Roadha Mihaaru
އޭޑީކޭގައި 4 އަހަރުން 700އަށްވުރެ ގިނަ ނިއުރޯސާޖަރީ

އޭޑީކޭގައި ހަތަރު އަހަރުގެ ތެރޭ 700 އަށް ވުރެ ގިނަ ނިއުރޯސާޖަރީ ހެދި

06 ނޮވެމްބަރ 2018

ފާއިތުވި ހަތަރު އަހަރުގެ ތެރޭ އޭޑީކޭ ހޮސްޕިޓަލުގައި 700 އަށް ވުރެ ގިނަ ނިއުރޯސާޖަރީ ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާއިތުވި ހަތަރު އަހަރުގެ ތެރޭ އޭޑީކޭ ހޮސްޕިޓަލުގައި 700 އަށް ވުރެ ގިނަ ނިއުރޯސާޖަރީ ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން ޕެރަޑައިސް އައިލޭންޑް ރިސޯޓްގައި މިއަދު ފެށި "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އިމަޖެންސީގައި ކޮށްފައިވާ އޮޕަރޭޝަންތަކާއެކު ޖުމްލަ 700 އަށް ވުރެ ގިނަ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ ނިއުރޯސާޖަރީގެ ދާއިރާ އިން އެކި ގައުމުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެ ދާއިރާ އިން ރާއްޖެ އަދިވެސް އޮތީ ޅަފަތުގެ ދައުރުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މި ސަރަހައްދުން ލިބެން ހުރި ވަސީލަތްތަކުގެ އެހީގައި އަވަސް ކުރިއެރުންތަކެއް ހޯދަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަފްއާލް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ނިއުރޯސާޖަން ޑިޕާޓްމަންޓެއް އުފައްދައި އޮޕަރޭޝަންތައް ފެށީ ރާއްޖޭގައި ހުރި ހަމައެކަނި ނިއުރޯސާޖަން ޑރ. އަލީ ނިޔާފާ އެކު ކަމަށެވެ. އެކަމުން ވެސް ނިއުރޯސާޖަރީގެ ދާއިރާ އިން އިތުރަށް މީހުން ތަމްރީނުކުރަން ޖެހޭކަން ހާމަވެގެންދާ ކަމަށް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި މިހާރު ވެސް ރަނގަޅު ފެންވަރަކަށް، ސިކުނޑި އާއި މައިބަދައިގެ އެންޑޯސްކޮޕިކް އަދި މައިކްރޯސްކޮޕިކް ސާޖަރީ ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބަލި މީހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބެމުން އަންނަ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މޮޅެތި ޑޮކްޓަރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ހިދުމަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ނިއުރޯސާޖަރީގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ރާއްޖެ އަށް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފައިސަލް ވިދާޅުވީ ނިއުރޯސާޖަނެއްގެ ގޮތުގައި މި ވަގުތު އެންމެ ޑޮކްޓަރަކު ހުރުމުން ފަރުވާ ހޯދަން ގިނަ ވަގުތު މަޑުކުރަންޖެހޭ ކަމަށެވެ. އެހެންވެ ދެން އޮތް ގޮތަކީ ރާއްޖޭން ބޭރަށް ދިއުން ކަމަށް ވިއަސް ސަރުކާރުގެ ޕޮލިސީއަކަށް ވާނީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"އުއްމީދަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުން، އެކަށީގެންވާ އަދި އަތް ފޯރާ އަގެއްގައި ހިދުމަތް ދިނުން. ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ގޮތުން އެ ދާއިރާ އިން މީހުން ތަމްރީނުކުރުމަކީ ގޮންޖެހުމެއް ކަމަށް ގަބޫލުކުރަން. ނަމަވެސް މި ކޮންފަރެންސަކީ، ނިއުރޯސާޖަރީ އަށް ސިއްހީ ދާއިރާގެ އިތުބާރު ހޯދަން މުހިއްމު ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސްގައި ހަތް ގައުމަކުން ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވި އެވެ. އަދި އޭޑީކޭގައި ކުރާ ސާޖަރީއެއް ކޮންފަރެންސް ތެރޭގައި ލައިވްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިއީ މި ކޮންފަރެންސް ބާއްވާ ދެ ވަނަ އަހަރެވެ. ނަމަވެސް މިދިޔަ އަހަރު އަލަށް ބޭއްވި ކޮންފަރެންސް ހާއްސަކޮށްފައިވަނީ ހަމައެކަނި މައިބަދައާ ގުޅޭ މައްސަލަތަކަށެވެ.