Roadha Mihaaru
ވޯލްޑް ޓްރެވަލް މާކެޓުގައި ރާއްޖެއިން 168 މަންދޫބުން

ވޯލްޑް ޓްރެވަލް މާކެޓުގައި ރާއްޖެއިން 168 މަންދޫބުން

23 އޮކްޓޯބަރ 2016

އިނގިރޭސި ވިލާތުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ރާއްޖޭގެ 168 މަންދޫބުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވާން ތައްޔާރުވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އިނގިރޭސި ވިލާތުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ރާއްޖޭގެ 168 މަންދޫބުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވާން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕޮރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 7 އިން 9 އަށް ލަންޑަންގައި ބާއްވާ މި ފެއާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށެވެ. އޭނާއާ އެކު ބައިވެރިވާ ރާއްޖޭގެ ވަފުުދުގައި 66 ކުންފުންޏަކުން މީހުން ބައިވެރިވެ އެވެ.

އެ އެންމެންނާ އެކު އެމްއެމްޕީއާރުސީން ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ފެއާއާ ބެހޭ މައުލޫމާތު ދިނެވެ.

އެމްއެމްޕީއާރްސީން ބުނީ މި ފެއާގައި ރާއްޖެ އަށް 276 އަކަމީޓަރުގެ ސްޓޭންޑެއް ލިބިފައިވާ ކަމަށެވެ.

"މި އަހަރުގެ ފެއާ ބާއްވާ ތިން ދުވަހުގެ ތެރޭގައި އެކި ކަންކަމަށް ހާއްސަ ޖުމްލަ 80 އިވެންޓް އޮންނާނެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި ތަފާތު ދާއިރާތަކުން ލެކްޗާތަކާއި އެ ނޫން ވެސް ޝައުގުވެރި ކަންކަން ހިމެނޭނެ އެވެ،" އެމްއެމްޕީއާރްސީގެ ބަޔާނުގައިވެ އެވެ.

މި އަހަރުގެ ވޯލްޑް ޓްރެވަލް މާކެޓް ފެއާގައި 182 ގައުމަކުން 50،000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ. އަދި ފެއާ ކުރިއަށްދާ މުއްދަތުގައި ވިޔަފާރިއާ ބެހޭ ކޮންފަރެންސްތަކާއި ސެމިނާތައް ވެސް އޮވެ އެވެ.

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވާ އިރު، ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ އެއް ގައުމަކީ ވެސް އިނގިރޭސި ވިލާވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 68،286 އިނގިރޭސިން ރާއްޖެ އައިސްފައިވެ އެވެ. އެއީ ރާއްޖެ އަންނަ ޖުމްލަ ޓޫރިސްޓުންގެ 8.1 ޕަސެންޓެވެ.

ބޭރުގައި ބާއްވާ ޓޫރިޒަމް ފެއާތަކުގައި މި ދުވަސްވަރު ރާއްޖެ އިން ބައިވެރިވުން ވަނީ ގިނަކޮށްފަ އެވެ. އެގޮތުން، މިދިޔަ މަހު، އެމްއެމްޕީއާރުސީން ވަނީ ޖަޕާނާއި ފްރާންސް އަދި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގައި ބޭއްވި ބޮޑެތި ފެއާތަކެއްގައި ވެސް ބައިވެރިވެފަ އެވެ. އަދި އިންޑިއާގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވި އެވެ.