބަލައިގެން އަޅުގަނޑަށް އެނގޭނެ ދޭއް ޖަހާއިރު ނުވަތަ ތިނެއް ޖަހާއިރު އަނދާފައި އިންނާނެ ވަރު. ދޭތެރެއަކުން ހޭލެވޭއިރަށް، ދުންދަނޑި އަނދާފައި އިންނަ ވަރު ބަލައިގެން ދަމު ނަމާދު ކުރަނީ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޮޅީގައި ދެ ހަފުތާއެއްހާ ދުވަސް ހޭދަކުރަން ޖެހިއްޖެ މީހަކު ބޯހާސްވެ، މާޔޫސްވާނެ ކަމަށެވެ. ބޮޑެތި ކުށްތަކުގައި އެ ގޮޅިއަށް ލާ މީހުން އާދޭސްކޮށްގެން އެތަނުން ސަލާމަތްވެވޭނެ މަގެއް ހޯދަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭނާ އެ ގޮޅިއަށް ވެއްދީ، "މަތީ ބޭފުޅެއްގެ އޯޑަރަށް" ކަމަށް ވާތީ، އެތަނުން ނުކުމެވޭނެ ގޮތެއް ނޯންނާނެ ކަމުގެ ވިސްނުން ބެހެއްޓެވި ކަމަށް ވިދާޅުވި އެވެ.

ޖަލުގެ ހިތްދަތިކަމާއި އެކަނިވެރިކަން ހެއްދެވީ، އިމްރާން ވިދާޅުވި ގޮތުގައި، އަމިއްލަ ނަފްސު ވަކި ގޮތަކަށް ބައްޓަން ކުރަން ﷲ ދެއްވި ފުރުސަތެއްގެ ގޮތުގަ އެވެ.

"ދަތި ކަންކަން ދިމާވި. އާއިލާ ވަރަށް ނިކަމެތިވި، ހިތްދަތިކަން ލިބުނު. އެކަމަކު އަޅުގަނޑަށް ﷲ ކެތްތެރިކަން ދެއްވި،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާހުވެ މުޖުތަމައަށް ނުކުތުމަށް، ޖަލަށް ވައްދާފައި ތިބި، ރާއްޖޭގެ ޒުވާން ޖީލެއް ނެތި ފަނާވެގެންދާ މަންޒަރު އެތަނުން ފެނިވަޑައިގެންނެވި ކަމަށާއި އެއީ ވެސް ފުން އަސަރެއް ކުރުވި ކަމެއް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ، ޖަލަށް ލައި އިސްލާހުވާން ފުރުސަތު ނުދީ، ހަމައެކަނި އަދަބުދޭ ވާހަކައަށެވެ.

ތިންއިރު ވެސް ކޮތަރުތަކާ އެކު

އެ އުނދަގޫ ހާލަތުގައި އިމްރާންގެ ބައިވެރިންނަކީ ކޮތަރުތަކެކެވެ. އެކަނިވެރިކަމުގައި އިންނަވަނިކޮށް، މަތިން އުދުހޭ އެ ކޮތަރުތައް ފެނިވަޑައިގަތުމުން ކޮންމެ ދުވަހަކު ވެސް ކާއެއްޗެހިން ބައެއް އެ ދިމާއަށް އުކަން ފެށީ އެވެ. ކާއެތިކޮޅު ކާން، މަޑުމަޑުން ކޮތަރުތައް އެ ގޮޅިއާ ގާތްވާން ފެށި ކަމަށް އިމްރާން ވިދާޅުވި އެވެ.

މޭޑޭ މުޒާހަރާގެ ކުރިން އޭނާ ވަނީ ޖުމްހޫރީ މައިދާނުގައި ހުންނަވައި ކޮތަރުތަކާ ގުޅޭ ޓުވީޓެއް ވެސް ކުރައްވައިފަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ، ސަރުކާރުން އެ ކޮތަރުތަކަށް އަނިޔާކުރުމަށް ވެސް މެއި 1 ގައި ނިމުން އަންނާނެ ކަމަށެވެ.

އެގޮތަށް އޭރު އިމްރާން ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި އުޅުނު ކޮތަރުތަކަށް އެތަނުގައި ކާން ނުދެވޭ ގޮތަށް ހަމަޖެއްސުމުން އެކަމުގެ ހިތްހަމަނުޖެހުމުގަ އެވެ.

މޭޑޭ މުޒާހަރާގެ ކުރިން އިމްރާން ކުރެއްވި ޓުވީޓް.

އިމްރާން ވިދާޅުވީ ޖަލުގެ ފުރަތަމަ ދުވަސްކޮޅު ކާއެއްޗެހި ނެންގެވީ، އެ ވަގުތަކަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ވެސް މަދުން، ބަނޑުހައިކަން ފިލާ މިންވަރަށެވެ. އިރަކަށް މީހަކަށް ކަނޑައަޅާފައިވާ މިންވަރަށް، ފުލްކޮށް ފަހުން ކާއެއްޗެހި ނަންގަވަން ފެއްޓެވީ އޭނާގެ ގޮޅި ކައިރިއަށް ތިރިކުރާ ކޮތަރުތަކަށް ކާންދޭން ވެގެން ކަމަށް ވިދާޅުވި އެވެ.

"ކާންދޭން ފެށީމަ، ތިން އިރަށް އަންނާނެ. ޖަލުން ނުކުތް އިރު ގޮޅިއަށް ވަންނަހާ ކައިރީގައި އެވެރިން ތިބީ. އަނެއްހެން ބުނަންޏާ، ގުރުއާން ކިޔެވުން ފިޔަވައި ފޫހިފިލާ ކަމަކަށް މެދުވެރިވީ އެ ކަންތައް. ރަހުމަތްތެރިން ނުވަތަ ބައިވެރިންގެ ގޮތުގައި ތިބީ 19 ކޮތަރު،" އިމްރާން ވިދާޅުވި އެވެ.

"ހަގީގަތުގައި ވެސް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވި، ފޫހިފިލުމަކަށް ވީ."

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންވުމާއެކު އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާއާ އެކު އެ ޕާޓީގެ މެމްބަރުން ފޮޓޯ ނަގަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންވުމާއެކު އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާއާ އެކު އެ ޕާޓީގެ މެމްބަރުން ފޮޓޯ ނަގަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

ޑީލަކަށް ގުޑައެއް ނުލި!

އިމްރާން ވިދާޅުވި ގޮތުގައި، ޖަލުން ސަލާމަތްވެވިދާނެ ގޮތްތަކަކާ އެކު ދެތިން ފަހަރަށް ސަރުކާރުގެ މަންދޫބުން އޭނާގެ ގާތަށް ފޮނުވި އެވެ. ފައިސާގެ އަދަދުތަކާއި މަގާމްތަގެ އިތުރުން ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ހުށަހެޅުންތައް ގަބޫލުނުކުރެއްވީ، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވިވަޑައިގެންފި ނަމަ ޖަލުގައި އިތުރު އަހަރުތަކެއް ހޭދަކުރައްވަން ވެސް ރުހިގެންނެވެ.

"އަޅުގަނޑު އިޚްތިޔާރުކުރީ، އެ ހުށަހެޅުންތަކަކީ އަޅުގަނޑު ކައިރިވާން ނުޖެހޭ ކަންތައްތަކުގެ ގޮތުގައި،" އިމްރާން ވިދާޅުވި އެވެ.

އާއިލާއަށް ޖެހުނު ހާލާއި އަނބިކަނބަލުން މަރިޔަމް ރީމް، އުފުއްލެވި ތަކުލީފަކީ ކޮންމެ ފަދަ ހާލެއްގައި ވެސް އަނިޔާ އަށް ބޯނުލަނބަން، ލިބިވަޑައިގަތް ހިތްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިމްރާން ގަބޫލުކުރައްވާ ގޮތުގައި އެ އަނިޔާ އިން އާއިލާ ވެސް އެތައް ކަމެއް ދަސްކުރި އެވެ.

އިމްރާން، އަނބިކަނބަލުންނާ އެކު.

އިމްރާން، އަނބިކަނބަލުންނާ އެކު.

އަނިޔާ ލިބުނީ ކުށެއް ނެތި ކަމަށް އިމްރާން ވިދާޅުވާ ވާހަކައިގެ ރައްދެއްގެ ގޮތުގައި ސަރުކާރުން މިހާތަނަށް ބުނެފައި ވަނީ، މުޒާހަރާގައި ދެއްކެވި ބައެއް ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އެއް ކަމަކީ، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުވައި އޭނާ ދެއްކެވި ވާހަކަ އެވެ.

އެ ކަމުގެ ހެކި ހުރި ކަމަށް މޭޑޭ ގައި އިމްރާން ވިދާޅުވެ ހެއްދެވީ އިތުރުފުޅެއް ކަމަށް ދައްކާ ވާހަކަ އަށް އޭނާ ދެއްވި ރައްދަކީ މިއެވެ؛

"އަޅުގަނޑު ދެއްކި ވާހަކަ ސާބިތުވާ ވަރަށް އަޅުގަނޑުގެ އަތުގައި ހުރި ކަރުދާސްތަކުގައި ހެކި ހުރި. އަޅުގަނޑު ދެއްކި ވާހަކައިގައި އޮތީ ހުމާމް ބުނީ ތެދެކޭ. ރައީސް ޔާމީނާއި އަދީބަށް އެކަން ހިނގި ގޮތް އެނގިވަޑައިގަންނަވާނެއޭ. އެ ބޭފުޅުން އަމިއްލަފުޅަށް އެކި ތަންތަނުގައި ދައްކަވާފައި ހުރި ވާހަކަތަކުން އެ ބޭފުޅުންނަށް އެ ކަންކަން އެނގިވަޑައިގަންނަވާނެ މިންވަރު އެ ބޭފުޅުން ހާމަކުރައްވާ ފަދަ ވާހަކަތައް ހުރީ. އަޅުގަނޑު ނުދަންވަން ފަހަރެއްގައި ވެސް އެ ބޭފުޅުން އެކަން ކުރެއްވިއެކޭ. މިއަދު ވެސް ނުދަންނަވަން. އަޅުގަނޑަށް އެނގޭ ބުނެވުނީ ކީކޭކަން،" އިމްރާން ވިދާޅުވި އެވެ.

މޭޑޭގެ މުޒާހަރާ އިން ކުރިމަތިވެވަޑައިގަތް، ޖަލުގެ ހިތްދަތި ހަނދާންތަކާއި ލިބުނު ފިލާވަޅާ އެކު، އެކުވެރި ކޮތަރުތަކުގެ މަތިން އިމްރާން ހަނދާނެއް ނުނެތޭނެ އެވެ.