Roadha Mihaaru
ހަސަން ސައީދު މިނިވަން ކުރަން ކޯޓުން އަމުރުކޮށްފި

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން މިނިވަން ކުރަން އަމުރުކޮށްފި

05 ނޮވެމްބަރ 2018

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މިނިވަންކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މިނިވަންކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން މިނިވަންކުރަން ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ އޭނާ ބަންދުން މިނިވަން ކުރަން ހެބިއަސް ކޯޕަސްގެ މައްސަލައެއް އޭނާގެ ފަރާތުން ހުށަހެޅުމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ފުލުހަށް ހާޒިރުވާން އެންގުމުން ހާޒިރުނުވި މައްސަލާގައި ހަސަންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު އޮތީ އިއްވައިފަ އެވެ. އެކަމަކު ހުކުމް ކުރުމުގެ ކުރިން އެ މައްސަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، ހުކުމުގެ މުއްދަތު ޖަލުގައި ހޭދަކުރުމުން އޭނާ މިނިވަން ކުރަން ކޯޓުން އަމުރުކުރީ ކަމަށް ހަސަންގެ ވަކީލުން ބުންޏެވެ.

ހަސަންގެ މައްޗަށް ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން އުފުލި އެވެ. އެކަމަކު މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފް ނުކުރަން ދައުލަތުން މިހާރު ވަނީ ނިންމައިފަ އެވެ.

ހަސަންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާތައް ވެސް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލަތައް ވެސް އިސްތިއުނާފް ނުކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.